އެހެން ރަށްރަށުގެ މަޢުލޫމާތު

ހއ. ދައްޕަރު

މިރަށުން މިސްކިތެއްގެ ތަރާގަނޑުކަމަށް ލަފާކުރެވޭ ތަނެއް ފެނިފައި ވެއެވެ. މިއީ 14 ފޫޓް 7 އިންޗި ހަރަތަރެސްކަން ތަނެކެވެ. އަލްއުސްތާދު މުހައްމަދު އިބްރާހީމް ލުތުފީ ވިދާޅުވާގޮތުގައި މިތަނަކީ މިސްކިތެއްގެ ތަރާގަނޑެވެ. ހަމަ މިރަށުގެ އިރުމަތީ ފަރާތުގައިވެސް މިސްކިތެއްގެ ތަރާގަނޑުކަމަށް ލަފާކުރެވޭ ދިގުމިނުގައި 25 ފޫޓް 8 އިންޗި ފުޅާމިނުގައި 20 ފޫޓް 8 އިންޗި ހުރިތަނެއް ފެނިފައިވެއެވެ. އަލްއުސްތާދު މުހައްމަދު އިބްރާހީމް ލުތުފީ ވިދާޅުވާގޮތުގައި މިއީވެސް މިސްކިތެއްގެ ތަރާގަނޑެވެ. ވަރަށް ރީތިކޮށް ކުރެހުން އަޅާފައިވާ މަހާނގައުތައް ހުރި ބޮޑު ޤަބުރުސްތާނެއް މިތާނގައި އިހަށްއޮތެވެ. މިރަށަކީ އިހުގައި މީހުން އުޅުނު ރަށެކެވެ

ދޮނަކުޅި

މިރަށުން ފެނިފައިވަނީ މިސްކިތެއްގެ ތަރާގަނޑުކަމުގައި ލަފާކުރެވޭ ހަލާކުވެފައިވާ އާޘާރީ ތަނެކެވެ. މިތާނގައި ދިގުމިނުގައި 22 ފޫޓް 11 އިންޗި ފުޅާމިނުގައި 7 ފޫޓް 11 އިންޗި އެބަހުއްޓެވެ. މިތާނގެ ކައިރީގައި ޤަބުރުސްތާނެއް އޮވެއެވެ. އަލްއުސްތާދު މުޙައްަމދު އިބްރާހީމް ލުތުފީ ވިދާޅުވާ ގޮތުގައި މއީވެސް ހއ. ދައްޕަރުން ފެނުނުފަދަ މިސްކިތެއްގެ ތަރާގަނޑެކެވެ

މިރަށަކީ މަލާބާރީންނާއި ދެކުނު އިންޑިޔާގެ ކަނޑުފޭރޭ މީހުން އެބައިމީހުންގެ މަރުކަޒަކަށް ބަލައިގެން އުޅުނު ރަށެކެވެ. މިރާސުގައި އިހުގައި މީހުން ވަޒަންވެރިވެ އަޅުނުކމަުގެ ހެކިތައް އެބަހުއްޓެވެ. މިރަށުން މީހުން ފައިބައިފައިވަނީ މަލާބާރީންނާއި ކަނޑުފޭރޭ މީހުންގެ އުނދަގުލުގެ ސަބަބުންކަމަށް ވުމަކީ އެކަށީގެންވާ ކަމެކެވެ

ހުވަހަންދޫ

މިރަށުގައިވެސް މިސްކިތެއްގެ ތަރާގަނޑުކަމަށް ލަފާކުރެވޭ ތަނެއް އެބައޮތެވެ. މިތަނުގެ ދިގުމިނުގައި 26 ފޫޓް 4 އިންޗި ފުޅާމިނުގައި 17 ފޫޓް ހުރެއެވެ. މީޙުން ބުނާގޮތުގައި މިތާކައިރީގައި ވެވެއް އޮތެވެ. މިރަށަކީ ކުރީގައި މީހުން އުޅެފައިވާ ރަށެކެވެ. މިރަށުން ފޭބިމީހުން އުޅެނީ ހޯރަފުށީގައެވެ

އިންނަފިނޮޅު

މިރަށުގައި އާޘާރީ ތަނަކަށް ފެންނަނީ ދެކުނު ހުޅަނގު ކޮޅުގައިހުރި އުސްގަނޑެކެވެ. ޒަމާންވީ ވާހަކަތަކުން ދޭހަވާގޮތުގައި މިއުސްގަނޑުގެ ދަށުގައި ގަދީމީ އެއްޗެހި ފޮރުވިފައިވެއެވެ. މިސަރަަހައްދަކީ ތަހުގީގު ކުރަންވެފައިވާ ތަނެކެވެ

މަޑުލު

މިރަށުގެ ހުޅަނގު ދެކުނު ސަރަހައްދުން ޑައިމީޓަރުގައި 5 ފޫޓް އަދި އުސްމިނުގައި 2 ފޫޓްހުރި އާޘާރީ ބިނާއެއްގެ ހަލާކުވެފައިވާ ތަންތަން ފެނިފައިވެއެވެ. މިއީ ވަށްކޮށްހުރި ތަނެކެވެ. މިހާތަނަށް މިތަން ކޮނެހެދިފައިވާ ކަމެއް އެނގިފައެއްް ނެތެވެ. މިއީ ތަހުގީގުކުރަން ޖެހިފައިވާ ތަނެކެވެ

ވަނގާރު

މިރަށުން ހަލާކުވެފައިވާ މިސްކިތެއްގެ ތަރާގނޑު ފެނިފައިވެއެވެ. މިތަރާގަނޑުގެ ދިގުމިނުގައި 17 ފޫޓް ފުޅާމިނުގައި 22 ފޫޓް 5 އިންޗި އެބަހުއްޓެވެ. އުސްމިނަކީ 1 ފޫޓް 3 އިންޗިއެވެ. މިތާކައިރީގައި މަހާނަގައުތަކާއި ވަޅެއް އެބަހުއްޓެވެ. މިރަށަކީ މަލިކާ ދިވެހިރާއްޖެއާ ދެމެދުގައި ދަތުރުފަތުރު ހިނގި ދުވަސްވަރުގެ މުހިއްމު ބަނދަރެކެވެ. ރާއްޖޭން ބޭރުން ވިޔަފާރިކަމު އައިސްއުޅުނު ނައުފަހަރުގެ ބަނދަރެއްވެސްމެއެވެ

ތަނަވަސް އަދި ފާގަތި ހަޔާތެއްގައި އުޅުނު ބަޔަކު މިރަށުގައި އުޅުނުކަން އެބައިމީހުންގެ އާޘާރުތަކުން ދޭހަވެއެވެ. މިރަށުގެ ހަރުބޭކަލުން ރާއްޖޭގެ ތާރީޚުގެ އެކި ދައުރުގައި ސަރުކާރުގެ ދާއިރާގައި އުޅުއްވިއެވެ. ޚައްސަ ގޮތެއްގައި އުތީމު މަހާރަދުންގެ ރަސްކަމުގައެވެ

އުލިގަން

ރަށުގެ ނަމުންވެސް މިއީ ބޮޑު ރަށެއްކަން ދޭހަވެއެވެ. އެއްފަހަރަށްވުރެ ގިނަފަހަރު މިރަށް ފަޅުވެ އަލުން އާބާދުވީކަން އެނގެއެވެ. ރަށުގެ އެކި ހިސާބުގައިހުރި މިސްކިތްތަކުގެ ތަރާގަނޑުތަކުންނާއި އެމިސްކިތްތަކާ ގުޅޭ ބޮޑެތި ގަބުރުސްތާނުތަކުން މިރަށަކީ ބައިގިނަ ރަށެއްކަން އެނގެއެވެ. އަދި މިރަށަކީ ރާއްޖެއިން ދަތުރުކުރި ފުރެއްދެ އޮޑިފަހަރު ގެންގުޅުނު ތަނަވަސްބަޔަކު ދިރިއުޅުނު ރަށެއްކަން ރަށުގެ މިސްކިތްތަކާއި ކަށްބިންތަކުގައިހުރި ކުރެހުން އަޅާފައިވާ ބޮޑެތި މަހާނަގައުތަކުން އެނގެއެވެ

މޮޅަދޫ

HA MOLHADHOO ZIYAARATH 2

މޮޅަދޫގައި ހުންނަ މަޒާރު

ހުކުރުމިސްކިތު ވެވާއި މަޒާރު މިއީވެސް ގިނަބަޔަކު އުޅުނު މާ ރަށެކެވެ. ރަށުގެ ހުކުރު މިސްކިތްދޮށުގައި އޮތް ވެވުގައި އޮތް ސަނަތަކީ 1201ހ. ( 1787- 1786މ ) އެވެ. އަދި އެމިސްކިތް ދޮށުގައި އައްސައްޔިދު ޠާހާއޭ ކިޔުނު ބޭކަލެއްގެ މަޒާރެއްވެސް ހުރެއެވެ

މަތީރަށް

IMG_0152

        މަތީރަށުގައި ހުންނަ ޒިޔާރަތް: މިޒިޔާރަތް ހިޔާކޮށްފައި ހުންނަނީ ލޮއިން ތައްޔާރުކޮށްފައިވާ ޝީޓްތަކެއް ބޭނުންކޮށްގެންނެވެ. މިޒިޔާރަތް ހިމެނޭ ސަރަހައްދު ހުންނަނީ ވަށާފާރު ރާނާ ދެފަރާތުގައި އުވަޖަހާފައެވެ

މަތީރަށަކީ ފަޅު ރަށެކެވެ. ރަށް މަޝްހޫރުވީ  މިރަށަށް ލެއްގި ސަންދޯކެއްގައި އޮންނެވި ބޭކަލަލު އެރަށުގައި ވަޅުލުމަށްފަހުގައެވެ. ބުނެވޭގޮތުގައި އެބޭކަލަކީ ''ޝަރީފް އަލީ އަލްމައްކީ'' އެވެ. މިރަށަށް އިހުގައި މަތީރަށްފުޅު ކިޔާ އުޅުނެވެ.

ދިއްދޫ

003663

ދިއްދޫ ޢީދުމިސްކިތް

ބުނެވޭގޮތުގައި ދިއްދޫ ޢީދުމިިސްކިތް ބިނާކޮށްފައިވަނީ އުތީމު ރަދުން އައްސުލްތާން މުހައްމަދު ތަކުރުފާނުލްއައުޒަމް ބިނާކުރައްވާފައިހުރި މިސްކިތެއް ހުރިތާނގައެވެ. މިހާރު މިހުރި މިސްކިތް ބިނާކޮށް ހުޅުވިފައިވަނީ 15 ޝަޢުބާން 1359ހ 18 ސެޕްޓެމްބަރ 1940 ގައެވެ


މަޢުލޫމާތު: ދިވެހިބަހާއި ތާރީޚަށް ޚިދުމަތްކުރާ ޤައުމީމަރުކަޒް