ވިހާމަރުވާ މީހުންގެ ރެކޯޑް ޒަމާނީ ޓެކްނޮލޮޖީގެ އެހީގައި ބަލަހައްޓަން ފަށަނީ

ދިވެހިރާއްޖޭގައި ވިހާމަރުވާ މީހުންގެ މަޢުލޫމާތު ދުވަހުން ދުވަހަށް ރެކޯޑްކޮށް ބެލެހެއްޓޭނެ ޒަމާނީ ޓެކެނޮލޮޖީގެ ނިޒާމެއް ( އީ- ކައުންސިލް ) ޤާއިމުކޮށް އެނިޒާމަށް ކައުންސިލްތަކާއި ސިއްޙީ ޚިދުމަތްދޭ ތަންތަނުގެ މުވައްޒަފުން އަހުލުވެރި ކުރުމުގެ ޕްރޮގްރާމެއް ލޯކަލް ގަވަރމަންޓް އޮތޯރިޓީގެ އެހީގައި އަތޮޅުތަކުގައި ކުރިއަށް އެބަގެންދެއެވެ.

މި ޕްރޮގްރާމް ހިންގުމަށްޓަކައި ހއ. އަތޮޅު ކައުންސިލްގެ އައި.ޓީ ޓީމް 01 ނޮވެމްބަރ 2020 ވަނަ ދުވަހު ހއ. އިހަވަންދޫ ކައުންސިލްގެ މުވައްޒަފުންނާއި ސިއްޙީ މަރުކަޒުގެ މުވައްޒަފުންނަށް ތަމްރީންދީ ނިންމާ މިހާރު މަސައްކަތް ކުރެވެމުންދަނީ ހޯރަފުށީގައެވެ. މިހާތަނަށް 07 ރަށެއްގައިވަނީ މި ޕްރޮގްރާމް ހިންގިފައެވެ.

ހުސްވި އޮކްޓޯބަރ މަހުން ފެށިގެން ކުރިއަށް ގެންދާ މި ޕްރޮގްރާމްގައި ހއ. އަތޮޅުގައި މީހުން ދިރިއުޅޭ 14 ރަށުގައި މި ޓްރޭނިންގ ޕްރޮގްރާމް ހިންގުމަށް ހަމަޖެހިފައިވެއެވެ. ” ގެމަން ” ޕޯޓަލް މެދުވެރިކޮށް ވިހާމަރުވާ މީހުންގެ ރެކޯޑްތައް ބެލެހެއްޓުމުގެ އިތުރަށް މި ނިޒާމުގެ ތެރެއިން އުފަންދުވަހުގެ ރަޖިސްޓްރީއާއި އުފަން ދުވަހުގެ ސެޓްފިކެޓް ދުވަހުން ދުވަހަށް ތައްޔާރު ކުރުމުގެ ގާބިލްކަން މި ސޮފްޓްވެއަރގެ ތެރެއިން ލިބިގެންދާނެއެވެ.

މީގެކުރިން ވިހާމަރުވާ މީހުންގެ ރެކޯޑްތައް ބަލަހައްޓަމުން ގެންގޮސްފައިވަނީ ފޮތުގައި ލިއެގެން ބަލަހައްޓާ ގޮތަށެވެ. އެހެންނަމަވެސް މިހާރު ތަޢާރަފު ކުރެވުނު މި ނިޒާމަކީ ސަރުކާރުގެ ވިޔުގަރ ތެރެއިން ވިހާމަރުވާގެ ރެކޯޑް ބެލެހެއްޓުމަށް ނޭޝަނަލް ސެންޓަރ ފޯ އިންފޮމޭޝަން ޓެކްނޮލޮޖީގެ އެހީގައި ތައްޔާރުކޮށްފައިވާ ސޮފްޓްވެއަރގެ އެހީގައި ލިބުނު ކުރިއެރުމެކެވެ.