ތިލައުތުރު ލާމަރުކަޒީ މަހާސިންތާ ކާމިޔާބުކަމާއެކު ނިންމާލައިފި
ހއ. އަތޮޅު ރަށްތަކަށް އަމާޒުކޮށްގެން އޮގަސްޓު 29- 31ށް ހއ. އަތޮޅު ކައުންސިލުން ބޭއްވި ތިލައުތުރު ލާމަރުކަޒީ މަހާސިންތާ ނިމިއްޖެއެވެ. ހއ. އަތޮޅު ސްޓޭޓްހައުސް ކޮންފަރެންސް ހޯލްގައި 2024 އޮގަސްޓު 31 ވަނަ ދުވަހު މެންދުރުފަހު 13:00 ގައި ބޭއްވި ރަސްމިއްޔާތު ޝަރަފްވެރި ކޮށްދެއްވީ ހއ. އެޓޯލް ކޮމާންޑަރ ޗީފް އިންސްޕެކްޓަރ އޮފް ޕޮލިސް އާދަމް މުޢީނެވެ. މި ރަސްމިއްޔާތުގައި ބައިވެރިވި ފަރާތްތަކަށް ހަނދާނީ ލިޔުން ބައްސަވައިދެއްވީ ޝަރަފްވެރިމެހެމާން އާދަމް މުޢީނުގެ އިތުރުން ތިލަދުންމަތީ އުތުރުބުރީ ދިއްދޫ ކައުންސިލްގެ ނާއިބު ރައީސް އަލްފާޟިލް ޢަބްދުﷲ ވަޙީދާއި، ތިލަދުންމަތީ އުތުރުބުރީ ދިއްދޫ މެޖިސްޓްރޭޓް ކޯޓުގެ ޗީފް އެޑްމިނިސްޓްރޭޓަރ އަލްއުސްތާޛް މުޙައްމަދު އަތީޤާއި، ހއ. ފެމިލީ އެންޑް ޗިލްޑްރަން ސަރވިސް ސެންޓަރުގެ ޕޮލިޓިކަލް ޑިރެކްޓަރ އާމިނަތު ޒުހުދާއެވެ. މި މަހާސިންތާއަށް އަތޮޅުގެ 14 ރަށުގެ ރައީސުންނާއި، ކައުންސިލް މެންބަރުންނާއި، ސެކްރެޓަރީ ޖެނެރަލުންނާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީގެ މެންބަރުންގެ އިތުރު ޖަމްޢިއްޔާތަކުން 70 ބޭފުޅުންނަށް ފުރުޞަތު ދެވިފައިވެއެވެ.
މި މަހާސިންތާގެ މައިގަނޑު މަޤްޞަދަކީ އިދާރީގޮތުންނާއި މާލީގޮތުން ހއ އަތޮޅުގެ ކައުންސިލްތައް ބާރުވެރިކުރުވައި، ފުރިހަމަ ލާމަރުކަޒީ ނިޒާމެއް މުޅި އަތޮޅުގައި ގާއިމުކޮށް ލާމަރުކަޒީ ނިޒާމުގެ ފައިދާ އެދެވޭގޮތުގައި އަތޮޅުގެ ރައްޔިތުންނަށް ފޯރުކޮށްދިނުމެވެ. އަދި މީގެ އިތުރުން މި ނިޒާމު ހަރުދަނާކޮށް ކައުންސިލުތައް ބާރުވެރިކުރުވައި ރަށު ކައުންސިލްތަކަށް މި ނިޒާމު ހަރުދާނާކޮށް ހިންގައި ކުރިއަށްގެންދިޔުމުގައި ދިމާވާ ގޮންޖެހުންތަކަކީ ކޮބައިކަން ދެނެގަނެ އެކަންކަމަށް ހައްލު ހޯދައި ދިނުމެވެ.