އަތޮޅު ކައުންސިލްގެ ޓީމެއް ސަރުކާރުގެ ބައެއް މިނިސްޓްރީތަކަށް ޒިޔާރަތް ކުރެއްވުން

IMG_1118

އިސްލާމިކް މިނިސްޓަރ އަރިހުގައި އަތޮޅު ކައުންސިލްގެ އިސްވެރިން


އަތޮޅުގައި ހުރި ބައެއް ކަންކަމާ ބެހޭގޮތުންނާއި، ސަރުކާރުން ރައްޔިތުންނަށް ދެއްވަމުން އަންނަ ޚިދުމަތްތަކުގެ ފެންވަރު މިހާރަށްވުރެ ރަނގަޅު ކުރުމާ ބެހޭގޮތުން ސަރުކާރާ މަޝްވަރާ ކުރެއްވުމަށް ހއ. އަތޮޅު ކައުންސިލްގެ އިސްވެރިންގެ ޓީމެއް މާލެ ވަޑައިގެން އެކިއެކި ވުޒާރާތަކުގެ ވެރިންނާ ބައްދަލު ކުރައްވަމުން އެބަގެންދަވައެވެ.

ތިލަދުންމަތީ އުތުރުބުރީ އަތޮޅު ކައުންސިލްގެ ޓީމުގެ ފަރާތުން އެންމެ ފުރަތަމަ ބައްދަލުކުރެއްވީ އިސްލާމިކް މިނިސްޓަރ ޑޮކްޓަރ އަޙުމަދު ޒާހިރުޢަލީ އާއެވެ. އެމަނިކުފާނާ ބައްދަލުކުރައްވައި، އަތޮޅުގައި ހުރި މިސްކިތްތަކުގެ ހާލަތު ރަނގަޅު ކުރުމާ ބެހޭގޮތުންނާއި، މިސްކިތްތައް ބެލެހެއްޓުން ކައުންސިލާ ޙަވާލުކުރުމާއި، އަތޮޅުގައި މިހާރު ހިންގާ ޤުރުއާން ކްލާސްތައް މިހާރަށްވުރެ ހަރުދަނާ އުސޫލެއްގެ ތެރެއިން ހިންގުމާއި، އިސްލާމިކް މިނިސްޓްރީއާއި އަތޮޅު ކައުންސިލް ގުޅިގެން އަތޮޅުގައި ހިންގިދާނެ ޕްރޮގްރާމްތަކާ ބެހޭގޮތުންނާއި އަތޮޅުގައިހުރި އަންހެނުންގެ މިސްކިތްތަކާމެދު ޢަމަލުކުރާނެ ގޮތްތަކާ ބެހޭގޮތުން މަޝްވަރާ ކުރެވުނެވެ. އަދި މިވަގުތު އުވާލާފައިހުރި އަންހެނުންގެ މިސްކިތްތައް ކައުންސިލާ ޙަވާލުކުރުމާ ބެހޭގޮތުންވެސް މި ބައްދަލުވުމުގައި މަޝްވަރާ ކުރެވުނެވެ.

މި ބައްދަލުވުމުގައި މިނިސްޓަރ ދެއްކެވި ވާހަކަފުޅުގައި އަތޮޅު ކައުންސިލުން ހުށަހެޅުއްވި ކަންތައްތައް ހަމަޖައްސަވައި ދެއްވުމުގައި އެމަނިކުފާނުގެ ފަރާތްޕުޅުން ވެދެއްވެންއޮތް އެހީތެރިކަމެއް ދެއްވާނެކަމުގެ ޔަޤީންކަން ދެއްވިއެވެ.

މި ބައްދަލުވުމަށް އަތޮޅުން މާލެ ވަޑައިގެން އުޅުއްވަނީ ކައުންސިލްގެ ނައިބު ރައީސާއި ކައުންސިލްގެ ބައެއް މެމްބަރުންނާއި ކައުންސިލްގެ ޑިރެކްޓަރ ޖެނެރަލް އެވެ.