އަތޮޅު ކައުންސިލް މެންބަރުކަމުގެ ހުވާ ފަތުހުﷲ ޙަސަން ކުރައްވައިފި

ތިލަދުންމަތީ އުތުރުބުރީ ފިއްލަދޫ ކައުންސިލްގެ ރައީސްކަމުގެ މަޤާމަށް ރައްޔިތުން އިންތިޚާބު ކުރެއްވި ހއ. ފިއްލަދޫ އާރު އަލްފާޟިލް ފަތުޙުﷲ ޙަސަން ފިއްލަދޫ ކައުންސިލްގެ ރައީސްކަމުގެ ހުވާއާއި ހއ. އަތޮޅު ކައުންސިލްގެ މެންބަރުކަމުގެ ހުވާ ކުރައްވައިފިއެވެ.

26 މެއި 2021 ވަނަ ދުވަހުގެ ހަވީރު 4:30 ގައި ފިއްލަދޫ ޒުވާނުންގެ މަރުކަޒުގެ ހޯލްގައި ބޭއްވުނު ހުވާ ކުރުމުގެ މި ދަރުބާރުގައި އަތޮޅު ކައުންސިލް މެންބަރުކަމުގެ ހުވާ ލައިދެއްވީ ހއ. ޖުޑީސަލް ދާއިރާއާ ޙަވާލުވެ ވަޑައިގެން ހުންނެވި ހއ. އުތީމު މެޖިސްޓްރޭޓް ކޯޓްގެ އިސް މެޖިސްޓްރޭޓް އަލްއުސްތާޛު އަޙުމަދު އާދަމެވެ.

ހަތަރުވަނަ ދައުރަކަށް އިންތިޚާބު ކުރެވުނު ކައުންސިލަރުން ހުވާ ކުރެއްވުމަށް މިމަހުގެ 17 ވަނަ ދުވަހު ބޭއްވުނު ދަރުބާރުގައި އަލްފާޟިލް ފަތުހުﷲ ޙަސަނަށް ހުވާ ކުރެއްވޭގޮތް ނުވީ އިންތިޚާބާ ގުޅުންހުރި މައްސަލައެއް ހައިކޯޓްގައި ހިނގަމުންދާތީއެވެ. ނަމަވެސް އެމައްސަލަ  ހައިކޯޓުން ނިމި ފަތުހުﷲ ޙަސަން ހޮވުނުކަމަށް ވަނީ މިހާރު ކަނޑައަޅާފައެވެ.