ކޮންސްޓްރަކްޝަން ދާއިރާއަށް އަމާޒުކޮށް ހިންގި ޕްރޮޖެކްޓް މެނޭޖުމަންޓް ޓްރެއިނިންގ ނިމިއްޖެ

ހއ. އަތޮޅު ކައުންސިލާއި ހއ. އަތޮޅުގެ ރަށު ކައުންސިލްތައް ގުޅިގެން ހއ. އަތޮޅުގައި ކޮންސްޓްރަކްޝަން ދާއިރާގައި މަސައްކަތްކުރައްވާ ބޭފުޅުންނަށް އަމާޒުކޮށްގެން  ހިންގި “ޕްރޮޖެކްޓް މެނޭޖްމަންޓް ސްކިލްސް ފޯރ ސްޕަވައިޒަރސް” ޓްރެއިނިންގ މިއަދު ނިމިއްޖެއެވެ.

ހއ. އަތޮޅު ތަޢުލީމީ މަރުކަޒުގެ ދަރިވަރު އިޒްޔަން ޢިމާދު ޢަބްދުﷲގެ ޤުރްއާން ކިޔެވުމުން ފެށިގެންދިޔަ ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވާފައިވަނީ ހއ. އަތޮޅު ކޮމާންޑަރ އިންސްޕެކްޓަރ އޮފް ޕޮލިސް ޙުސައިން ޝިޒްލީން އެވެ. އެ މަނިކުފާނުގެ ވާހަކަފުޅުގައި މިފަދަ ޓްރެއިނިންގ ޕްރޮގްރާމްތަކުގެ އެންމެ ބޮޑު އެއްބޭނުމަކީ ނަޒާޙާތްތެރިކަމާއެކު ޕްރޮޖެކްޓްތަކުގެ މަސައްކަތްތައް ބަލައި ކޮންޓްރެކްޓަރުން ކުރާ މަސައްކަތުގެ ފެންވަރު ވަޒަންކުރުންކަން ފާހަގަކުރެއްވިއެވެ. އަދި ހއ. އަތޮޅަކީ މިފަދަ މަސައްކަތްތައް އެންމެ ރަނގަޅު ފެންވަރުގައި ކުރެވޭ އަތޮޅަކަށް ވެގެންދިއުމެވެ.

މި ރަސްމިއްޔާތުގައި ލެކްޗަރަރ މުޙައްމަދު ޝާހިދާއި ހއ. އަތޮޅު ކައުންސިލްގެ ސެކްރެޓަރީ ޖެނެރަލްގެ ވާހަކަފުޅު ދެއްކެވުން އޮތެވެ.

މި ޖޫން މަހުގެ 19ން 21 ވަނަ ދުވަހުގެ ނިޔަލަށް ހއ. އަތޮޅު ކައުންސިލްގައި ކުރިއަށް ގެންދިޔަ މި ޕްރޮގްރާމްގައި ހއ. އަތޮޅު ކައުންސިލްގެ ޕްރޮޖެކްޓާ ގުޅޭ މަސައްކަތް ކުރައްވާ މުވައްޒަފުންނާއި ރަށު ކައުންސިލްތަކުން މުވައްޒަފުންނާއެކު 18 ބައިވެރީން ސެޓްފިކެޓް ޙާޞިލްކޮށްފައި ވެއެވެ.

މި ޓްރެއިނިންގ ޕްރޮގްރާމް ފެސިލިޓޭޓްކޮށް ދެއްވާފައި ވަނީ ރިޔަން އިންސްޓިޓިއުޓްގެ ލެކްޗަރަރ މުޙައްމަދު ޝާހިދެވެ.