ތިލައުތުރު ލާމަރުކަޒީ މަހާސިންތާ ފެށިއްޖެ
ހއ. އަތޮޅު ރަށްތަކަށް އަމާޒުކޮށްގެން އޮގަސްޓު 29- 31ށް ހއ. އަތޮޅު ކައުންސިލުން ބާއްވާ މަހާސިންތާއެއް ހއ. ދިއްދޫގައި ފެށިގެން ކުރިއަށް އެބަދެއެވެ. ހއ. އަތޮޅު ސްޓޭޓްހައުސް ކޮންފަރެންސް ހޯލްގައި ކުރިއަށް ގެންދާ، މި މަހާސިންތާ ފަށްޓަވައި ދެއްވީ ތިލަދުންމަތީ އުތުރުބުރީ އަތޮޅު ކައުންސިލްގެ ރައީސް މޫސާ ޝަފީޤެވެ. 70 ބައިވެރީން ހިމެނޭހެން ފެށި މި މަހާސިންތާގެ މައިގަނޑު މަޤްޞަދަކީ އިދާރީގޮތުންނާއި މާލީގޮތުން ހއ އަތޮޅުގެ ކައުންސިލްތައް ބާރުވެރިކުރުވައި، ފުރިހަމަ ލާމަރުކަޒީ ނިޒާމެއް މުޅި އަތޮޅުގައި ގާއިމުކޮށް ލާމަރުކަޒީ ނިޒާމުގެ ފައިދާ އެދެވޭގޮތުގައި އަތޮޅުގެ ރައްޔިތުންނަށް ފޯރުކޮށްދިނުމެވެ. އަދި މީގެ އިތުރުން މި ނިޒާމު ހަރުދަނާކޮށް ކައުންސިލުތައް ބާރުވެރިކުރުވައި ރަށު ކައުންސިލްތަކަށް މި ނިޒާމު ހަރުދާނާކޮށް ހިންގައި ކުރިއަށްގެންދިޔުމުގައި ދިމާވާ ގޮންޖެހުންތަކަކީ ކޮބައިކަން ދެނެގަނެ އެކަންކަމަށް ހައްލު ހޯދައި ދިނުމެވެ.
މި މަހާސިންތާ އަމާޒުކޮށްފައިވަނީ ހއ. އަތޮޅުގެ ރަށްރަށުގެ ކައުންސިލްގެ ރައީސުންނާއި ، ކައުންސިލް މެންބަރުންނާއި ސެކެޓަރީ ޖެނެރަލުންނާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީގެ ރައީސުންނާއި ރަށްރަށުގެ ކުލަބު ޖަމިއްޔާތަކުގެ އިސްފަރާތްތަކަށެވެ.
މި މަހާސިންތާގައި ފެސިލިޓޭޓްކޮށްދެއްވާނީ ލޯކަލް ގަވާރމަންޓް އޮތޯރިޓީގެ ޑިރެކްޓާރ ޖެނެރަލް އާދަމް ޝަރީފް އަޙްމަދާއި ސީނިއަރ ޕްލޭނިންގ އޮފިސަރ އިބްރާހިމް ޝަރަފް ތައުފީޤެވެ.
މި މަހާސިންތާ ކުރިއަށްދާއިރު މަޢުލޫމާތު ސެޝަންތަކެއް ވެސް ކުރިއަށް ގެންދާގޮތަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން މަޢުލޫމާތު ހޯދައި ލިބިގަތުމާއި މަޢުލޫމާތު ހާމަކުރުމުގެ ގޮތުން މަޢުލޫމާތު ސެޝަން ނަންގަވައި ދެއްވާނީ އިންފޮމޭޝަން ކޮމިޝަނަރު އޮފީހުގެ ސެކްރެޓަރީ ޖެނެރަލް އިދުރީސް އިސްމާޢީލެވެ. އަދި ކޮރޮޕްޝަނަށް ހޭލުންތެރި ކުރުވުމުގެ ސެޝަން ނަންގަވައި ދެއްވާނީ، އެންޓި-ކޮރޮޕްޝަން ކޮމިޝަނުގެ ޑިރެކްޓަރ އޮފް ޕްރިވެންޝަން އަލްފާޟިލް ޢަލީ ޝަމީމް އާދަމެވެ.