އުތުރަށް މިހާރު ކުރަމުންދާ ވިއްސާރައިގައި ކެލާގައި ފެންބޮޑުވެއްޖެ

އުތުރަށް މިހާރު ކުރަމުންދާ ވިއްސާރައިގައި ހއ. ކެލާގައި ފެންބޮޑުވެ ބައެއް ގޭގެއަށް ފެންވަދެއްޖެއެވެ.

މެދު ނުކެޑި އިއްޔެއާއި މިއަދު ކެލައަށް ކުރަމުންދާ ވިއްސާރައިގައި ކެލާގައި ފެންބޮޑުވެ ބައެއް ގޭގެއަށް ފެންވަދެ ހިފާގެންގުޅޭ ތަކެއްޗަށާއި ފަރުނީޗަރަށް ގެއްލުން ވެފައިވާ ކަމުގެ މަޢުމޫމާތު ލިބިއްޖެއެވެ.

ކެލާގައި ބޮޑުވެފައިވާ ފެން ހިންދުމުގެ މަސައްކަތް ފުލުހުންނާއި ކެލާ ކައުންސިލާއި ކެލާ ފެނަކައާއި ވޮލަންޓިއަރުން ގުޅިގެން ކުރަމުންދާ ކަމަށް ކެލައިން މަޢުލޫމާތު ލިބެއެވެ. އަދި މީގެއިތުރުން ވެލި ގޯނި ޖެހުމުގެ މަސައްކަތްވެސް ކުރިއަށް ދާކަމުގައި ވެއެވެ.

މޫސުމާބެހޭ ގައުމީ އިދާރާގެ ތަފާސް ހިސާބުގައިވާ ގޮތުން 29 މެއި 2020 ވަނަ ދުވަހުގެ 8:00 ން 30 މެއި 2020 ވަނަ ދުވަހުގެ 8:00 އަށް އެންމެ ގިނައިން ވާރޭ ވެހިފައިވަނީ ހއ. ކެލައަށެވެ. އެއީ 178 މިލްމީޓަރުގެ ވާރެއެވެ. މިއީ ހދ. ހަނިމާދޫ އަށްވުރެ 19 މިލްމީޓަރު ވާރޭ އިތުރުވުމެކެވެ.

މަޢުލޫމާތު ލިބުނު ގޮތުގައި ދިރިއުޅެވެން ނެތިގެން މިހާތަނަށް އެއްވެސް ބަޔަކު އެހެން ތަނަކަށް ބަދަލު ކޮށްފައެއް ނުވެއެވެ.