ދިއްދޫން ތިންމީހަކު ކޮވިޑަށް ފައްސި ވެއްޖެ

ދިއްދޫގައި ހޯމް ކަރަންޓީނު ކޮށްފައި ތިބި ބަޔަކު ކޮވިޑް-19 އަށް ފައްސި ވެއްޖެއެވެ.

މަޢުލޫމާތު ލިބިފައިވާ ގޮތުގައި ދިއްދޫން ފައްސި ވެފައިވަނީ ބޭސް ފަރުވާއަކަށް މާލެގޮސް ރަށަށް އައި ކުޑަ ކުއްޖަކާއި 2 އަންހެނެކެވެ.

ދިއްދޫ ކައުންސިލުން ހާމަކޮށްފައިވާ ގޮތުގައި ދިއްދޫގެ ފުލެޓް ނަންބަރު 155 ގައި ހޯމް ކަރަންޓީނުގައި ތިބި މީހުންގެ ތެރެއިން ބައެއް މީހުން ކޮވިޑް-19 އަށް ފައްސި ވެފައިވާތީ އެކަން ރައްޔިތުންގެ ސަމާލުކަމަށް ގެންނަވާފައި ވެއެވެ. އަދި މި މީހުންނާ ޑައިރެކްޓް ކޮންޓެކްޓް ވެފައިވާ ފަރާތެއް ހުރިނަމަ، އެކަން 7285536، 7285548، 9531204، 9531203 އަދި 9550053 ނަންބަރު ފޯނަށް ގުޅުއްވާ މަޢުލޫމާތު ހިއްޞާ ކުރުމަށް ދިއްދޫ ކައުންސިލުން އެދި ވަޑައިގެންފައި ވެއެވެ.

ދިއްދޫ ކައުންސިލުން ވިދާޅުވިގޮތުގައި ހޯމް ކަރަންޓީނުގައި ތިބޭ މީހުންނާ، ބައްދަލުކުރުމަށް އެއްވެސް މީހަކު ނުދިއުމަށާއި ކަރަންޓީނުގައި ތިބި މީހުންގެ ޒަރޫރީ ކަންކަން ފުރިހަމަކޮށް ދިނުމުގައި އެހީތެރިވާ މީހުން ވެސް ރައްކާތެރިކަމުގެ ފިޔަވަޅުތަކާއެކު އެމަސައްކަތްތައް ކުރުމަށް ދިއްދޫ ކައުންސިލުން ވަނީ އެދިފައެވެ.

ފަހަކަށްއައިސް ރާއްޖޭގެ ގިނަ ރަށްތަކަކުން އަންނަނީ ހޯމް ކަރަންޓީނުގައި ތިބޭ މީހުން ކޮވިޑަށް ފައްސި ވަމުންނެވެ.