ހއ.އަތޮޅު ރަށުކައުންސިލްތަކަށް ބަގީ އާއި އަތޮޅުގެ ސްކޫލްތަކުގައި ސްޓަޑީ ކޭމްޕް ބޭއްވުމަށް މާލީ އެހީދިނުމުގެ އެއްބަސްވުމުގައި ސޮއި ކުރުމުގެ ރަސްމިއްޔާތު ބާއްވައިފި
ހއ.އަތޮޅު ރަށުކައުންސިލްތަކަށް ބަގީ ޙަވާލުކުރުމާއި އަތޮޅުގެ ސްކޫލްތަކުގައި ސްޓަޑީ ކޭމްޕް ބޭއްވުމަށް މާލީ އެހީދިނުމުގެ އެއްބަސްވުމުގައި ސޮއި ކުރުމުގެ ރަސްމިއްޔާތު މިއަދު ހެނދުނު ހއ. ދިއްދޫގައި ބާއްވައިފި. ގަޑިން ހެނދުނު 9:30 ގައި ހއ. ދިއްދޫ ބަނދަރު ސަރަޙައްދުގައި ބޭއްވި މި ރަސްމިއްޔާތުގައި ރަށުކައުންސިލްތަކަށް ބަގީ ޙަވާލުކުރުމުގެ އެއްބަސްވުމުގައި ހއ. އަތޮޅު ކައުންސިލްގެ ފަރާތުން ސޮއި ކުރެއްވީ ތިލަދުންމަތީ އުތުރުބުރީ އަތޮޅު ކައުންސިލްގެ ރައީސް މޫސާ ޝަފީޤެވެ. އަދި ރަށު ކައުންސިލްތަކުގެ ފަރާތުން ސޮއިކުރެއްވީ ރަށުކައުންސިލްތަކުގެ ރައީސުންނެވެ.
ސްކޫލްތަކުގެ ސްޓަޑީ ކޭންޕު ކުރިއަށް ގެންދިއުމުގެ އެއްބަސްވުމުގައި ހއ. އަތޮޅު ކައުންސިލްގެ ފަރާތުން ސޮއި ކުރެއްވީ ތިލަދުންމަތީ އުތުރުބުރީ އަތޮޅު ކައުންސިލްގެ ރައީސް މޫސާ ޝަފީޤެވެ. ހއ. އަތޮޅުގެ ސްކޫލްތަކުގެ ފަރާތުން ސޮއިކުރެއްވީ ސްކޫލްތަކުގެ ޕްރިންސިޕަލުންނެވެ.
ކީރިތި ޤުރްއާނުގެ ބަރަކާތުން މި ރަސްމިއްޔާތު ފަށްޓައިދިނީ އަލްޙާފިޘާ ބައްސާމާ ސުލައިމާނެވެ. މި ރަސްމިއްޔާތުގައި މަރުޙަބާ ދެނެނވުމުގެ ގޮތުން ވާހަކަފުޅު ދެއްކެވީ ހއ. އަތޮޅު ކައުންސިލްގެ ސެކްރެޓަރީ ޖެނެރަލް ޢަބްދުއްލަޠީފް ޙަސަނެވެ. މި ރަސްމިއްޔާތުގައި މުރައިދޫ ކައުންސިލްގެ ރައީސް، ހއ. އަތޮޅު ކައުންސިލްގެ ނާއިބު ރައީސްގެ ވާހަކަފުޅު ދެއްކެވުން އޮތެވެ. އަދި ތިލަދުންމަތީ އުތުރުބުރީ އަތޮޅު ކައުންސިލްގެ ރައީސްގެ ވާހަކަފުޅު ދެކެވުން ވެސް މިރަސްމިއްޔާތުގައި އޮތެވެ. އަތޮޅު ކައުންސިލްގެ ރައީސްގެ ވާހަކަފުޅުގައި ލާމަރުކަޒީ ޤާނޫނަކީ ހއ. އަތޮޅު ރައްޔިތުން ވަރަށް ފަރިތަ ޤާނޫނެއް ކަމަށާއި ލާމަރުކަޒީ ޤާނޫނަށް އަހުލުވެރި މިންވަރު ދައްކުވައިދޭ ސަބުއިންޑެކްސިން ވިދިވިދިގެން 4 އަހަރު އެވޯޑް ޙާޞިލް ކުރެވިފައިވާކަން ފާހަގަކުރެއްވިއެވެ. ރައްޔިތުންނާ ގާތުން މިހާރު ދޭ ޚިދުމަތްތަކުގެ އިތުރުން، އިތުރު ޚިދުމަތްތައް ވެސް ކައުންސިލްތައް މެދުވެރިކޮށް ފޯރުކޮށްދޭނެ އިންތިޒާމް ސަރުކާރުން ހަމަޖައްސައި ދެއްވުމަކީ މުހިއްމު ކަމެއްކަމުގައި ރައީސްގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.
މި ރަސްމިއްޔާތުގައި ހއ. އަތޮޅު ކައުންސިލްތަކުގެ ރައީސުންނާއި، ސެކްރެޓަރީ ޖެނަރަލުންނާއި، ހއ. އަތޮޅު ސްކޫލްތަކުގެ ޕްރިންސިޕަލުންގެ އިތުރުން ހއ. ދިއްދޫގެ މުވައްސަސާތަކުގެ ވެރީންނާއި ހއ. އަތޮޅު ކައުންސިލްގެ މުވައްޒަފުން ބައިވެރިވެލެއްވިއެވެ.