ޤައުމީ ތަރައްޤީއާބެހޭ ސަރަހައްދީ މަޝްވަރާ ބައްދަލުވުމެއް ބާއްވައިފި

މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ އެންޑް އިންފްރާސްޓްރަކްޗަރ އިން ހއ. އަތޮޅާއި ހދ. އަތޮޅަށް އަމާޒު ކުރައްވައިގެން ޤައުމީ ތަރައްޤީއާބެހޭ މަޝްވަރާ ބައްދަލުވުމެއް ބާއްވައިފިއެވެ.

މިހިނގާ ޖުލައި މަހުގެ 22 ން 23 އަށް ތިލަދުންމަތީ ދެކުނުބުރީ ކުޅުދުއްފުށީގައި ބޭއްވުނު މި ބައްދަލުވުމުގައި ހއ. އަތޮޅުގެ ރަށުކައުންސިލްތަކާއި ކްލަބު ޖަމްޢިއްޔާތަކާއި އަތޮޅު ކައުންސިލްގެ ފަރާތުން މަންދޫބުން ބައިވެރިވެ ވަޑައިގެންނެވިއެވެ. މި ބައްދަލުވުމުގައި މަޢުލޫމާތު ދެއްވީ ޤައުމީ ތަރައްޤީއަށް އަމާޒު ކުރައްވައިގެން ކުރިއަށް އޮތް ދިހަ އަހަރަށް ސަރުކާރުން އެކުލަވައިލެއްވުމަށް ހަމަޖެހިފައިވާ ޕްލޭނާ ބެހޭގޮތުންނެވެ.

މި މަޝްވަރާ ބައްދަލުވުމުގައި މަޝްވަރާ ކުރެވުނީ މި ސަރަޙައްދު ( ތިލަދުންމަތި ) ތަރައްޤީ ކުރުމުގައި އެކި ދާއިރާތަކުން ލިބެންހުރި ފުރުސަތުތަކާއި ދިމާވެފައިވާ ގޮންޖެހުންތަކާއި، ގޮންޖެހުންތައް ހައްލުކުރުމަށް އެޅިދާނެ ފިޔަވަޅުތަކާއި، ދެމެހެއްޓެނިވި ގޮތެއްގައި ތަރައްޤީގެ ފުރުސަތުތައް ރައްޔިތުންނަށް ފޯރުކޮށް ދިނުމާ ބެހޭގޮތުންނެވެ.

ބައްދަލުވުމުގައި ބައިވެރިވެ ވަޑައިގެންނެވި ބޭފުޅުން ގްރޫޕްގެ ހުށަހެޅުން ތަޢާރަފް ކޮށްދެއްވަނީ

މައިގަނޑު އަށްކަމަކަށް މި ބައްދަލުވުމުގައި ބަލާލެވިފައިވެއެވެ. އޭގެ ތެރޭގައި އެކަށީގެންވާ ތަޢުލީމީ ފުރުޞަތުތައް މި ސަރަހައްދުން ލިބެން ހުރުމާއި، ފެންވަރު ރަނގަޅު ސިއްޙީ ޚިދުމަތާއި، ޒުވާނުންނަށް ވަޒީފާގެ ފުރުސަތު ލިބޭނެ މަގުފަހިކޮށް ދިނުމާއި، ޓޫރިޒަމްގެ ސިނާއަތު މިސަރަޙައްދަށް ފުޅާ ކުރުމާއި، ހަނިމާދޫ އިންޓަރނޭޝަނަލް އެއަރޕޯޓް ތަރައްޤީކޮށް ބޭރުގެ ފްލައިޓްތައް ޖެއްސޭނެގޮތް ތަނަވަސްކޮށް، އިތުރު މަންޒިލްތަކަށް ދަތުރު ކުރެވޭނެ ފުރުސަތު ހޯދައި ދިނުމާއި، އަގުހެޔޮ ޕަބްލިކް ޓްރާންސްޕޯރޓްގެ ޚިދުމަތް ޤާއިމުކޮށް މިހާރަށްވުރެ ރަނގަޅު ސްޕީޑްގައި އެއްރަށުން އަނެއްރަށަށް ދަތުރު ކުރެވޭނެގޮތް ހަމަޖައްސައި ދިނުމާއި، މަސްވެރިކަމާއި، ދަނޑުވެރިކަން ކުރެވޭނެ ފުރުސަތު މިހާރަށްވުރެ ރަނގަޅު ފެންވަރުގައި، ޒަމާނީ ވަސީލަތްތަކުގެ އެހީގައި ހޯދައި ދިނުމާއި، މި ސަރަހައްދުގައި ޤާއިމު ކުރެވިފައިވާ އެގްރިކަލްޗަރ ސެންޓަރ ހަރުދަނާކޮށް ހިންގުމާއި، ދަނޑުވެރިން އުފައްދާ ބާވަތްތަކަށް އެކަށީގެންވާ އަގެއް ލިބޭނެމަގު ފަހިކޮށް ދިނުމާއި، އަދި މީގެއިތުރުން ތިމާވެށީގެ މައްސަލަތަކަށް އަމާޒު ކުރައްވައިގެން ތަރައްޤީގެ މަޝްރޫތައް ހިންގުމާ ބެހޭގޮތުންވެސް ވާހަކަ ދެކެވުނެވެ.

މި ބައްދަލުވުމުގައި ގިނަ ބައިވެރިން އެންމެ ކަންބޮޑުވީ މައްސަލައަކަށް ނެންގެވީ ޤައުމީ ތަރައްޤީގެ ޕްލޭނެއްގެ މުހިންމުކަމާއި، މިފަދަ ޕްލޭންތައް އެކުލަވައި ލެއްވުމަށްފަހު ވެރިކަމުގެ ދައުރު ބަދަލުވުމާއެކު ޕްލޭނަށް ޢަމަލު ކުރުމަކީ ކޮންމެ ސަރުކާރެއްގެވެސް އަމާޒަކަށް ވާންޖެހޭނެފަދަ ހަރުދަނާ ޤާނޫނީ ބާރުވެރިކަމެއް ނެތުމުންނެވެ.