ދިރިއުޅުމުގައި ދިމާވާ މައްސަލަތައް ހައްލުކުރާނެ ގޮތުގެ ތަމްރީން ޕްރޮގްރާމެއް ހިންގައިފި
ޒުވާނުންނަށް އަމާޒު ކުރައްވައިގެން ސަރުކާރުން ހިންގަވާ ލައިފްސްކިލް އެޑިޔުކޭޝަން ޕްރޮގްރާމްގެ ދަށުން ދިރިއުޅުމުގެ ހުނަރު ދަސްކޮށްދިނުމާބެހޭ ތަމްރީން ޕްރޮގްރާމެއް މިމަހުގެ 19 އިން 20 އަށް ހއ. ތުރާކުނުގައި ހިންގައި ފިއެވެ.
މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓާއި ހއ. ތުރާކުނު ކައުންސިލް ގުޅިގެން އެރަށުގައި ހިންގި މި ޕްރޮގްރާމްގެ ބޭނުމަކީ، ނަފްސާނީ ގޮތުންނާއި ޖިސްމާނީ ގޮތުން ދުޅަހެޔޮ ބަޔަކަށް ޒުވާނުން ހެދުމާއި ދިރިއުޅުމުގެ އެކި މަރުހަލާތަކުގައި ދިމާވާ ގޮންޖެހުންތަކަށް ތައްޔާރުވުމާއި، ޒިންމާދާރު ބަޔަކަށް ހެދުމެވެ.
ތިން ދުވަހުގެ މުއްދަތަށް ކުރިއަށް ގެންގޮސްފައިވާ މި ޕްރޮގްރާމްގައި މަޢުލޫމާތު ދެއްވާފައިވަނީ މި ދާއިރާއިން ޚާއްސަ ތަމްރީން ލިބިވަޑައިގެން ތިއްބެވި ފަންނީ ބޭފުޅުންނެވެ.
މި ޕްރޮގްރާމްގައި ބައިވެރިވި 33 ބައިވެރިންގެ ތެރެއިން، ވަޒީފާގައި ނޫޅޭ ޒުވާނުންނަށް ތަޢުލީމާއި ތަމްރީން ބޭނުންވާ ދާއިރާތަށް ފާހަގަކޮށް އެފަރާތްތަކަށް ކުރިއަށް ދެވޭނެ މަގުފަހިކުރެވިފައި ވެއެވެ.
އުމުރުން 18 އަހަރާއި 35 އަހަރާއި ދެމެދުގެ ޒުވާނުންނަށް އަމާޒުކޮށްގެން ހިންގި މި ޕްރޮގްރާމްގައި ޚާއްސަ އެހީއަށް ބޭނުންވާ ބައެއް ފަރާތްތައްވެސް ބައިވެރިވެ ތަމްރީން ފުރިހަމަކޮށްފައި ވާކަމަށް ތުރާކުނު ކައުންސިލުން މަޢުލޫމާތު ދެއްވިއެވެ.