ތިލަދުންމަތީ އުތުރުބުރީ ރަށު ކައުންސިލްތަކުގެ ރައީސުންނާއި މެންބަރުން ހުވާކުރައްވައިފި

އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނުނުގެ ދަށުން، ކުރިއަށްއޮތް 5 އަހަރު ދުވަހަށް އަލަށް އިންތިޚާބުކުރެވުނު ރަށު ކައުންސިލްތަކުގެ ރައީސުންނާއި މެންބަރުން ޤާނޫނީ ހުވާ ކުރައްވައިފިއެވެ.

2021 މެއި މަހުގެ 17 ވަނަ ދުވަހު ހއ. އަތޮޅު ރަށްރަށުގައި ބޭއްވުނު ހުވާކުރުމުގެ މި ރަސްމިއްޔާތުގައި ހުވައި ލައިދެއްވީ އެދާއިރާއެއް ހިންގެވުމާ ޙަވާލުވެ ވަޑައިގެން ތިއްބެވި މެޖިސްޓްރޭޓް ކޯޓްތަކުގެ މެޖިސްޓްރޭޓުންނެވެ.

ހުވާކުރުމުގެ ރަސްމިއްޔާތު ބާއްވަން ޖެހުނު މި ދަނޑިވަޅަކީ ނުރައްކާތެރި ކޮވިޑް-19 ގެ ރޯގާގެ އެންމެ ނާޒުކު ދުވަސްވަރަށް ވީތީ ރަސްމިއްޔާތު ބޭއްވީ ރައްކާތެރި ކަމުގެ ފިޔަވަޅެއްގެ ގޮތުން ގިނަ ބަޔަކަށް ބައިވެރި ނުވެވޭގޮތަށެވެ. މިއީ ތާޜީޚްގައިވެސް މިފަދަކަމެއް ދިމާވި ފުރަތަމަ ފަހަރެވެ.

މި ރަސްމިއްޔާތުގައި ހއ. ފިއްލަދޫ ކައުންސިލްގެ ރައީސް ފިޔަވައި އެހެން ރަށްރަށުގެ ކައުންސިލްތަކުގެ ރައީސުންނާއި މެންބަރުން ހުވާ ކުރެއްވިއެވެ. އިންތިޚާބީ މައްސަލައެއްގައި ފިއްލަދޫ ކައުންސިލްގެ ރައީސް ހުވާކުރެއްވުން ވަނީ ފަސް ކުރެވިފައެވެ. ނިމިދިޔަ 3 ވަނަ ދައުރުގައި ކައުންސިލަރުންގެ ޢަދަދު މަދު ނަމަވެސް މި ދައުރުގައި 2000 ން ދަށުގެ އާބާދީއަށް 5 ކައުންސިލަރުން އަދި 2000 ން މަތީގެ އާބާދީއަށް 7 ކައުންސިލަރުން އިންތިޚާބު ކޮށްފައި ވެއެވެ.

ލާމަރުކަޒީ އުޞޫލުން ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ހިންގުމުގެ ބޭނުމަކީ، ދިވެހިރާއްޖޭގެ އެކިރަށްރަށުގައި ދިރިއުޅޭ ރައްޔިތުންގެ ކަންކަން، ދިމިޤްރާޠީ އަދި ޖަވާބުދާރީވަނިވި އުޞޫލުން ރައްޔިތުން އަމިއްލައަށް ނިންމުމަށް މަގުފަހިކޮށް، އިޖްތިމާއީ ގޮތުންނާއި އިޤްތިސާދީ ގޮތުންނާއި ސަޤާފީ ގޮތުން ދިވެހިރާއްޖޭގެ ރަށްރަށުގައި ދިރިއުޅޭ ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރު މަތިކޮށް، ރައްޔިތުން ބާރުވެރިކޮށް، ރައްޔިތުންނާ އެންމެ ގާތުން ފުޅާ ދާއިރާއެއްގައި ޚިދުމަތް ލިބޭނެ މަގު ފަހިކޮށްދީ، ދިވެހިރާއްޖޭގެ ރަށްރަށުގައި އަމާން ވެއްޓެއް ޤާއިމުކުރުމެވެ.