ކަނޑުގައި ދުއްވާ އިންޖީނުލީ އުޅަނދު ދުއްވުމުގެ ލައިސަންސް ކެލައިން ދޫކުރުން

ކަނޑުގައި ދުއްވާ އިންޖީނުލީ އުޅަނދުފަހަރު ދުއްވުމުގެ ލައިސަންސް ހއ. ކެލައިން ދޫކުރެވޭނެގޮތް ހަމަޖައްސައި އެކަމުގެ އެއްބަސްވުމުގައި ހއ. އަތޮޅު ކައުންސިލާއި ކެލާ ކައުންސިލާ ދެމެދު ސޮއިކޮށްފިއެވެ.

އަތޮޅު ކައުންސިލް އިދާރާގައި ބޭއްވުނު މި ރަސްމިއްޔާތުގައި އަތޮޅު ކައުންސިލްގެ ފަރާތުން ސޮއިކުރެއްވީ އަތޮޅު ކައުންސިލްގެ ރައީސް އަލްފާޟިލް މޫސާ ޝަފީޤެވެ. ކެލާ ކައުންސިލްގެ ފަރާތުން ސޮއިކުރެއްވީ ކެލާ ކައުންސިލްގެ ރައީސް އަލްފާޟިލް ޢަބްދުﷲ އިންފާޒެވެ.

މީގެކުރިން ކަނޑުގައި ދުއްވާ އުޅަނދުފަހަރު ދުއްވުމުގެ ލައިސަންސް ދޫކުރަނީ އަތޮޅު ކައުންސިލް އިދާރާއިންނެވެ. މިއަދު ސޮއިކުރެވުނު އެއްބަސްވުމުގެ ދަށުން ކެލާ ރައްޔިތުން ކެލާގައި ތިއްބަވައިގެން ކެލާ ކައުންސިލް އިދާރާއިން ލައިސަންސް ލިބޭނެގޮތް ހަމަޖެހިގެން ދިޔައީއެވެ.

މިޚިދުމަތް ކެލައިން ލިބޭގޮތަށް ހަމަޖެހިގެން ދިއުމުގެ ސަބަބުން ކެލާ ރައްޔިތުންނަށް ވަރަށްބޮޑު ފަސޭހަތަކެއް ވެގެންދާނެއެވެ.