ހޯރަފުށިން ކޮވިޑް ބައްޔަށް މީހަކު ފައްސި ވެއްޖެ

ހއ. ހޯރަފުށީގައި ހޯމް ކަރަންޓީނުގައި ހުރި ދިވެއްސަކު ކޮވިޑް 19 އަށް ފައްސި ވެފައިވާކަމަށް އެރަށު ކައުންސިލުން ހާމަކޮށްފިއެވެ. ކައުންސިލުން ޢާންމުކޮށްފައިވާ ދެންނެވުމެއްގައި ބުނެފައިވަނީ މިމަހުގެ 09 ވަނަ ދުވަހުން ފެށިގެން ހޯމް ކަރަންޓީނުގެ މުއްދަތު ގުނަމުންދާ މީހެއްގެ ކަރަންޓީނުގެ މުއްދަތު ނިންމާ ދޫކޮށްލުމުގެ ކުރިން ހަނދަންޖެހޭ ޓެސްޓް ހެދިއިރު ކޮވިޑް 19 އަށް އޭނާ ފައްސި ވެފައިވާ ކަމަށެވެ.

ކޮވިޑް 19 އަށް ފައްސިވެފައިވާ މި މީހާ ފެނުމާއެކު ހޯރަފުށީ ކައުންސިލުން އިލްތިމާސް ކުރައްވާފައިވަނީ މިހާލަތުގައި ރައްޔިތުން ގެއިން ބޭރަށް ނުކުންނަވާއިރު މާސްކު އެޅުމަށާއި އިޖްތިމާޢީ ގައިދުރުކަން ބެހެއްޓުމަށާއި ގިނަގިނައި އަތްދޮވުމުގެ މައްޗަށް ސަމާލު ވުމަށެވެ.

ހޯރަފުށީ ސިއްހީމަރުކަޒުން ބުނެފައިވަނީ ހޯމް ކަރަންޓީނުގައި ތިއްބަވާ ފަރާތްތަކުން ކަރަންޓީނުގެ އުސޫލުތަކަށް އަމަލު ނުކުރާކަމުގެ ޝަކުވާއާއި ކަރަންޓީނުގައިވާ ފަރާތްތަކަށް ޒިޔާރަތްކުރާކަމުގެ ޝަކުވާ އެމަރުކަޒަށް ލިބެމުންދާ ކަމަށެވެ. އެހެންކަމުން ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ހުރިހާ ފަރާތްތަކުންވެސް ހޯމްކަރަންޓީނުގައި އަމަލުކުރާ އުސޫލުތަކަށް ފުރިހަމައަށް ކިޔަމަންވުމަށް އެމަރުކަޒުން އިލްތިމާސްކޮށްފައި ވެއެވެ.

ހޯރަފުށިން މި ފެނުނު ކޭހާއެކު ހއ. އަތޮޅުން މިހާތަނަށް 6 ރަށަކުން 32 މީހުންނަށް މި ބަލި ޖެހިފައި ވެއެވެ. އަދި މިބަލިން މިހާތަނަށް 31 މީހަކުވަނީ ރަގަޅުވެފައެވެ. މިހާރު ފަރުވާ ދެމުންދަނީ އެކަކަށެވެ. އެންމެފަހުން ބަލި ޖެހުނު އިހަވަންދޫ، ދިއްދޫ، ކެލާ ގެ ބަލިމީހުންވަނީ ބަލިން ރަނގަޅުވެ ދޫކޮށްލާފައެވެ.