މިއަހަރުގެ މާދަރީބަހުގެ ދުވަސް ހއ. އަތޮޅު ކައުންސިލުން ފާހަގަކޮށްފި
ދުނިޔޭގެ މާދަރީބަހުގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ހއ. އަތޮޅު ކައުންސިލް އިދާރާގެ އިސްވެރިންނާއި އިދާރީ މުވައްޒަފުންގެ ބައްދަލުވުމެއް އަތޮޅު ކައުންސިލް އިދާރާގައި ބާއްވާފިއެވެ.
މި ބައްދަލުވުމުގައި މާދަރީބަހަށް ސަމާލުކަން ދެވުނުގޮތާއި މާދަރީބަހުގެ ދުވަހެއް ދުނިޔޭގެ ގައުމުތަކުގައި ފާހަގަކުރުމަށް ޔުނެސްކޯއިން ކަނޑައެޅިގޮތް ކައުންސިލްގެ ސެކްރެޓަރީ ޖެނެރަލް މުޙައްމަދު އަސްލަމް އޮޅުން ފިލުވައި ދެއްވިއެވެ.
އަދި މި ބައްދަލުވުމުގައި މި ކައުންސިލްގައި ތިއްބެވި ދިވެހިބަހުގެ ލިއުންތެރިންނާއި ޅެންވެރިކަމުގެ ތެރެއަށް އަލަށް ވަންނަވާފައިވާ ބޭފުޅުން ތަޢާރަފު ދެއްވުމާއި އެބޭފުޅުން މިހާތަނަށް ދިވެހިބަހުން ލިއުއްވާފައިވާ ފޮތްތަކާއި، ވާހަކަތަކަށް ލިބިފައިވާ ކާމިޔާބީތައް ހާމަކޮށްދިނެވެ.
ދިވެހިބަހުން މިހާތަނަށް ކުޑަކުދިންނަށް ޚާއްސަކޮށްގެން އަކުރު ދަސްކުރާ ފޮތްތަކާއި ބޮޑެތި މީހުންނަށް ޚާއްސަ ވާހަކަތައް ލިއުއްވާފައިވަނީ މި އިދާރާގެ ކައުންސިލް އޮފިސަރ އަސްމާ އަބޫބަކުރެވެ. އަދި އެސިސްޓެންޓް ކައުންސިލް އޮފިސަރ ޙައްވާ ޒާހިރާއަކީ ވާހަކަ ލިއުންތެރިއެކެވެ. ” ޒާހީ” ގެނަމުން ޙައްވާ ޒާހިރާ މިހާތަނަށް ލިއުއްވާފައިވަނީ ބޮޑެތި މީހުންނަށް ޚާއްސަ ވާހަކަތަކެވެ. ވާހަކަ ލިއުމުގެ ޤައުމީ މުބާރާތްތަކުން މި ކަނބަލުންނަށް ވަނީ އެއްވަނަ ދެވަނަ ލިބިފައެވެ.
ލިއުންތެރިކަމުގެ ދުނިޔޭގައި ” ޒާހީ ” ގެ ނަން ނިސްބަތްވަނީ ޙައްވާ ޒާހިރާއަށެވެ.
ޅެންވެރިކަމުގެ ތެރެއަށް އަލަށް ވަަންނަވާފައިވާ މި އިދާރާގެ ކައުންސިލް އެގްޒެކެޓިވް ޢަބްދުﷲ ނަޢީމަށް ޅެންވެރިކަމުގެ ތެރެއަށް ވަދެވުނުގޮތް މި ބައްދަލުވުމުގައި ޢަބްދުﷲ ނަޢީމް ހާމަކޮށް ދެއްވިއެވެ.