މޮޅަދޫ ބަނދަރު ހެދުމުގެ އުފާވެރި ޚަބަރު

ޒަމާންތަކަކަށްފަހު ހއ. މޮޅަދޫ ބަނދަރު ހެދުމުގެ މަސައްކަތް ސެނޮކް ޓްރޭޑް ކޮންބައިން ޕްރައިވެޓް ލިމިޓެޑާ ސަރުކާރުން ޙަވާލުކުރައްވައިފިއެވެ. 650 ފޫޓް ދިގު 250 ފޫޓް ފުޅާ މިނުގެ މި ބަނދަރަކީ ޒާމާނާ އެއްގޮތަށް ފަރުމާކޮށްފައިވާ ބަނދަރެކެވެ. މި ބަނދަރުގައި 232 މީޓަރގެ ބޭރު ތޮށި 42 މީޓަރު ރިވެޓް މެންޓާއި 70 މީޓަރު ގްރޮއިން 20 މީޓަރގެ އެއްގަމު ތޮށި 20 ބަނދަރު ބައްތިއާއި ރޭންޕަކާއި 600 ސްކްއާމީޓަރ ޕޭވްމަންޓް ހެދުމަށް ހަމަޖެހިފައިވެއެވެ. 365 ދުވަހުގެ ތެރޭގައި ނިންމުމަށް ހަމަޖެހިފައިވާ މި ބަނދަރުގެ މަސައްކަތް ނިމޭއިރު ބަނދަރާ ގުޅިގެން އެއްގަމު ވާޓަރުގައި ގައު އަތުރާގޮތަށް ހަމަޖެހިފައިވާކަމަށް މޮޅަދޫ ކައުންސިލުން މަޢުލޫމާތު ދެއްވިއެވެ.

ހއ. މޮޅަދުއަކީ ބިމުގެ ގޮތުން ބޮޑު ރަށެކެވެ. ބޮޑު މިނުގައި 118 ހެކުޓަރުހުންނަ މިރަށަކީ ފަޅުތިލަވުމުގެ ސަބުންނާއި ބަނދަރެއް ހެދިފައިނެތުމުން ލަފާފުރަން ދަތި ރަށެކެވެ. އެރަށު މީހުން ލަފާފުރުމަށް މިހާތަނަށް ބޭނުންކުރަމުން އަންނަނީ ފާލަމެވެ. ހއ. އަތޮޅުގެ ސާދަ ރަށުގެ ތެރެއިން ބަނދަރު ހެދިފައިނުވާ ހަމައެކަނި ރަށަކީ މޮޅަދުއެވެ. މޮޅަދުއަކީ ހއ. އަތޮޅުގައި އޮތް އާބާދީ އެންމެ މަދު ރަށްވެސްމެއެވެ.

މޮޅަދޫގެ ފަޅު ކިތަންމެ ބޮޑުނަމަވެސް ފަޅަކީ ތިލަފަޅެކެވެ. އެހެންކަމުން ހުޅަނގުމޫސުމުގައި ފަޅުތެރޭގައި ބާނި ބޮޑުވެ ލަފާފުރުމަކީ ވަރަށް ދަތިކަމެވެ. ބައެއްފަހަރު އުޅަނދުފަހަރަށާއި މުދަލަށް ގެއްލުން ލިބޭގޮތް ދިމާވެއެވެ. ވަކިން ޚާއްސަކޮށް ބަލިމީހަކު ފާލަމުން އަރުވަންވެއްޖެ ހާލަތެއްގައި ވަރަށް ދަތިހާލުގައި އުޅެންޖެހެއެވެ. މީގެއިތުރުން ސަރުކާރުން ކުރިއަށް ގެންދަވާ ފެރީ ނިޒާމްގެ ތެރެއިން ބޭނުންކުރާ އުޅަނދުވެސް އެރަށު ފަޅަކަށް ނުވަދެއެވެ. ފެރީ މަޑުކުރަނީ ރަށުގެ ބޭރުމަތީގައެވެ. އެރަށުމީހުން ފެރީއަށް އަރަނީ ކުޑަ ދޯންޏެއްގައި ބޭރަށް ނުކުމެގެންނެވެ.

މޮޅަދޫގެ ތާރީޚަށް ބަލާއިރު ޒަމާނުއްސުރެ އޮޑި ދޯނިފަހަރަށް އަރާއުޅެނީ ކުދި ބޮއްކުރާ ފަހަރުގައެވެ. ހެއޮއެދޭ ފަތާރް ތަކާއި ރަށުގެ ރައްޔިތުން ގުޅިގެން އަޅާފައިވާ ފާލަމެއް އޮތްނަމަވެސް ދިޔަވަރު ހިކި ވަގުތެއްގައި އެ ފާލަމުގެ ބޭނުމެއް ނުކުރެވޭނެއެވެ. އެއީ ފާލަންކައިރި ތިލަކަމުންނެވެ. ނަމަވެސް 2016 ވަނަ އަހަރުގެ ފަހުކޮޅު ސަންޓްރެވަލްގެ އެހީތެރިކަމާއެކު ފާލަން ކައިރިން ފެށިގެން ނެރުމަގާ ހަމައަށް ކޮންމެވެސް ވަރަކަށް ފުންކޮށްފައިވާކަމަށް ވެއެވެ.

މުޅަދޫ އަންހެންވެރިން މަގު ކުނިކަހަނީ

 

 

 

 

 

 

 

 

 

 

މޮޅަދުއަކީ ގުދުރަތީ ޚާއްޞަ ރީތި ސިފަތަކެއް ލިބިފައިވާ އެކުވެރި ރައްޔިތަކު ދިރިއުޅެމުންދާ ހިތްފަސޭހަ ރަށެކެވެ. އާބާދީ ކުޑަނަމަވެސް ރަށް ސާފުތާހިރުކޮށް ބޭއްވުމުގައި މޮޅަދޫ ރައްޔިތުންނަކީ ނަމޫނާ ބައެކެވެ.

މޮޅަދޫ ބަނދަރު ހެދުމުގެ އެއްބަސްވުމުގައި ސޮއި ކުރެވިފައިވަނީ މިމަހުގެ 8 ވަނަ ދުވަހުއެވެ.