ކެލާ ކަނޑޫފާ ސާފުކުރުމުގެ މަސަައްކަތް ކުރިއަށް ގެންގޮސްފި

މޯލްޑިވްސް ބަޔޯޑައިވަރސިޓީ އެސޯސިއޭޝަނުން އިސްނަގައިގެން ހއ.ކެލާ ކަނޑޫފާ ސާފުކުރުމުގެ ޕްރޮގްރާމެއް މިއަދު ކުރިއަށް ގެންގޮސްފިއެވެ. މި މަސައްކަތް ކުރިއަށް ގެންގޮސްފައިވަނީ ހއ، ކެލާ ކައުންސިލްގެ އިދާރާއާއި ކެލާގައި އުފެދިފައިވާ ކްލަބު ޖަމްޢިއްޔާތަކާއި ގުޅިގެންނެވެ.

ހއ. ކެލާ ކަނޑޫފަލަކީ ސަރުކާރުން ހިމާޔަތް ކޮށްފައިވާ ކަނޑޫފާ ތަކުގެ ތެރެއިން ހަމައެކަނި ހއ. އަތޮޅުން ހިމާޔަތްކޮށްފައިވާ ކަނޑޫފަލެވެ.

ކެލާގައި ހިމާޔަތްކޮށްފައިވާ މި ކަނޑޫފަލަކީ އެރަށަށް ޒިޔާރަތްކުރާ ޓޫރިސްޓުންގެ މެދުގައި ވަރަށް މަގުބޫލް މަންޒިލެކެވެ. އެއީ އެތަނުގައިވާ ކުޅީގެ ރީތިކަމާއި އެތަނުގެ އެންވަޔަރަމްނަޓްގެ ހިތްގައިމު ކަމެވެ.

މިއަދުގެ މަސައްކަތުން ދެ ޕިކަޕްގެ ޕްލާސްޓިކާއި ކުނި ނަގާފައިވާކަމަށް މޯލްޑިވްސް ބަޔޯޑައިވަރސިޓީ އެސޯސިއޭޝަނުން މަޢުލޫމާތު ދެއްވައެވެ.

މިމަސައްކަތަށް ކެލާ ޖަމްޢިއްޔާތަކުގެ އިތުރުން ކެލާގައި ހުންނަ ގެސްޓްހައުސްތަކާއި އާންމުންގެ ބޮޑު ތަރުހީބެއް ލިބިފައިވާކަމަށް ވެސް އެ އެސޯސިއޭޝަނުން މަޢުލޫމާތު ދެއްވިއެވެ.