ކައުންސިލްގެ މަސްއޫލިއްޔަތު

ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނުގައި ބަޔާންކުރާ، އަތޮޅު ކައުންސިލްގެ ބާރުތަކާއި މަސްއޫލިއްޔަތުތަކާ އެއްގޮތްވާ ގޮތުގެ މަތީން އަތޮޅު ކައުންސިލުން ދޭންޖެހޭ ޚިދުމަތްތައް؛

1. އިދާރީ ދާއިރާގައި ހިމެނޭ ރަށްރަށުގެ ތެރެއިން އެއްރަށަށްވުރެ ގިނަ ރަށްރަށް ދޭންޖެހޭ ޚިދުމަތްތަކާއި އެކިއެކި ޤާނޫނު ތަކުގެ ދަށުން އަތޮޅު ކައުންސިލާއި ޙަވާލުކޮށްފައިވާ މަސައްކަތްތައް ކުރުން.

2. ސަރުކާރުގެ މިނިސްޓްރީތަކާއި އެކިއެކި އޮފީސްތަކުން ރައްޔިތުންނަށް ދޭންޖެހޭ ޚިދުމަތްތަކުގެ ތެރެއިން، މިނިސްޓްރީ ތަކާއި އޮފީސްތަކުން އަތޮޅު ކައުންސިލްތައް މެދުވެރިކޮށް އެއިދާރީ ދާއިރާއެއްގައި ދޭން ކަނޑައަޅާ ޚިދުމަތްތައް ދިނުން.

3. އިދާރީ ދާއިރާއެއްގައި ހުންނަ ދައުލަތުގެ މުއައްސަސާ ތަކާއި ސަރުކާރުގެ އިދާރީ ދާއިރާތަކަށް ބޭނުންވާނެ އެހީތެރީކަމާއި އެއްބާރުލުން ދިނުން.

4. އިދާރީ ދާއިރާގެ އެންމެހައި ރަށްރަށާއި ބިންބިމުގެ ދަފްތަރު އެކުލަވާލައި، އެ ދަފްތަރު ބެލެހެއްޓުމާއި، ބިމާބެހޭ ޤައުމީ ދަފްތަރު އެކުލަވާ ބަލަހައްޓާ އިދާރާއަށް ބޭނުންވާނެ މަޢުލޫމާތު ފޯރުކޮށްދިނުން.

5. ރަށުކައުންސިލްތަކަށް ބޭނުންވާ ފަންނީ އަދި މާލީ އެހީ ފޯރުކޮށްދިނުމުގައި އެހީތެރިވުން.

6. ރަށުކައުންސިލްތަކަށް ބޭނުންވާ ލަފާ ދިނުން.

7. އިދާރީ ދާއިރާގެ ތަރައްޤީގެ ޕްލޭނުގައި ހިމެނޭ ކަންތައްތަކުގެ ތެރެއިން ވަކި ރަށު ކައުންސިލަކާއި ޙަވާލުނުކޮށް ހުންނަ މަޝްރޫޢުތައް ހިންގުން.

8. ކައުންސިލުން ދޭންޖެހޭނެ ކަމަށް ޤާނޫނަކުން ކަނޑައަޅާ މިނޫންވެސް ޚިދުމަތްތައް ދިނުން.