ކޯވިޑް 19 އާއި ގުޅިގެން ސަރުކާރުގެ އޮފީސްތައް ބަންދު
ދުނިޔޭގައި ހަލުއިކަމާއެކު ފެތުރެމުންދާ ނުރައްކާތެރި ކޮރާނާވައިރަހުގެ ސަބަބުން ޖެހޭ ބައްޔެއްކަމަށްވާ ކޯވިޑް19 ކޮންޓްރޯލް ކުރުމަށް ސަރުކާރުން އަޅުއްވާ ފިޔަވަޅެއްގެ ގޮތުގައި 19 މާރޗް 2020 ވާ ބުރާސްފަތި ދުވަހުން ފެށިގެން 26 ވާ ބުރާސްފަތި ދުވަހުގެ ނިޔަލަށް ސަރުކާރު ބަންދު ކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ނިންމަވައިފިއެވެ.
ކޯވިޑް19 އާއި ގުޅިގެން ސަރުކާރު އޮފީސްތައް ބަންދު ކުރެއްވިނަމަވެސް ރައްޔިތުންނަށް ދޭންޖެހޭ އަސާސީ ޚިދުމަތް ދަތިނުވެ ލިބޭނެ އިންތިޒާމް ހަމަޖެއްސެވުމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުންވަނީ ސަރުކާރުގެ މުވައްސަސާތަކަށް އަންގަވާފައެވެ. އެހެންކަމުން އެޚިދުމަތް ދިނުމަށްޓަކައި ކަމާބެހޭ މުވައްސަސާތަކުން އަންނަނީ އެކި ވަސީލަތް މެދުވެރިކޮށް މުވައްޒަފުން ގޭގައި ތިއްބަވައިގެން ޚިދުމަތް ދެވޭނެ އިންތިޒާމް ހަމަޖައްސަވަމުންނެވެ.
ސަރުކާރު އޮފީސްތައް އެއް ހަފުތާގެ މުއްދަތަށް ބަންދުކުރި ނަމަވެސް މިބަލީ ފެތުރުން ކޮންޓްރޯލް ކުރެވެންއޮތީ އެންމެން އެއްތަނަކަށް އެއްވެ ނޫޅުންކަމަށް ވާތީ 26 މާރިޗް 2020 ވަނަ ދުވަހުން ފެށިގެން އިތުރު ދެ ހަފުތާއަށްވަނީ ސަރުކާރު ބަންދުކޮށްފައެވެ.
މި ނުރައްކާތެރި ބަލި ފުރަތަމަ ފެށިގެންއައީ ޗައިނާގެ ވޫހާން ސިޓީންނެވެ. ބަލީގެ ނުރައްކާތެރިކަން ބޮޑުކަމުން މިއީ ދުނިޔޭގައި ފެތުރެމުންދާ ރޯގާއެއްކަމަށް ދުނިޔޭގެ ސިއްޙަތު ޖަމްޢިއްޔާއިންވަނީ ކަނޑައަޅާފައެވެ. އަދި މިބަލިން ރައްކާތެރިވުމަށްޓަކައި ދުނިޔޭގެ ގައުމުތަކުން ހަރުދަނާ ފިޔަވަޅުތަކެއް އެޅުއްވުމަށްވެސް ވަނީ އެ ޖަމްޢިއްޔާއިން ގޮވާލައްވާފައެވެ.
މި ބައްޔަކީ އަލަށް އުފަންވެފައިވާ ބައްޔަކަށްވެފައި އަދި ފަރުވާއެއް ހޯދިފައިނުވާ ބައްޔަކަށްވާތީ ގިނަބަޔަކު މިބަލީގައި މަރުވަމުން ގޮސްފައިވެއެވެ. މިގޮތުން ދިވެހިރާއްޖޭގައިވެސް މި ބައްޔަށް މީހަކު ޕޮޒިޓިވްވެފައިވަނީ 07 މާރިޗް 2020 ގައެވެ. ނަމަވެސް މިބައްޔަށް ރައްކާތެރިވުމަށް ކުރިން ދުރާލާ ސަރުކާރުން އެޅުއްވި ހަރުދަނާ ފިޔަވަޅުތަކުގެ ސަބަބުން މި ރޯގާވަނީ ދިވެހިރާއްޖޭގައި ކޮންޓްރޯލް ކުރެވިފައެވެ. ދިވެހިރާއްޖެއިން މިހާތަނަށް 19 މީހަކަށް މި ބަލިވަނީ ޖެހިފައެވެ. އެއީ 15 ބިދޭސީންނާއި 4 ދިވެއްސަކަށެވެ. މިބަލީގައި ރާއްޖެއިން މިހާތަނަށް މީހަކު މަރުވެފައެއް ނުވެއެވެ. މުޅި ދުނިޔެއިން މިބަލީގައި 108,000 އަށްވުރެ ގިނަ މީހުން މަރުވެ 1,780,000 އަށްވުރެ ގިނަބަޔަކަށް ވަނީ ބަލި ޖެހިފައެވެ.
ދުނިޔެއަށް ކުރިމަތިވި މި ބޮޑު މުސީބާތާއި ގުޅިގެން ރާއްޖޭގެ ޓޫރިޒަމް އިންޑަސްޓްރީގައި މަސައްކަތްކުރާ ގިނަބައެއްގެ ވަޒީފާ ގެއްލި ރިޒޯޓްތައް ހިންގުން ހުއްޓި ޓޫރިޒަމަށްވަނީ ބޮޑެތި ގެއްލުންތަކެއް ކުރިމަތިވެފައެވެ.