ހިމާޔަތްކޮށްފައިވާ ސަރަހައްދުތައް ބެލެހެއްޓޭނެ ގޮތްތައް ހޯދުމާބެހޭ މަޝްވަރާކޮށްފި

ތިމާވެށީގެ ގޮތުން ޙިމާޔަތްކޮށްފައިވާ ތިލަދުންމައްޗަށް ނިސްބަތްވާ ޞަރަޙައްދުތައް ދެމެހެއްޓެނިވި ގޮތެއްގައި ބެލެހެއްޓުމުގެ އިންތިޒާމު ހަމަޖައްސާނެ ގޮތްތަކާ ބެހޭގޮތުން މަޝްވަރާކޮށްފިއެވެ.

ހއ.ކެލާގައި ބޭއްވި މިބައްދަލުވުމަކީ ބޮޑުތިލަދުންމަތިން ޙިމާޔަތްކޮށްފައިވާ 2 ޞަރަޙައްދެއް ކަމަށްވާ ހއ.ބާރަށު ކުޅީ ޞަރަޙައްދާއި ހއ.ކެލާ ޗަސްބިން ޞަރަޙައްދަށް މެނޭޖްމަންޓް ޕްލޭނެއް އެކުލަވާލުމަށް ކުރިއަށްގެންދިޔަ ބައްދަލުވުމެކެވެ.

މި ބައްދަލުވުމުގައި މިކަމަށްޓަކައި މިޕްލޭން އެކުލަވާލުމަށް ކެލާ، ފިއްލަދޫ، ބާރަށް، ތަކަންދޫ، ދިއްދޫ، ވަށަފަރު، ފިނޭ އަދި އުތީމުގެ ރައްޔިތުންނާ ކަމާގުޅޭ ފަރާތްތަކާއި އިދާރާތަކާވަނީ މަޝްވަރާކޮށްފައެވެ.

މަސައްކަތު ބައްދަލުވުން ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން އެންވަޔަރަންމަންޓް މިނިސްޓަރ ޑރ.ޙުސައިން ރަޝީދު ޙަސަން ވިދާޅުވީ ތަނެއް ޙިމާޔަތްކުރުމަކީ އެތަނެއްގެ ރައްޔިތުންނަށް އެތަން މަނާވެ ބަންދުވުމެއް ނޫންކަމަށެވެ. އަދި ޙިމާޔަތްކުރުމުގެ ބޭނުމަކީ އެތަނެއްގެ އަޞްލު ނުގެއްލޭނެ ގޮތަށް އަންނަން އޮތް ޖީލުތަކަށް ފޯރުކޮށްދިނުމުގެ އިތުރުން މިހާރުގެ ޖީލަށް އެތަނުން ލާބަ އާއި މަންފާ ހޯދާދިނުން ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މި މަސައްކަތު ބައްދަލުވުމުގެ ހަވާސާގައި، މިނިސްޓަރ ވަނީ ތިލަދުންމަތީ އުތުރުބުރީގެ ތިން ރަށް ކަަމަށްވާ ދިއްދޫ، އުތީމު އަދި ވަށަފަރަށް ޒިޔާރަތްކުރައްވާފައެވެ. މިނިސްޓަރ ވަނީ މިތިން ރަށުގެ ކުނި ކޮށްޓާއި، ރަށްގިރާ ޞަރަޙައްދަށް ޒިޔާރަތްކުރެއްވުމަށްފަހު މި މައްސަލަތަކަށް އަވަސް ޙައްލެއް ހޯދުމަށް މަސައްކަތް ކުރައްވާނެ ކަމަށް ވިދާޅުވެފައެވެ.