އުތީމު

އުތީމު ކައުންސިލްގެ އިދާރާ


ތިލަދުންމަތީ އުތުރުބުރީ އުތީމަކީ އަތޮޅުގައި މިހާރު މީހުންދިރިއުޅޭ ރަށްރަށުގެ ތަރުތީބުން 12 ވަނަ ރަށެވެ. މިރަށުގެ އާބާދީއަކީ 957 އެވެ. އުތީމަކީ ތާރީޚީގޮތުން  ދިވެހިރާއްޖޭގައި ފާހަގަކުރެވޭ މަޝްހޫރު ރަށެކެވެ. އެބަޔަކަށްޓަކައި ދިވެހިން ފަޚުރުވެރިވާ އުތީމު ބޮޑުތަކުރުފާނުގެ އާއިލާ ދިރިއުޅުއްވި ގަނޑުވަރު ހުންނަރަށެވެ. އުތީމުގައި ބޮޑުތަކުރުފާނުގެ ބައްޕާފުޅުގެ ނަންފުޅު ހިމެނޭގޮތަށް ވަރަށްފުރިހަމަ މިސްކިތެއް ހުރެއެވެ

އުތީމުގައި 24 ގަޑިއިރު ކަރަންޓް ލިބެން ހުރެއެވެ. އަދި އެރަށުގެ ރައްޔިތުން ލާފާފުރުމަށް ޒަމާނުއްސުރެ ބޭނުންކުރަމުންއައި ރަށުގެ ފަޅުގެ ބަދަލުގައި ސަރުކާރުން މިހާރުވަނީ ފުރިހަމަ ބަނދަރެއް މިއަހަރު ހައްދަވައި ދެއްވާފައެވެ. މިރަށުގައި ޕްރީސްކޫލަކާއި ޕްރައިމަރީ ސްކޫލެއް ހުރެއެވެ. ޕްރައިމަރީ ސްކޫލްގައި ގްރޭޑް 10 އާހަމައަށް ކިޔަވައިދެއެވެ. ސިއްޙީ ޚިދުމަތް ދިނުމަށްޓަކައި ސިއްޙީ މަރުކަޒެއް ހުރެއެވެ. އަދި ޑޮކްޓަރަކާއި 2 ނަރުހުން މަސައްކަތް ކުރެއެވެ

މިރަށުގެ ރައްޔިތުން ދިރިއުޅުމަށްކުރާ މައިގަނޑު މަސައްކަތަކީ ކޮންސްޓަރަކްޝަން މަސައްކަތާއި ރިޒޯޓްތަކުގައި ވަޒީފާ އަދާކުރުމާއި ވަޑާމުގެ މަސައްކަތެވެ. އުތީމުގައިހުރި ތާރީޚީ ތަންތަން ބަލާލުމަށް އެކި ދުވަސްވަރު ރާއްޖޭގެ އެކި ކަންކޮޅުތަކުން އުތީމަށް މީހުން ޒިޔާރަތް ކުރެއެވެ. ޚާއްސަކޮށް ބޮޑުޢީދުގެ ޗުއްޓީ ދުވަސްވަރާއި ޑިސެމްބަރގައި ސްކޫލްތައް ބަންދުވާ ދުވަސްވަރު އެރަށަށް މީހުން ޒިޔާރާތްކުރާ މިންވަރު އިތުރުވެއެވެ. އުތީމަކީ އެކުވެރި ރައްޔިތުންތަކެއް ދިރިއުޅޭ ވަރަށް ސާފުތާހިރު ރަށެކެވެ.

އުތީމު ކައުންސިލްގެ އިދާރާ ފޯން: 6500038

ކައުންސިލްގެ ރައީސް ޢަބްދުﷲ ރަޝީދު

ރައީސްގެ ފޯން ނަމްބަރ: 7747474

އީމެއިލް: [email protected]