ކެލާގައި ތިބި މާބަނޑު އަންހެނުންނަށް ޚާއްސަ ހަދިޔާ ޕެކޭޖްތަކެެއް

ކެލާގައި ތިބި މާބަނޑު އަންހެނުންނަށް ޚާއްސަކޮށްގެން ކެލާ ކައުންސިލާއި ކެލާ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީން ހިންގާ ” 9 ނުވައުފާ ” ޕްރޮގްރާމް އިފުތިތާހު ކޮށްފިއެވެ.

ކެލާ ކައުންސިލް އިދާރާގައި ރޭ ބޭއްވި މި ޕްރޮގްރާމްގެ މަޤްޞަދަކީ މާބަނޑު ދުވަސްވަރު ދަރިފުޅާއި މައިމީހާއަށް ދުޅަހެޔޮ ޞިއްޙަތެއް ހޯދައި ދިނުންކަމުގައި ކެލާ ކައުންސިލުން ވިދާޅުވިއެވެ.

މި ރަސްމިއްޔާތުގައި ވާހަކަ ދައްކަމުން ކެލާ ކައުންސިލަރ މުޢައްވަޛު ޢަބްދުﷲ ވިދާޅުވިގޮތުގައި މި ޕްރޮގްރާމްގެ ދަށުން މައިމީހާ ބަލިވެ އިނީއްސުރެ ވިހަންދެން ކޮންމެ މަހަކު ދުޅަހެޔޮ ކާނާ ލިބޭނެ ހަދިޔާ ޕެކޭޖަކާއި ވިހެއުމުގެ ދަތުރަށްކުރާ ޚަރަދާއި ދެ މީހެއްގެ ހުރުމާއި ކެއުން އަދި އަލަށް އުފަންވާ ދަރިފުޅަށް ހަދިޔާ ފޮއްޓެއް ލިބޭނެއެވެ.

މި ޕްރޮގްރާމް އިފްތިތާހު ކޮށްދެއްވީ ރައްޔިތުންގެ މަޖިލީހުގެ ކެލާ ދާއިރާގެ އިއްޒަތްތެރި މެންބަރ އިބްރާހީމް ޝަރީފެވެ. މި ރަސްމިއްޔާތުގައި ކެލާ ކައުންސިލަރުންނާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރުން ބައިވެރިވެ ވަޑައިގެންނެވިއެވެ.