ދެރަށެއްގައި އޭ.ޓީ.އެމްގެ ޚިދުމަތް ލިބެން ފަށައިފި

ތިލަދުންމަތީ އުތުރުބުރީ ކެލާ އަދި ބާރަށުގައި އޭ.ޓީ.އެމްގެ ޚިދުމަތް ދެއްވަން މިއަދު ފައްޓަވައިފިއެވެ. ބޭންކް އޮފް މޯލްޑިވްސްއިން ދެއްވަމުން ގެންދަވާ ޚިދުމަތް ރައްޔިތުންނާ ވީހާވެސް ކައިރިން ދެއްވުމަށް ހިންގަވާ މި ޕްރޮގްރާމްގެ ދަށުން މި ދެރަށުގައި ޤާއިމްކޮށްފައިވާ އޭޓީއެމުން ފައިސާ ނެގުމާއި ޖަމާކުރުމުގެ ޚިދުމަތް ލިބޭކަމަށް މަޢުލޫމާތު ލިބެއެވެ.

ކެލާ ކައުންސިލުން ވިދާޅުވި ގޮތުގައި މިއީ ވޭތިވެދިޔަ ފަސްއަހަރު ދުވަހުގެތެރޭގައި ކެލާ ކައުންސިލުންނާއި ރައްޔިތުން ކުރަމުންއައި އުންމީދެއް ޙަޤީގަތަކަށްވެގެން ދިޔަދުވަހެކެވެ. މިއަދު ލިބުނު މި ޚިދުމަތުގެ ސަބަބުން މި ދެރަށުގެ ރައްޔިތުންނަށް ވަރަށްބޮޑު ފަސޭހަތަކެއް ލިބިގެން ހިގައްޖެކަމަށާއި، މިއީ ފައިސާ ޖަމާކުރުމާއި ނެގުމަށް ކެލާ ރައްޔިތުންގެ އިތުރުން ބާރަށުގެ ރައްޔިތުން ބޭންކަށް ކުރަމުން ގެންދިޔަ ދަތުރު ހުއްޓުމަކަށް އައިސް އެކަމަށް ވަރަށްބޮޑު ހައްލެއް ލިބިގެންދިޔަ ދުވަހެކެވެ.

މީގެކުރިން ކެލާ ރައްޔިތުން ފައިސާ ނަގަމުން ގެންދަނީ ދިއްދުއަށް އައިސް ބޭންކްގެ އޭޓީއެމުން ކަމަށާއި މިހާރު ރަށުގައި ތިބެގެން ފައިސާ ނެގޭގޮތް ވުމުން އެކަމާ ރައްޔިތުން ވަރަށްބޮޑަށް އުފާކުރާކަމަށްވެސް ކެލާ ކައުންސިލްގެ ރައީސް ވިދާޅުވިއެވެ. ބޭންކްގެ ޚިދުމަތް 24 ގަޑިއިރު ލިބޭގޮތަށް ޤާއިމުކުރެވުނު މި ޚިދުމަތުގެ ސަބަބުން ފަތުރުވެރިކަމަށާއި އެރަށްރަށަށް ދަތުރުކުރައްވާ އެހެނިހެން ފަރާތްތަކަށްވެސް ފަސޭހަވެގެން ދާނެއެވެ.