ހޯރަފުށި

ހޯރަފުށީ ކައުންސިލްގެ އިދާރާގެ ފޮޓޯއެއް


ހޯރަފުއްޓަކީ ހއ. އަތޮޅުގެ މީހުން ދިރިއުޅޭ 4 ވަނަ ރަށެވެ. އަދި އާބާދީގެ ގޮތުން 2 ވަނަ ރަށްވެސް މެއެވެ. ރަށުގެ އާބާދީއަކީ 3465 އެވެ. މިރަށުގައި 1200 ފޫޓްގެ ބަނދަރެއް އޮވެއެވެ. ހޯރަފުއްޓަކީ ހއ. އަތޮޅަށް ބަލާއިރު ޢުމުރާނީގޮތުން ކުރިއަރަމުންދާ މަސައްކަތްތެރި ފަންނުވެރި ބަޔަކު ދިރިއުޅޭ ރަށެކެވެ. ހއ. އަތޮޅު މަދްރަސާ ހުންނަނީ މިރަށުގައެވެ. އަދި އެ މަދްރަސާގައި ގްރޭޑް 10،11،12 އަށް ކިޔަވައި ދެމުންގެންދެއެވެ. މިރަށުގައި ސަރުކާރުން ހިންގާ ޕްރީސްކޫލަކާއި އަމިއްލަ ފަރާތަކުން ހިންގާ ޕްރީސްކޫލެއް ހުރެއެވެ. ހޯރަފުށްޓަކީ 24 ގަޑިއިރު ކަރަންޓްގެ ޚިދުމަތް ލިބެމުންދާ ރަށެކެވެ.

މިރަށުގައި 24 ގަޑިއރުގެ ސިއްޚީ ޚިދުމަތް ދިނުމަށްޓަކައި ސިއްޙީ މަރުކަޒަކާއި 3 ޑޮކްޓަރުންނާއި، 10 ނަރުހުންނާއި، އިދާރީ 15 މުވައްޒަފުން މަސައްކަތް ކުރެއެވެ. އަދި ލެބޯޓްރީގެ ޚިދުމަތްވެސް ލިބެން ހުރެއެވެ. މިހާރު މި ޞިއްޙީ މަރުކަޒަކީ ލެވެލް 4 ގައި ހިމެނޭގޮތަށް ކުދި އޮޕަރޭޝަންތައް ކުރެވޭނެ ފެންވަރަށް ތައްޔާރުވަމުންދާ ތަނެކެވެ. ވަރަށް އަވަހަށް، ތެލެސީމިއާ ޓެސްޓާއި ތައިރޮޑްގެ ޓެސްޓްގެ ޚިދުމަތްވެސް ލިބިގެންދާނެއެވެ.

މިރަށުގައި ފުލުހުންގެ ޚިދުމަތް ލިބެމުން ދިއުމުގެ އިތުރުން ސަރުކާރުގެ ވިޔަފާރި ކުންފުނި އެސް.ޓީ.އޯގެ ފިހާރައެއްވެސް ހުރެއެވެ.

ރަށުގެ ރައްޔިތުންގެ މައިގަނޑު މަސައްކަތަކީ ވިޔަފާރި ކުރުމާއި ޓޫރިޒަމް ދާއިރާގައި މަސައްކަތް ކުރުމާއި ކޮންސްޓްރަކްޝަން މަސައްކަތް ކުރުމާއި މަސްވެރިކަމުގެ މަސައްކަތް ކުރުމެވެ. ހޯރަފުއްޓަކީ ބޭރުގެ ހިލޭ އެހީއާއެކު ރަށުގެ ޖަމްޢިއްޔާއަކާއި ގުޅިގެން ބޮޑެތި ގްރީންހައުސް ހަދައިގެން ތަޖުރިބާ ކުރުމުގެ ގޮތުން ދަނޑުވެރިކަމުގެ ތަފާތު މަސައްކަތްކުރާ ރަށެކެވެ. މިރަށުގައި ފައިބަރުގެ މަސައްކަތް ފެންވަރު ރަގަޅުކޮށް ކުރަމުން ގެންދެއެވެ. މީގެއިތުރުން ސީ އެމްބިއުލެންސްގެ ޚިދުމަތްވެސް ލިބެން ހުރެއެވެ.

ހޯރަފުށީގެ ހުޅަނގު އުތުރުން އޮންނަ ހއ. އުގުލިފިނޮޅު ވަނީ ގުދުރަތީގޮތުން ހޯރަފުއްޓާގުޅި ރަށުގެ ފަސްގަނޑާ އެކުވެފައެވެ. އެހެންކަމުން އެރަށް މިހާރުވަނީ ހޯރަފުށީގެ ބައެއްގެ ގޮތުގައި ސަރުކާރުން ހަމަޖައްސަވައި ދެއްވާފައެވެ. މީގެ އިތުރުން ހޯރަފުށީ ދެކުނު ފަރާތު ބިންހިއްކައިގެން ދިވެހި ސަރުކާރުން ވަނީ ހޯރަފުށީ އެއަރޕޯރޓްގެ ނަމުގައި 2020 ވަނަ އަހަރު އެއަރޕޯރޓް އަޅާ ބޭނުންކުރަން ފަށާފައެވެ.

 

ހޯރަފުށީ ކައުންސިލް އިދާރާ ފޯން: 6500012

ކައުންސިލްގެ ރައިސް: މުޙައްމަދު ވަޙީދު

ރައީސްގެ ފޯން: 7945313

އީމެއިލް: [email protected]