ހއ. އަތޮޅު ކައުންސިލުން އަތޮޅުގެ ހުރިހާ ރަށަކަށް
ހއ. އަތޮޅު ކައުންސިލްގެ ރައީސާއި ނާއިބު ރައީސް އަދި ކައުންސިލްގެ މެންބަރު އަތޮޅުގެ ހުރިހާ ރަށަކަށް މި މަހުގެ 13ން 21 ށް ދަތުރުކުރައްވަމުން އެބަގެންދަވައެވެ. ކައުންސިލްގެ މި ދަތުރުގައި ކައުންސިލްތަކާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީތަކާއި، ރަށްރަށުގެ މުވައްސަސާތަކުގެ އިސްވެރީންނާ ބައްދަލުކުރުމަށް ހަމަޖެހިފައިވެއެވެ. މީގެ އިތުރުން ރަށްރަށުގެ މުވައްސަސާތަކަށް ޒިޔާރަތްކުރުން ވެސް މި ދަތުރުގައި ހިމެނެއެވެ.
13 އެޕްރީލްގައި ފެށްޓެވި މި ދަތުރުގައި އެ ބޭފުޅުން ފުރަތަމަ ޒިޔާރަތްކުރެއްވީ މޮޅަދޫ، އުލިގަން އަދި ތުރާކުނަށެވެ. އެޕްރީލް 14 ވަނަ ދުވަހު ޒިޔާރަތްކޮށްފައި ވަނީ އިހަވަންދޫއަށެވެ. އިހަވަންދޫއަށް ފަހު ޒިޔާރަތްކުރީ ހޯރަފުށްޓަށެވެ. މި ދަތުރުގައި މިއަދު އަތޮޅު ކައުންސިލްގެ 4 ވަނަ ދައުރުގެ 155 ވަނަ ޢާންމު ބައްދަލުވުން ބާއްވާފައިވަނީ ހޯރަފުށީގައެވެ. އެ ބޭފުޅުން މިއަދު ދެން ވަޑައިގަންނަވާނީ ތަކަންދޫ އަދި މާރަންދުއަށެވެ. 16 އެޕްރީލްގައި ދިއްދޫއަށް ޒިޔާރަތްކުރައްވާނެއެވެ. 17 އެޕްރީލްގައި އުތީމަށް ޒިޔާރަތް ކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ.
ދެވަނަ ހަފްތާގެ ދަތުރު 19 އެޕްރީލްގައި ފެއްޓެވުމަށް ހަމަޖެހިފައިވާއިރު އެ ދުވަހު ޒިޔާރަތް ކުރައްވާނީ، ބާރަށާއި ފިއްލަދުއަށެވެ. އެ ރަށްރަށުގެ މުވައްސަސާތަކުގެ އިސްވެރީންނާއި ޑަބްލިއުޑީސީ އާއި ބައްދަލުކުރެއްވުން އޮންނާނެއެވެ. އަދި 19 ވަނަ ދުވަހުގެރޭ މަޑު ކުރައްވާނީ ވަށަފަރުގައެވެ. 20 ވަނަ ދުވަހު ވަށަފަރުގެ ހުރިހާ މުވައްސަސާތަކަށް ވެސް ޒިޔާރަތް ކުރެއްވުމަށްފަހު ދެން ދަތުރުކުރައްވާނީ މުރައިދޫ އަށެވެ. އެއަށްފަހު ދެން ދަތުރުކުރައްވާނީ ކެލައަށެވެ. އަދި އެޕްރީލް 21 ވަނަ ދުވަހު އޮންނާނީ ކެލާގެ މުވައްސަސާތަކުގެ އިސްވެރިންނާ ބައްދަލުކުރެއްވުމާއި އެ މުވައްސަސާތަކަށް ޒިޔާރަތްކުރެއްވުމެވެ.
މި ދަތުރު ކުރެއްވުމުގެ މަޤްޞަދަކީ ހއ. އަތޮޅުގެ ރައްޔިތުންނަށް މުވައްސަސާތަކުން ދެމުންގެންދާ ޚިދުމަތްތަކާ ގުޅިގެން އެކި ކަންކަމުގައި މަޝްވަރާކުރެއްވުމެވެ. އެ ގޮތުން، ކައުންސިލްގެ 4 ވަނަ ދައުރުގައި ހއ. އަތޮޅުގެ ރައްޔިތުންނަށް އެކިގޮތްގޮތުން އެހީތެރިވުމާއި ކައުންސިލްތަކުގެ މުވައްޒަފުން ވަޒީފާގެ މާހައުލުގައި މަސައްކަތް ކުރެއްވުމުގައި ފަހިކޮށްދިނުމަށް ކޮންމެ އަހަރަކު ތަމްރީންތައް ދިނުމާއި، ސްކޫލްތަކާއި ޑަބްލިޔުޑީސީ ތަކާއި ޖަމްޢިއްޔާތަކަށް ތަފާތު ގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދިނުމަކީ ވެސް ކައުންސިލްގެ މި ދައުރުގައި އެންމެ އިސްކަން ދޭކަންތަކެވެ. މި ދަތުރަކީ 4 ވަނަ ދައުރުގެ 149 ވަނަ ކައުންސިލް ބައްދަލްވުމުން ފާސްކޮށް ވޯރކް ޕްލޭންގައި ހިމެނި ބަޖެޓްކުރެވިފައިވާ ދަތުރެކެވެ.