ރިސޯޓެއްގެ ގޮތުގައި ތަރައްގީކުރަން ގިނަ ވަޒީފާތަކާއެކު ދައްޕަރު

ހއ. ދައްޕަރަކީ ހއ.ފިއްލަދޫގެ އުތުރުން އެރަށާގުޅިފައި އޮތް ވަރަށް ރީތި ފަޅުރަށެކެވެ. އެހެންކަމުން ދައްޕަރުގައި ރިސޯޓެއް ހެދޭނެ ދުވަހަކާމެދު ފިއްލަދޫ ރައްޔިތުންގެ އުއްމީދެއް އަބަދުވެސް އޮންނަކަން އެ މީހުންގެ ވާހަކައިން ހާމަވެއެވެ. ދައްޕަރުގައި ރިސޯޓެއް ތަރައްޤީ ކޮށްފިނަމަ ފަތުރުވެރިކަމުން ރަށުގެ ރައްޔިތުންނަށް ސީދާ ގޮތުންނާއި ނުސީދާ ގޮތުން ނަފާ ލިބިގެން ދާނެއެވެ. ފަތުރުވެރިކަމަށް އަލަށް އިޢުލާންކުރި ރަށްތަކުގެ ތެރޭގައި ދައްޕަރު ވެސް ވަނީ އިޢުލާން ކޮށްފައެވެ. ރިސޯރޓް ތަރައްޤީ ކުރުމަށް ދައްޕަރުން 60 ހެކްޓަރ ބިން ކަނޑައަޅާފައި ވާކަމަށް މަޢުލޫމާތު ލިބިއެވެ.

ޖިއޮގްރަފީގޮތުން ފިއްލަދުއާއި ދައްޕަރު އޮންނަނީ އެއްފަސްގަނޑަކަށް އެއްރަށެއްގެ ގޮތުގައެވެ. ފިއްލަދޫ އާބާދުވުމުގެ ކުރިން ފުރަތަމަ މީހުން އާބާދުވީ ދައްޕަރުގައި ކަމަށް ތުންތުން މަތިން ކިޔައި އުޅެއެވެ. އޭރު ފިއްލަދޫ އޮތީ ފިނޮޅެއްގެ ގޮތުގައި ކަމަށްވެސް ބުނެވެއެވެ. ދައްޕަރުގައި އުޅުނު މީހުން ފަހުން ފިއްލަދުއަށް ބަދަލުވެ އެރަށް އާބާދުވީކަމަށް ވެސް ވާހަކަ ދެކެވެއެވެ. ނަމަވެސް އެއީ ކިހާ ވަރެއްގެ ޙަޤީޤަތެއް ކަމެއް ނޭނގެއެވެ. ހަމަގައިމުވެސް ދައްޕަރުގައި ޤަބުރުސްތާނެއް އޮތުމުން އެރަށުގައި ކޮންމެވެސް ޒަމާނެއްގައި ބަޔަކު އުޅެފައިވާކަން ތާރީޚުން އެގެން އެބައޮތެވެ.

ދައްޕަރު ފިއްލަދޫގެ ބައެއްގެ ގޮތުގައި ކަނޑައެޅިފައި ވަނީ ރައީސް އިބްރާހީމް ނާސިރު ވެރިކަމުގައެވެ. ނަމަވެސް އިދާރީގޮތުން މިހާރު ދައްޕަރު ވަނީ ފަޅުރަށެއްގެ ގޮތުގައި ކަނޑައަޅައިފައެވެ. ދައްޕަރަކީ ވަރަށްގިނަ ރުއްގަހާއި ބޮޑު ކުޅިއެއް އޮތް ނަލަ ރަށެކެވެ. ދައްޕަރު ޓޫރިސްޓް ރިސޯރޓެއްގެ ގޮތުގައި ތަރައްޤީ ކުރުވޭނީ އެރަށުގެ ކުޅިއާއި އެނޫން ވެސް ޤުދުރަތީ ގޮތުން ލިބިފައިވާ ވަޞީލަތްތަކަށް ގެލުންނުވާގޮތަށްކަމަށް ފަތުރުވެރިކަމާބެހޭ ވަޒީރު ޢަލީ ވަހީދު ވަނީ ވިދާޅުވެފައެވެ. “ޤުދުރަތީގޮތުން ދައްޕަރަށް ލިބިފައި އޮތް އެންޔަރަމަންޓް ރިޒާވެއް، ހަލާކުނުވާ ގޮތަކަށް ނޫން ގޮތަކަށް، އެރަށުގައި ޓޫރިޒަމް ތަރައްޤީއެއް ނުކުރާނަން” ޓޫރިޒަމް މިނިސްޓަރ ޢަލީ ވަހީދު ވިދާޅުވިއެވެ.

ރަށުފަތުރުވެރިކަމަށް ބިންދޫކުރުމަށް ކުރިން ކަނޑައެޅިފައި އޮތްގޮތުން ފިއްލަދޫ އާންމު ރައްޔިތުންނާއި ކައުން ސިލަށް ވެސް ހީކުރެވިފައި އޮތީ ދައްޕަރު ތަރައްޤީ ކުރެވޭނީ ގެސްޓްހައުސް ކޮންސެޕްޓަށްކަމަށެވެ. އަލަށް ރިސޯރޓް ހަދަން ކަނޑައެޅި ރަށްތަކުގެ ތެރޭގައި ދައްޕަރު ހިމެނިގެން ދިޔައީ ރިސޯރޓް ކޮންސެޕްޓަށް ދައްޕަރު ތަރައްޤީކުރުމަށް ކައުންސިލުން ފަތުވެރިކަމާބެހޭ ވުޒާރާގައި އެދިފައިވަނިކޮށްކަމަށް ކައުންސިލުން ވިދާޅުވެއެވެ.

ފަތުރުވެރިކަމަށް އަލަށް ތަޢާރަފުކުރި ރަށްތަކުގެ ތެރެއި ށ. ނަލަންދޫ ފިޔަވައި އެންމެގިނަ އެނދު ތަރައްޤީކޮށް އަދި އެންމެ ގިނަ ވަޒިފާ އުފެދިގެންދާނީ ދައްޕަރު ގައެވެ. ޖުމަލަ 1000 އެދާއެކު 2000 ވަޒީފާގެ ފުރުޞަތު ދައްޕަރުން އުފެދިގެން ދާނެއެވެ. ސީދާ ގޮތުން ރިސޯރޓުގައި އުފެދިގެންދާ ވަޒީފާގެ އިތުރުން ފަތުރުވެރިކަން ތަޢާރަފް ކުރުމުން އުފެދިގެންދާ މަސައްކަތްތަކުން އެތައް ވަޒީފާގެ ފުރުޞަތު ނުވަތަ އާމްދަނީ ލިބޭނެ މަގުތައް ޚާއްސަކޮށް ފިއްލަދޫ އާއި ހއ. އަތޮޅުގެ އެހެން ރަށްތަކަށް ފަހިވެގެންދާނެއެވެ

ފިއްލަދޫ ކައުންސިލްގެ ރައީސް މުޙައްމަދު ފަލާޙު ވިދާޅުވީ ދައްޕަރުގައި އުފެދިގެންދާ ވަޒީފާތަކުގެ ތެރެއިން ފަންނީ ވަޒީފާތައް ފިޔަވައި އެހެން ވަޒީފާތަކަށް ފުރުޞަތު ބޮޑީ ފިއްލަދޫ މީހުންނަށް ކަމަށެވެ. ދައްޕަރު ރިސޯރޓެއްގެ ގޮތުގައި ތަރައްޤީ ވުމުން ދުރު ރިސޯރޓް ތަކުގައި މަސައްކަތްކުރާ ރަށުގެ ޒުވާނުން ވެސް ވަޒީފާތަކަށް އައުމުގެ ފުރުޞަތު އޮންނާނެކަމަށް އޭނާ ވިދާޅުވިއެވެ. މިހާރުވެސް ފިއްލަދޫގެ ވަރަށް ގިނަ ޒުވާނުން ރިސޯރޓްތަކުގައި ދަނީ މަސައްކަތް ކުރަމުންނެވެ

ހއ. އަތޮޅުގައި މިހާރު އޮންނަނީ ދެ ރިސޯޓެވެ. ކުރިން ހިންގަމުން އައި އަލިދޫ ރިސޯރޓް ބަންދު ކުރިފަހުން، ފިއްލަދޫ ސަރަޙައްދުގައި އެއްވެސް ރިސޯރޓެއް ނެތެވެ. އެހެންކަމުން އެސަރަޙައްދަށް ރިސޯރޓެއް ލިބުމަކީ ފިއްލަދޫގެ އިތުރުން އެ ސަރަހައްދުގެ އެހެން ރަށްރަށަށް ވެސް ސީދާ ގޮތުންނާއި ނުސީދާ ގޮތުން ފައިދާކުރާނެ ކަމަކަށް ވެގެން ދާނެއެވެ.