ތަޢާރަފް

haa_alifu_atoll

ތިލަދުންމަތީ އުތުރުބުރި

ތިލަދުންމަތީ އުތުރުބުރި ( ހއ. އަތޮޅު ) އަކީ ރާއްޖޭގެ އެންމެ އުތުރުގައިވާ އަތޮޅެވެ. މިއަތޮޅަކީ، އާބާދީއަށް ބަލާއިރު ރާއްޖޭގެ 4 ވަނައަށް އެންމެއާބާދީ ބޮޑުއަތޮޅެވެ. ރާއްޖޭގެ ނިސްބަތުން އާބާދީގޮތުން ތިންވަނަ އަތޮޅުގެ ގޮތުގައި ހއ. އަތޮޅު އޮތުމަށްފަހު ހަތިފުށީ މީހުން ހަނިމާދުއަށް ބަދަލުވުމާއެކު އާބާދީގެގޮތުން ހަތަރުވަނަ އަތޮޅުގެ ގޮތުގައި ހިމެނުނީއެވެ. މި އަތޮޅަކީ މީހުން ދިރިއުޅޭ 14 ރަށުގެ މައްޗަށް އެކުލެވިގެންވާ، އަތޮޅު އާބާދީގައި 21529 މީހުން ހިމެނޭ އަތޮޅެކެވެ. މިއަތޮޅުގެ އަތޮޅުވެރިކަންކުރާ ރަށަކީ ދިއްދޫއެވެ. އެހެންނަމަވެސް ދާދިމަދު ދުވަސްކޮޅަކަށް އަތޮޅުވެރިކަން ހޯރަފުއްޓަށް ބަދަލުވެގެން ދިޔައެވެ.

ތިލަދުންމަތީ ދެބައި ނުކުރާއިރު ( ބޮޑުތިލަދުންމަތި ހއ. ހދ. އަތޮޅު އެއް އަތޮޅެއްގެ ގޮތުގައި އޮތްދުވަސްވަރު ) އަތޮޅުވެރިކަން ކުރީ ހދ. ނޮޅިވަރަމްފަރުގައެވެ. އޭގެފަހުން އަތޮޅު ދެބައިކޮށް ހއ. އަތޮޅު އުފެދިފައިވަނީ 21 މެއި 1958 ގައެވެ. ހއ. އަތޮޅުގެ އެންމެ ފުރަތަމަ އަތޮޅުވެރިޔަކީ އަލްމުހުތަރަމް މުޙައްމަދު ޙަސަނެވެ. އޭގެފަހުން މިވީ 47 އަހަރުގެ ތެރޭގައި 14 އަތޮޅުވެރިން ވެރިކަން ކުރައްވާފައިވެއެވެ. އެންމެފަހުގެ އަތޮޅުވެރިޔަކީ ލ. މާބައިދޫ އާޝީރުވާދީ މުޙައްމަދު ރަޝީދެވެ

 ތިލަދުންމަތީ އުތުރުބުރީގައި ޖުމްލަ 42 ރަށް އޮވެއެވެ. މީގެތެރެއިން 2006 ވަނައަހަރާ ޖެހެންދެން މިއަތޮޅުގައި މީހުން ދިރިއުޅެމުންދިޔައީ ޖުމްލަ 16 ރަށުގައެވެ. ނަމަވެސް މިދެންނެވި ތާރީޚްގެ ފަހުން، މިއަތޮޅު ބެރިންމަދޫ ރައްޔިތުން ހޯރަފުއްޓަށް ބަދަލުކުރެވުނެވެ. އަދި މިއަތޮޅު ހަތިފުށީ ރައްޔިތުން 2007 ވަނައަހަރު ހދ. ހަނިމާދޫއަށް ބަދަލުކުރެވުނެވެ. އެހެންކަމުން މިހާރު މިއަތޮޅުގައި މީހުން ދިރިއުޅެނީ ޖުމްލަ 14 ރަށުގައެވެ
ޖުމްލަގޮތެއްގައި ބަލާއިރު މިއަތޮޅުގެ ގިނަ ރަށްރަށަކީ ބިންބޮޑެތި ލަފާފުރަން ފަސޭހަ ރަށްރަށެވެ

އަތޮޅަށްލިބޭ އާމްދަނީ އިތުރުކުރުން

އަތޮޅު ކައުންސިލްގެ މާއްލިއްޔަތު މުއްސަނދި ކުރުމުގެ ގޮތުން އޭރުގެ އަތޮޅުކޮމިޓީން ޢިމާރާތް ކޮށްފައިވާ '' ގެލެކްސީ ޢިމާރާތާއި، އުތުރުހިޔާ ޢިމާރާތުން އަތޮޅު ކައުންސިލަށް އާމްދަނީ ލިބެއެވެ. އަދި މީގެއިތުރުން ލާމަރުކަޒީ ޤާނޫނުގެ ދަށުން ކައުންސިލްތައް އުފެދުނުފަހުން ކައުންސިލްގެ ފުރަތަމަ ދައުރުގައި 20 މެއި 2013 ގައި ބޭސްފިހާރައެއް ހުޅުވާ ރައްޔިތުންނަށް ޚިދުމަތް ދެމުން ގެންދެވެއެވެ. މީގެއިތުރުން މިހާރު ހިންގަމުންމިދާ ދެވަނަ ދައުރުގައިވެސް ކައުންސިލަށް އާމްދަނީ ލިބޭނެ އިތުރުގޮތްތައް ތަޢާރަފް ކުރުމުގެ މަސައްކަތް ކުރެވެމުން އެބަދެއެވެ. އޭގެތެރޭގައި އަތޮޅު ކައުންސިލްގެ '' ރެހެންދި ލާންޗް '' ބޭނުންކޮށްގެން '' ފަހިދުވެލި '' ގެ ނަމުގައި ދަތުރުކުރެވޭނެ ޕްރޮގްރާމެއް ތަޢާރަފް ކުރުމާއި '' ފަހިއަރަނި '' ގެ ނަމުގައި އަތޮޅުގެ އެކި އިދާރާތަކުގައި މަސައްކަތްކުރައްވާ މުވައްޒަފުންނަށް ސްކީމެއް ތަޢާރަފްކުރުން ހިމެނެއެވެ

ތާރީޚާއި ޘަޤާފަތް

ތިލަދުންމަތީ އުތުރުބުރިއަކީ ފަޚުރުވެރި ތާރީޚަކާއި މުއްސަނދި ޘަޤާފަތެއް އޮތް އަތޮޅެކެވެ. ޕޯޗްގީޒުންގެ އަޅުވެތިކަމުން މިލޮބުވެތި ދިވެހި ޤައުމު ސަލާމަތްކުރެއްވި ހިއްވަރުގަދަ، ލާމަސީލު ބަޠަލު އައްސުލްޠާނުލްޣާޒީ މުޙައްމަދު ތަކުރުފާނުލްއަޢުޒަމަކީ މިއަތޮޅު އުތީމުގެ ބޭފުޅަކަށްވާތީ ތާރީޚީގޮތުން މިއަތޮޅު ވަނީ މުޅިރާއްޖެއަށް މަޝްހޫރު އަތޮޅަކަށް ވެފައެވެ. އުތީމު މަހާރަދުންނާއި، އެމަހާރަދުންގެ އެހީތެރިން ޕޯޗްގީޒުންނާ ހަނގުރާމައަށް ނުކުމެވަޑައިގަތުމުގެ ކުރިން ކީރިތި ﷲގެ ޙަޟްރަތުން ނަޞްރަށް އެދިވަޑައިގެން ދުޢާކުރެއްވި އުތީމު ކަނދުވަލު މިސްކިތަކީ ތާރީޚީގޮތުން ފާހަގަކޮށްލެވޭ، ގިނަ ދުވަސްވީ އަގުހުރި ބިނާއެކެވެ. މި މިސްކިތަކީ އެޒަމާނުގެ ދިވެހިންގެ މަސައްކަތްތެރިކަމާއި، ފާޑުވެރިކަން ވަރަށް ރީތިކޮށް ހާމަވެގެންދާ އަގުހުރި ތަރިކައެކެވެ

އަތޮޅު ރައްޔިތުން ކުރަމުންދާ މައިގަޑު މަސައްކަތް

ޒަމާނުއްސުރެ މިއަތޮޅު މީހުން ދިރިއުޅުމަށް ކުރާ މައިގަނޑު މަސައްކަތަކީ މަސްވެރިކަމާއި، ދަނޑުވެރިކަމެވެ. ހަލުއިކަމާއެކު ފުޅާވަމުން އަންނަ ފަތުރުވެރިކަމުގެ ދާއިރާގައި ޙަރަކާތްތެރިވާ ޒުވާނުންވެސް މިހާރު މަދެއް ނޫނެވެ. ކަނޑު މަސްވެރިކަމަށް އެންމެ މަޝްހޫރު ރަށަކީ އިހަވަންދޫއެވެ. ދަނޑުވެރިކަމަށް އެންމެ ފާހަގަކޮށްލެވެނީ ކެލާ، ބާރަށް، ފިއްލަދޫއެވެ. ބޮޑުކަންނެލީގެ މަސްވެރިކަމަކީ ވެސް މިހާރު މިއަތޮޅުގައި އެކަށީގެންވާ ގޮތެއްގައި ކޮށްއުޅޭ މަސައްކަތެކެވެ

ތަޢުލީމް

 ތިލަދުންމަތީ އުތުރުބުރީ ރަށްރަށުގެ ސްކޫލްތަކުން ޖުމްލަ 3178 ކުދިން ތަޢުލީމް ޙާޞިލް ކުރަމުން ގެންދެއެވެ. މިއަތޮޅުގައި ޖީ.ސީ.އީ އޭލެވެލްއަށް ކިޔަވައިދޭ 3 ސްކޫލު ހުރެއެވެ. އެއީ ހއ. އިހަވަންދޫ މަދަރުސާއާއި، ހއ. ހޯރަފުށީގައިހުންނަ ހއ. އަތޮޅު މަދްރަސާއާއި، ހއ. އަތޮޅު ތަޢުލީމީ މަރުކަޒެވެ. އަދި ޖީ.ސީ.އީ އޯލެވެލްއަށް ކިޔަވައިދޭ 14 ސެކަންޑްރީ ސްކޫލް ހުރެއެވެ. އަދި މިއަތޮޅު ކޮންމެ ރަށެއްގައި ޕްރީސްކޫލެއް ހުރެއެވެ. ރާއްޖޭން ބޭރުގައާއި، މާލޭގައިވެސް މިއަތޮޅުގެ ދަރިން ތަޢުލީމު ޙާސިލްކުރަމުން ގެންދެއެވެ

ޞިއްޙަތު

ޞިއްޙީ ޚިދްމަތް ވެސް މިއަދު މިވަނީ ވަރަށް ބޮޑަށް ފުޅާވެފައެވެ. ޞިއްޙީ ދާއިރާ ތަރައްޤީވަމުން މިދަނީ ވަރަށް ހަލުއި ސްޕީޑެއްގައެވެ. އަތޮޅުގައި ހުރި ޞިއްޙީ ޚިދްމަތްދޭ އެންމެ އިސް ތަނަކީ ދިއްދޫގައި ހުންނަ ހއ. އަތޮޅު ހޮސްޕިޓަލެވެ. މީގެ އިތުރަށް ދިއްދޫ ފިޔަވާ އަތޮޅުގެ އަނެއް 13 ރަށުގައި ޞިއްޙީމަރުކަޒުވަނީ ޤާއިމުކުރެވިފައެވެ. އަދި އެތަންތަނުގައި ޑޮކްޓަރުންނާއި ނަރުހުން މަސައްކަތް ކުރައްވަމުން ގެންދަވައެވެ

ކަރަންޓްގެ ޚިދުމަތް

މިއަތޮޅުގައި ސަރުކާރުން ކަރަންޓް ލައިދެއްވާފައިވަނީ 3 ރަށެއްގައެވެ. އެ ރަށްރަށަކީ ދިއްދޫ، ހޯރަފުށި، ތުރާކުނެވެ. އޭ.ޑީ.ބީގެ ލޯނުއެހީ ލިބިގެން ސަރުކާރުން ހިންގަވާ އައުޓަރ އައިލެންޑް އިލެކްޓްރިފިކޭޝަން ޕްރޮޖެކްޓްގެ ދަށުން ހއ. ކެލާ، އިހަވަންދޫ، ބާރަށަށް މިހާރުވަނީ ކަރަންޓް ދޫކުރަންފަށާފައެވެ. މީގެއިތުރުން މިއަތޮޅުގެ 8 ރަށެއްގައި ހުންނަނީ އެރަށްރަށުގެ ރައްޔިތުން ޚަރަދުކޮށްގެން ލާފައިވާ ކަރަންޓެވެ. ނަމަވެސް މި ހުރިހާރަށެއްގެ އިންޖީނުގެތައް މިހާރުވަނީ ސަރުކާރުން އުފައްދާފައިވާ ޔުޓިލިޓީސް ކުންފުންޏަކާ ޙަވާލުކޮށް އެކުންފުނިން ހިންގަން ފަށާފައެވެ. ކޮންމެ ރަށަކަށްވެސް 24 ގަޑިއިރުގެ ކަރަންޓް ލިބެންހުރެއެވެ

ތިމާވެށީގެ މައްސަލަ

ތިމާވެށީގެ ގޮތުން މިއަތޮޅުގެ ގިނަ ރަށްރަށަށް ދިމާވެފައިވާ އެންމެ ބޮޑު އެއް މައްސަލައަކީ ރަށްގިރުމުގެ މައްސަލައެވެ. ޚާއްސަކޮށް ދިއްދުއަކީ ތިމާވެށީގެ މައްސަލަތައް ބޮޑު ރަށެކެވެ. އެގޮތުން ދިއްދޫގެ ބިންހިއްކިފަހުން ދިއްދޫގެ ހުޅަނގުފަރާތުން އާދަޔާޚިލާފު ބާރުމިނެއްގައި ގިރަމުންގޮސް ވަރަށްގިނަ އަދަދެއްގެ ރުއްގަސް ވެއްޓި އެސަރަޙައްދުގައިވާ ހޮޅުއަށިގެ ބިންދައިގެންގޮސް އެތަނަށް މިހާރުދަނީ ރާޅުއަރަމުންނެވެރަށްރަށުގެ ނާޒުކު ތިމާވެށި ޙިމާޔަތްކުރުމުގެ ގޮތުން މަގުމަތީގައާއި ހޭޅިފަށުގައި ގަސް އިންދުމަކީ އެކިއެކި މުނާސަބަތުތަކާ ގުޅުވައިގެން ވަރަށް ގިނައިން ކުރެވެމުންދާ ކަމެކެވެ. އަދި އުކާލެވޭ ކުނިބުނީގެ ސަބަބުން ރަށްރަށުގެ ހިތްގައިމު ފަރުތަކަށާއި، ރީތި ގޮޑުދޮށްތަކަށް ލިބޭ ގެއްލުންތައް ކުޑަކުރުމުގެ ގޮތުން ކުނި އަޅާނެ ކުނި ކޮށިތައް މިހާރުވަނީ ތައްޔާރުކުރެވިފައެވެ