ބާރަށް

003575

ހއ. ބާރަށުގައި ހުންނަ އާޘާރީ މިސްކިތް ކުރިން ހުރިގޮތް


އާޘާރީ މިސްކިތާއި މުންނާރު

ތިލަދުންމަތީ އުތުބުރީ ބާރަށުގައި އާޘާރީ މިސްކިތަކާއި، އެމިސްކިތުގެ އުތުރު ހުޅނަގު ކަނުގައި ހަތަރެސްކަނަށް ބިނާކޮށްފައިވާ ވަރަށް އާޘާރީ މުންނާރެއް އެބަހުއްޓެވެ. މިތަނުގެ ދޮރު ހުރީ ދެކުނަށެވެ. ދޮރުން އުތުރުއަތަށް އަރާން 4 ހަރުފަތްގަނޑު އެބަހުއްޓެވެ. މިތަނުން ހުޅަނގުއަތަށް އަރާންހުރީ 2 ހަރުފަތްގަޑެވެ. ދޮރުގެ ފުޅާމިނުގައި 2 ފޫޓް އުސްމިނުގައި 5 ފޫޓް 1 އިންޗި އެބަހުއްޓެވެ. މިތަން ރާނާފައިހުރީ ވެލިގަލުންނެވެ

މި މުންނާރަކީ ދެއްވައްދޫ ރަސްގެފާނު މިސްކިތާއެކީ ބެހެއްޓެވި މުންނާރެއްކަމުގައި ބުނެއުޅެއެވެ. މި މިސްކިތުގެ އުތުރު ދާލައިގެ ހުޅަގުކޮޅު މަތީގައި ސަނދުވާދަމާފައި އިހަށް ހުއްޓެވެ. މިތަނަކީ އުތީމު ބަނޑާރައިންގެ ( ބޮޑުތަކުރުފާނު ) ނަމާދު ކުރެއްވިތަން ކަމުގައި ބުނެއުޅެއެވެ. މިމިސްކިތުގެ ކުރިން އެތާނގައިހުރި މިސްކިތެއްގައި އުތީމު ބަންޑާރައިން ނަމާދު ކުރައްވައި އުޅުއްވިކަމަށް ވުމަކީ އެކަށީގެންވާ ކަމެކެވެ. މި މިސްކިތަކީ މުސްކުޅިގޮތަށް ހަދާފައި ބާވިބާވިހެން މަރާމާތު ކުރަމުން އައިސްފައިވާ ދުވަސްވީ މިސްކިތެކެވެ.

މިސްކިތާ މުންނާރުގެ ރޭނުންހުރީ ދާދި އެއްސިފައަކަށެވެ. މިމިސްކިތާއި މުންނާރު ވަރަށްބޮޑަށް ހަލާކުވެފައި ވުމާއެކު 2002 ވަނައަހަރުގެ ތެރޭގައި ދިވެހިބަހާއި ތާރީޚަށް ޚިދުމަތްކުރާ ޤައުމީ މަރުކަޒުގެ ފަރާތުން މިތަންތަން މިހާރުވަނީ މަރާމާތު ކުރައްވާފައެވެ

ޤަދީމީ ގަލެއް

މިރަށުގެ ދެކުނުކޮޅުގައިވާ މީހުން ނޫޅޭ ސަރަހައްދުން ވަރަށް ޤަދީމީގަލެއް ފެނިފައިވެއެވެ. އަލްއުސްތާދު މުޙައްމަދު އިބްރާހީމް ލުތުފީ ވިދާޅުވާ ގޮތުގައި މިތަނަކީ އިހުގައި އީދުނަމާދު ކުރަމުންއައި ތަނެކެވެ. މިގަލަކީ މިންބަރުކަމުގައި މީހުން ބަލައިގެން އުޅުނެވެ. މިގަލަށް އެއްވެސް ގެއްލުމެއް ނުލިބި އޭރު ( މިމަޢޫލޫމާތު އެއްކުރިއިރު ) އޮތެވެ

003559

އާޘާރީ ވަޅު ( ކަޅުއޮށްފުންމި ބެންނެވިތަނުގައި ދެލިއުބަށް ފެންޖެހިކަމަށް ބުނާ ވަޅު ) ހއ. ބާރަށުގައި


މިރަށުގައި އާޘާރީ 2 ވަޅު އެބަހުއްޓެވެ. ބުނެވޭގޮތުގައި މިއީ އުތީމު ތިންބެއިން ކަޅުއޮށްފުންމި ބެންނެވި ތަނުގައި ދެލިއުނބަށް ފެންޖަހަން ބެހެއްޓެވި ދެވަޅެވެ. މިތަނުން އެއްވަޅަކީ ޑައިމީޓަރުގައި 3 ފޫޓްހުރި 8 ކަންލީ ވަޅެކެވެ. އަނެއްވަޅަކީ 2 ފޫޓް 2 އިންޗީގެ ވަޅެކެވެ. މި ދެވަޅަށް ގެއްލުމެއް ލިބިފައި ނުވިނަމަވެސް މިތަންވަނީ މަރާމާތުކޮށް ހިމާޔަތް ކޮށްފައެވެ

ތިންބެރެބެދި

މިރަށުގައި ”ތިންބެރެބެދި ކިޔާ” އާޘާރީ ސަރަހައްދެއްވެސް އޮވެއެވެ. މިތަނަކީ ޕޯޗްގީޒުންގެ އަތްދަށުން ރާއްޖެ މިނިވަން ކުރެއްވުމަށް މުޙައްމަދު ތަކުރުފާނު ކުރެއްވި ހަނގުރާމައިގައި ބޭނުންކުރެއްވި އޮޑި ކަޅުއޮށްފުންމީގައި ވަދެނިކުމެވީ ދިމާކަމަށް ބުނެވެއެވެ

ކަމަނާމަގު

ހުކުރުމިސްކިތުން އިރަށް ދާންއޮތް މަގަަށްކިޔައި އުޅެނީ ކަމަނާމަގެވެ. އެއީ މުޙައްމަދު ތަކުރުފާނު ރެހެންދި ގޮއްޔެ ގޮވައިގެން ހިންގެވި މަގުކަމުގައި ބުނެވެއެވެ. މިމަގުގައި އެޒަމާނުގެ ފެންވަޅެއް އެބަހުއްޓެވެ

ކާނިގަސް

މިރަށުގައި ޢިދުކުޅޭ މަގުގައި ކަޅުއޮށްފުންމި އަލަށް ބަންނަވައިގެން ރިޔާ ފައްސަވަން ޖެއްސެވި ކާނިކަޑަކަމުގައި ބުނާ ވަރަށްގިނަ ޒަމާންވީ ކާނި ގަހެއް އެބަހުއްޓެވެ

ކަނބާއައިސާގެ މަހާނަ

މިހާރު މިރަށުގެ ސްކޫލްހުރި މަގުގައި ކަނބާ އައިސާގެ މަހާނަކަމަށް ބުނެވޭ މަހާނައަކީވެސް ރައްކާތެރި ކުރަންވެފައިހުރި ތަނެއްކަމަށް ފާހަގަކުރެވެއެވެ

ކަޅުއޮށްފުންމި ބެންނެވި ތަނާއި އެތާނގެ ދެފަރާތުގައިހުރީ ދެނިކަގަސް

ކަޅުއޮށްފުންމި ބެންނެވި ތަންކަމަށް ބުނާތަނާއި އެތާނގެ ދެފަރާތުގައި ހުންނަ ނިކަގަހާއި ހަރުގޭގެ ދެމުޑިކަމަށްބުނާ ދެމުޑިވެސް މިސަރަހައްދުގައި ވެއެވެ


މަޢުލޫމާތު: ދިވެހިބަހާއި ތާރީޚަށް ޚިދުމަތްކުރާ ޤައުމީ މަރުކަޒު