ކައުންސިލް އިދާރާ

ތިލަދުންމަތީ އުތުރުބުރީ އަތޮޅުއޮފީސް

ތިލަދުންމަތީ އުތުރުބުރީ އަތޮޅުއޮފީސް އުފެދިފައިވަނީ 21 މޭ 1958 ވީ ބުދަ ދުވަހުއެވެ. ( ބޮޑުތިލަދުންމަތި ދެބައިކުރި ހިސާބުން ފެށިގެންނެވެ. ) ތިލަދުންމަތީ އުތުރުބުރީގެ ފުރަތަމަ އަތޮޅުވެރިޔަކީ އަލްމުހުތަރަމް މުޙައްމަދު ޙަސަނެވެ. އެންމެ ފަހުގެ އަތޮޅުވެރިޔަކީ ލ. މާބައިދޫ އާސީރުވާދު އަލްފާޟިލް މުޙައްމަދު ރަޝީދެވެ. ތިލަދުންމަތީ އުތުރުބުރީ އަތޮޅުއޮފީސް އުފެދުނުފަހުން އަތޮޅު ކައުންސިލް އުފެދުމާ ދެމެދު ފާއިތުވެގެންދިޔަ 47 އަހަރުގެ ތެރޭގައި 14 ބޭފުޅަކު އަތޮޅުވެރިކަން ކުރައްވާފައި ވެއެވެ

ޤާނޫނީގޮތުން ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން އުފެދި އަތޮޅުއޮފީހުގެ ނަން އަތޮޅު ކައުންސިލްގެ ނަމަށް ބަދަލުވަންދެން އަތޮޅުއޮފީސް ހިންގަމުން އައިސްފައިވަނީ ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރައްވާފައިވާ ބޭފުޅަކު ހުންނަވައިގެންނެވެ. އަތޮޅުއޮފީހުގެ ނަން އަތޮޅު ކައުންސިލްގެ ނަމަށް ބަދަލުވީ 26 ފެބުރުއަރީ 2010 ގައެވެ

 

ތިލަދުންމަތީ އުތުރުބުރީ އަތޮޅުކައުންސިލުން ކުރަމުންދާ މަސައްކަތް

ތިލަދުންމަތީ އުތުރުބުރީ އަތޮޅުކައުންސިލުން ކުރަމުންދާ މައިގަނޑު މަސައްކަތަކީ ރައްޔިތުންނަށް ބޭނުންވާ އަސާސީ ޚިދުމަތް ފޯރުކޮށް ދިނުމަށް ސަރުކާރާއެކު މަސައްކަތް ކުރުމާއި، އަތޮޅު ތަރައްޤީކޮށް ކުރިއެރުވުމަށްޓަކައި ކުރަންޖެހޭ ކަންކަން ރާވާ ހިންގުމާއި ސަރުކާރުގެ އެކި މުއައްސަސާތަކުން އަތޮޅުގައި ހިންގަވާ އެކިއެކި މަޝްރޫޢުތައް ހިންގުމުގައި ސަރުކާރަށް އެހީތެރިވުމާއި ރައްޔިތުންގެ ފަރާތުން ހުށަހެޅޭ މައްސަލަތައްބަލާ އެ މައްސަލަތައް ހައްލުކޮށް ދިނުމެވެ.

 

ލިބިފައިވާ ކާމިޔާބީތަކާއި ހާސިލް ކުރެވިފައިވާ ލަނޑުދަޑިތައް

ތިލަދުންމަތީ އުތުބުރީ އަތޮޅު އޮފީސް އުފެދުނު ދުވަހުއްސުރެ ހއ. އަތޮޅު އޮފީހަކީ ސަރުކާރާއި ރައްޔިތުންގެ މަސައްކަތުގައި ރާއްޖޭގެ ނިސްބަތުން ފާހަގަކުރެވޭ އޮފީހެކެވެ. ސަރުކާރުން އަންގަވާ ކަންކަމުގައި ފަހަތަށް ނުޖެހި ސާބިތުކަމާއެކު ޖަވާބުދާރީވާ އޮފީހެކެވެ. އަދި ރައްޔިތުންނަށް ދިމާވާ މުހިއްމު ކަންކަމުގައި އެންމެ ފުރިހަމައަށް އިސްނަގައިގެން މަސައްކަތްކުރާ އޮފީހެކެވެ. މިކަންކަން ސަރުކާރުންނާއި ރައްޔިތުން ފާހަގަ ކުރެއެވެ. މިގޮތުން ހއ. އަތޮޅު ތަޢުލީމީ މަރުކަޒު އަލަށް ޢިމާރާތް ކުރިދުވަސްވަރު އުތުރުގެ ދެތިން އަތޮޅަކާ ވާދަޖަހައިގެން ސަރުކާރުން ހުށަހެޅި އިނާމު ޙާސިލް ކުރުމަށްޓަކައި ކުރެވުނު މަސައްކަތުން ތަޢުލީމީ މަރުކަޒުގެ މަސައްކަތް އެންމެ އަވަހަށް ނިންމި އަތޮޅަކަށް ދެވޭ އިނާމް ހއ. އަތޮޅުން ޙާސިލް ކޮށްފައި ވެއެވެ. އަދި މިނޫނަސް  ރާއްޖޭގައި ޤައުމީ ފެންވަރުގައި ބޭއްވި އަތްތެރި މަސައްކަތުގެ ބައެއް މަޢުރަޒުތަކުން ވަނަ ހޯދާފައިވާކަން މި ފުރުސަތުގައި ފާހަކުރަމެވެ.

އަތޮޅުތައް ހިންގުމަށް އައި ބޮޑު ބަދަލާގުޅިގެން އަތޮޅު ކައުންސިލްތައް އުފެދި، ފުރަތަމަ ދައުރު ނިމުނު އިރު އަތޮޅު ނަމުގައި ބޭސް ފިހާރައެއް ހުޅުވުން ފިޔަވައި އިތުރު މަސައްކަތެއް ކުރެވިފައެއް ނުވެއެވެ. އަދި އަތޮޅު  ކައުންސިލްގެ ބެލުމުގެ ދަށުގައި ހުރި ބައެއް ޢިމާރާތްތަކާއި، އެއްގަމާއި ކަނޑުގެ ވެހިކަލްތައް މަރާމާތުކުރެވޭނެ ގޮތެއްނެތި ވީރާނާ ވަމުންދަނިކޮށް އަތޮޅު ކައުންސިލްގެ ދެވަނަ ދައުރުގައި ކުރެވުނު މިންނެތް މަސައްކަތުން އަތޮޅުގޭގެ ޢިމާރާތް މާރާމާތުކޮށް އެއްގަމާއި، ކަނޑުގެ ވެހިކަލްތައް މަރާމާތުކޮށް ވުޖޫދަށް ގެނެސް ބޭނުންކުރަންފެށިި އެތަންތަނަށް އާމްދަނީ ލިބޭނެގޮތްވަނީ ތަނަވަސްވެފައެވެ. މިއީ އަތޮޅު ކައުންސިލަށް ލިބުނު ކުރިއެރުމެކެވެ.

ކައުންސިލްގެ ދެވަނަ ދައުރުގައި ޚާއްސަ އަހުމިއްޔަތުކަމެއް ދީގެން ފެށުނު މަސައްކަތަކީ އަތޮޅު ރައްޔިތުން އަތޮޅުން ބޭރަށްނުގޮސް ދިވެހި ޕާސްޕޯޓް ހެއްދޭނެގޮތް ހަމަޖެހޭތޯ ކުރެވުނު މަސައްކަތެވެ. މި މަސައްކަތްވެސް ތަފާތު ގޮންޖެހުންތަކާއެކު ލަސްވެގެން ދިޔަނަމަވެސް ދެވަނަ ދައުރު ނިމެނިކޮށް މޯލްޑިވެސް އިމިގްރޭޝަން އޮތޯރިޓީއާ ހއ. އަތޮޅު ކައުންސިލާ ދެމެދު ވެވުނު އެއްބަސްވުމުގެ ދަށުން ޕާސްޕޯޓަށް އެދޭ ފޯމް ބަލައިގަނެ ފޯމް ފޮނުވުމުގެ މަސައްކަތް ފެށުނެވެ. އަދި މިކަމަށް މީހުން ތަމްރީންވެސް ކުރެވިފައި ވެއެވެ.

އަތޮޅު ކައުންސިލްގެ ދެވަނަ ދައުރުގައި މުޅިން އަލަށް ފެށުނު އަނެއްކަމަކީ އަތޮޅަށް ޚިދުމަތްކުރައްވާ ފަރާތްތަކުގެ އަގުވަޒަން ކުރުމުގެ ގޮތުން އަތޮޅު ކައުންސިލުންދެވޭ ޢާންމު ޚިދުމަތުގެ ހިތްވަރު ދިނުމުގެ އިނާމް ދިނުމުގެ މަސައްކަތެވެ. މިގޮތުން 2015 ވަނައަހަރާއި 2016 ވަނައަހަރުވެސް އެފަދަ ފަރާތްތަކަށް ޤައުމީ ފެންވަރުގައި ޙަފްލާ ބާއްވާ މުޅި ރާއްޖެއަށް ފެންނަގޮތަށް ލައިވްކުރި ޙަފްލާގައި ޝަރަފްވެރިންގެ އަތްޕުޅުން އިނާމް ދެވިފައިވެއެވެ. މިއީ އަތޮޅު ކައުންސިލަށް ލިބުނު ފާހަގަކުރެވޭ ކުރިއެރުންތަކެވެ.