އެއްގަމު ލައިސަންސް ހައްދައި ދިނުމުގެ އަވަސް ޚިދުމަތް ތަޢާރަފު ކޮށްފި

ހއ. އަތޮޅު ކައުންސިލް އިދާރާއިން ދެއްވަމުން ގެންދަވާ އެއްގަމު ލައިސަންސްގެ އަވަސް ޚިދުމަތް ތަޢާރަފު ކޮށްފިއެވެ.

އަތޮޅު ކައުންސިލްގެ 190 ވަނަ ޢާންމު ޖަލްސާއިން ނިންމަވައިގެން ދެއްވަން ފައްޓަވާ މިޚިދުމަތް ދެއްވަނީ މިކަމަށް ކަނޑައެޅިފައިވާ އުސޫލުގައިވާ ގޮތުގެމަތިން ފީއެއް ނަގައިގެންނެވެ. އަވަސް ޚިދުމަތުގެ ފީއަކީ ފަސްސަތޭކަ ރުފިޔާއެވެ.

އަތޮޅު ކައުންސިލުން އެކުލަވައިލާފައިވާ އުސޫލުގައި ބުނެފައިވަނީ މިޚިދުމަތް ތަޢާރަފު ކުރެއްވުމުގެ މަޤްޞަދަކީ ލައިސަންސަށް އެދި ހުށަހަޅާ ދުވަހު ލައިސަންސް ބޭނުންވާނަމަ އެފަދަ ފަރާތްތަކަށް އެ ޚިދުމަތް ލިބޭނެ މަގު ފަހިކުރުމެވެ.

އުސޫލުގައި ބުނެފައިވާގޮތުން މި ޚިދުމަތް ދެވޭނީ އަވަސް ޚިދުމަތަށް އެދި ރަސްމީ ދުވަހެއްގެ 11:00 ގެ ކުރިން ފޯމް ހުށަހަޅާ ފަރާތްތަކަށެވެ. މި ޚިދުމަތް ދެވޭނީ ދުވާލަކު 5 މީހުންނަށް ކަމަށާއި ކުރިއެކޭވެސް އެއްގޮތަށް ލައިސަންސް ކާޑު ހެއްދުމުގެ ފީ ދައްކަން ޖެހޭނެ ކަމަށާއި އަވަސް ޚިދުމަތަކީ މުޅިން ވަކިންދެވޭ ޚިދުމަތެއް ކަންވެސް އަތޮޅު ކައުންސިލުން ޢާންމުކޮށްފައިވާ އިޢުލާންގައި ވެއެވެ.

ނޯޓް: މިކަމާބެހޭ އުސޫލު އަތޮޅު ކައުންސިލްގެ ވެބްސައިޓުން ފެނިވަޑައި ގަންނަވާނެއެވެ.