ކެލާ

003791

ހއ. ކެލާގައިހުރި އާޘާރީ މިސްކިތް


މިރަށުގެ ހުކުރުމިސްކިތުގެ ކުރިމަތީގައި ހަލާކުވެފައިވާ މުންނާރެއް އެބަހުއްޓެވެ. މިތަނުގެ ބުޑުގެ ވަށަމިނުގައި 18 ފޫޓް 2.5 އިންޗިއެވެ. އަދި މަތީކޮޅުގެ ވަށަމިނަކީ 9 ފޫޓެވެ. މި މުންނާރުގައި 5 ހަރުފަތް އެބަހުއްޓެވެ

މިސްކިތަކީ ދެއްވަދޫ ރަސްގެފާނު ( 1692މ -1701 މ ) ބިނާކުރެއްވި މިސްކިތެކެވެ. ޒަމާނާއެކު މިޢިމާރާތަށް ބަދަލުއައިސްފައި ވެއެވެ. މިމިސްކިތުގެ މަސައްކަތް ވަރަށް ރީއްޗެވެ. ވަރަށްގިނަ އަރަބި ލިއުންތައް ބެރިތަކުގައި ލާފެންކޮށް ލިޔެފައި އެބަހުއްޓެވެ. މިމިސްކިތަކީ އެރަށުގެ ރައްޔިތުން ވަރަށް ރަނގަޅަށް ބަލަހައްޓާފައިވާ މިސްކިތެކެވެ. އަދި މިހާރުވެސް ރަނގަޅަށް ބަލަހައްޓަމުންދާކަން ފާހަގަކުރެވެއެވެ

ނަމަވެސް މަތިވަޑަމުގައްޔާއި ބައެއް ދޮރުތަކުގައި ދުވަސްވެ ހަލާކުވަމުންދާ ތަންތަން އެބަހުއްޓެވެ. މިމިސްކިތުގެ ހަރިންމަޔާ ގުޅިފައިވާ ގަބުރުސްތާނުގައި ވަރަށްރީތި މަހާނަގައު އެބަހުއްޓެވެ. ރާއްޖޭގައި ހުރި މަހާނަގައުތަކުގެ ތެރެއިންވެސް ފާހަގަކުރެވޭ ފެންވަރުގެ އާދަޔާ ޚިލާފު ރީތި މަސައްކަތްކޮށްފައިވާ މަހާނަގައު މިޤަބުރުސްތާނުގައި ހުރިކަން ފާހަގަކުރަމެވެ. މިރަށަކީ ޤަދީމީ ތަންތަން ހުރުން އެކަށީގެންވާ ރަށެކެވެ

ބަޑިގޭގެ ފާރާއި ޒަމާންވީ ބައެއް ތަކެތި

ދެވަނަ ބޮޑުހަނގުރާމައިގެ ދުވަސްވަރާ ގުޅިގެން 1942މ. ގައި އިނގެރޭސިން ހއ. ކެލައަށް ފައިބައި އުޅުނު ސަރަހައްދުގައި މިހާރު ފެންނަންހުރީ އެދުވަސްވަރުގެ ވަރަށް މަދު އަސަރުތަކެކެވެ. މިގޮތުން މިހާރު ފެންނަންހުރީ ބަޑިގޭގެ ފާރާއި އެދުވަސްވަރު ބޭނުންކުރި ފާޚާނާ ނަރުދަމާ ނިޒާމު މޫދާ ގުޅިފައިވާ ހިސާބުގެ ގައުފޮޅާއި އަދި ގެއަށް ބޭނުންކުރި ތަނުގެ ބައެއް ނިޝާންތަކެވެ

މިސަރަހައްދުގައި އެދުވަސްވަރު މީހުން ދިރިއުޅެފައިވާ ގޭގެ އަޅައިފައިވަނީ ގައުފޮޅުއަޅާ މެއްލަ ޖަހައިގެންނެވެ. އެތަންތަނުގެ އެއްވެސް އަސަރެއް މިހާރަކު ފެންނާކަށް ނެތެވެ.. މިސަރަހައްދާ ދިމާ މޫދުގައި އެދުވަސްވަރު ވެއްޓިފައިވާ ކުޑަ މަތިންދާ ބޯޓެއްގެ ބައިތައްވެސް އެބަހުރިކަމަށް ވެއެވެ. މިސަރަހައްދަކީ އިތުރަށް މަޢުލޫމާތު ހޯދާ އެއްކުރަން ބޭނުންވެފައިވާ ސަރަހައްދެކެވެ

މަޢުލޫމާތު: ދިވެހިބަހާއި ތާރީޚަށް ޚިދުމަތްކުރާ ޤައުމީމަރުކަޒު