ކަނޑުގައި ދުއްވާ އިންޖީނުލީ އުޅަނދު ދުއްވުމުގެ ލައިސަންސް ހޯރަފުށިން ދޫކުރަނީ

ކަނޑުގައި ދުއްވާ އިންޖީނުލީ އުޅަނދުފަހަރު ދުއްވުމުގެ ލައިސަންސް ހއ. ހޯރަފުށިން ދޫކުރެވޭނެގޮތް ހަމަޖައްސަވައި އެކަމުގެ އެއްބަސްވުމުގައި ހއ. އަތޮޅު ކައުންސިލާއި ހޯރަފުށީ ކައުންސިލާ ދެމެދު މިއަދު ސޮއިކުރައްވައިފިއެވެ.

ހޯރަފުށީ ކައުންސިލް އިދާރާގައި ބޭއްވުނު މި ރަސްމިއްޔާތުގައި އަތޮޅު ކައުންސިލްގެ ފަރާތުން ސޮއިކުރެއްވީ އަތޮޅު ކައުންސިލަރ އަލްފާޟިލް އިބްރާހީމް ރަޝީދެވެ. ހޯރަފުށީ ކައުންސިލްގެ ފަރާތުން ސޮއިކުރެއްވީ އެ ކައުންސިލްގެ ރައީސް އަލްފާޟިލް މުޙައްމަދު ވަޙީދެވެ.

މީގެކުރިން ކަނޑުގައި ދުއްވާ އުޅަނދުފަހަރު ދުއްވުމުގެ ލައިސަންސް ދޫކުރަނީ އަތޮޅު ކައުންސިލް އިދާރާއިންނެވެ. އެހެންކަމުން ލައިސަންސް ބޭނުންވާ ފަރާތްތަކުން ޖެހެނީ ދިއްދުއަށް ދުރުވެ ލައިސަންސް ނެގުމާބެހޭ ކަންކަން ފުރިހަމަ ކުރާށެވެ. އެހެންނަމަވެސް މިއަދު ސޮއިކުރެވުނު އެއްބަސްވުމާ ގުޅިގެން ހޯރަފުށީ ރައްޔިތުން ހޯރަފުށީގައި ތިއްބަވައިގެން ލައިސަންސް ލިބޭނެގޮތް ހަމަޖެހިގެން ދިޔައީއެވެ.

މިޚިދުމަތް ހޯރަފުށިން ލިބޭގޮތަށް ހަމަޖެހިގެން ދިއުމުން ހޯރަފުށީ ރައްޔިތުންނަށް ވަރަށްބޮޑު ފަސޭހަތަކެއް ވެގެންދާނެއެވެ.