ކޮރޯނާ ވައިރަސްއަށް ރައްޔިތުން ހޭލުންތެރި ކުރުން

ދުނިޔޭގައި މިހާރު ފެތުރެމުންދާ ނުރައްކާތެރި ކޮރޯނާ ވައިރަސް ނުވަތަ ކޮވިޑް 19 އާ ބެހޭގޮތުން ރައްޔިތުން ހޭލުން ތެރި ކުރުމަށްޓަކައި މަޢުލޫމާތު ފެތުރުމުގެ ބޭނުމުގައި ހއ. އަތޮޅު ކައުންސިލް އިދާރާގެ ޑިޖިޓަލް ނޯޓިސްބޯޑް މެދުވެރިކޮށް ޑޮކްޓަރގެ އިރުޝާދާއި ހެލްތު ޕްރޮޓެކްޝަން އެޖެންސީގެ އެންގެވުންތައް 24 ގަޑިއިރު ލިބޭނެގޮތް ހުސްވި ފެބުރުއަރީ މަހުން ފެށިގެންވަނީ ހަމަޖައްސައިފައެވެ.

ނޯޓިސްބޯޑް މެދުވެރިކޮށް ލިބިދޭ މަޢުލޫމާތުގެ ތެރޭގައި ބަލީގެ ވައިރަސް ފެތުރޭގޮތާއި މިބަލިން ރައްކާތެރިވުމަށް އެޅިދާނެ ފިޔަވަޅުތަކާއި ފޭސް މާރސްކް އަޅާނެ ގޮތާއި މި ބަލި ޖެހުނީމާ ވާގޮތާއި އަދި އަރިދަފުސް ރޯގާ ޖެހުމުން ފަރުދީ ފެންވަރުގައި އަމަލުކުރާނެ ގޮތްތައް ޑޮކްޓަރ މެދުވެރިކޮށް އޮޅުން ފިލުވައި ދެމުން ގެންދެވެއެވެ.

ނުރައްކާތެރި މިރޯގާ ފުރަތަމަ ފެށުނީ ޗައިނާއިންނެވެ. ނަމަވެސް މިހާރު މުޅިދުނިޔެއަށް މި ރޯގާ ފެތުރި މިހާތަނަށް 90,000 އަށްވުރެ ގިނަ މީހުންނަށް ބަލިޖެހި 3000 އަށްވުރެ ގިނަ މީހުންވަނީ މަރުވެފައެވެ.

ދުނިޔޭގެ ސިއްޙަތު ޖަމްޢިއްޔާ ޑަބްލިޔޫ. އެޗް. އޯއިން ވަނީ މި ރޯގާގެ ނުރައްކާތެރި ކަމުގެ ބޮޑުކަމުން ދުނިޔޭގެ ގައުމުތަކުން ސަމާލުވުމަށް ގޮވާލާފައެވެ.