މަޢުލޫމާތު ހާމަކުރުމުގެ ރަންވަނަ 2018 ތިލަދުންމަތީ އުތުރުބުރީ އަތޮޅުކައުންސިލަށް ލިބިއްޖެ

Presentation2


 

އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުން ކޮންމެ އަހަރަކު އެއްފަހަރު ދެމުންއަންނަ މަޢުލޫމާތު ހާމަކުރުމުގެ ރަންވަނަ އިނާމު 2018  ތިލަދުންމަތީ އުތުރުބުރީ އަތޮޅު ކައުންސިލުން ހާސިލްކޮށްފިއެވެ. މިއީ މިރޮނގުން އަތޮޅު ކައުންސިލުން އިނާމު ހާސިލްކުރި ދެވަނަފަހަރެވެ. އެންމެފުރަތަމަ އިނާމު ލިބިފައިވަނީ 2017 ވަނައަހަރުއެވެ.

މި އިނާމަކީ މަޢުލޫމާތު ހޯދުމާއި ލިބިގަތުމުގެ ޙައްގުގެ ޤާނޫނުގެދަށުން އަމިއްލައަށް އިސްނަގައިގެން ސަރުކާރުގެ މުވައްސަސާތަކުގެ ވެބްސައިޓް މެދުވެރިކޮށް ނުވަތަ އެނޫން އެހެންވެސް ވަސީލަތް މެދުވެރިކޮށް މަޢުލޫމާތު ހާމަކުރުމުގެ މަސައްކަތް ކުރައްވާ ސަރުކާރުގެ މުވައްސަސާތަކުގެ މެދުގައި ވާދަވެރިކަމަށް ހުޅުވައި ލައްވައިގެން ކޮންމެ އަހަރަކު އެއްފަހަރު ދެއްވާ އިނާމެކެވެ.

މިކަމަށްޓަކައި 17 އޮކްޓޯބަރ 2017 ވަނަ ދުވަހުގެރޭ މާލޭގައި ބޭއްވުނު ހަފްލާގައި ރަންވަނަ އިނާމް ޙަވާލުކޮށްދެއްވީ ޝަރަފުވެރި މެހެމާން އޯޑިޓަރ ޖެނެރަލް އަލްފާޟިލް ހަސަން ޒިޔަތުއެވެ.

މަޢުލޫމާތު ހާމަކުރުމުގެ ރަންވަނައަށް އެދި ސަރުކާރުގެ ބައެއް ކުންފުނިތަކުންނާއި އޮފީސްތަކުން ކުރިމަތި ލާފާވެއެވެ. މިގޮތުން 3 ދަރަޖައަކަށް މުވައްސަސާތައް ދަރަޖަ ކުރެވިގެން ދިޔައެވެ. ދަރަޖަ ކުރެވިގެންދިޔައީ އެމުވައްސަސާއެއްގެ ވެބްސައިޓް މެދުވެރިކޮށް މަޢުލޫމާތު ހާމަކޮށްފައިވާ މިންވަރަށެވެ.

މުވައްސަސާތައް ދަރަޖަކުރެވިގެން ދިޔައިރު ތިލަދުންމަތީ އުތުރުބުރީ އަތޮޅު ކައުންސިލްގެ އިދާރާއަށް ލިބިފައިވަނީ އެއްވަނަ ދަރަޖައެވެ. ތިލަދުންމަތީ އުތުރުބުރީ އަތޮޅު ކައުންސިލް އިދާރާވަނީ  މިފަހަރު މިއިނާމް ހާސިލް ކުރުމަށްޓަކައި އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުން ތައްޔާރުކުރި ހުރިހާ ގައިޑްލައިނެއް ފުރިހަމަ ކޮށްފައެވެ. މިގޮތުން މޯބައިލް އެޕް މެދުވެރިކޮށް އަތޮޅު ކައުންސިލްގެ ވެބްސައިޓަށް ފަސޭހަކަމާއެކު ވަދެވޭނެ އިންތިޒާމްވެސް ވަނީ ހަމަޖެހިފައެވެ.

ތިލަދުންމަތީ އުތުބުރީ އަތޮޅު ކައުންސިލްގެ އިދާރާއިން އަބަދުވެސް މަސައްކަތްކުރަނީ ރައްޔިތުންނަށް ފޯރޮކޮށްދޭންޖެހޭ ޚިދުމަތްތައް ފަސޭހަކަމާއި އަވަސް ކަމާއެކު ފޯރުކޮށްދިނުމާއި، މަޢުލޫމާތު ހޯދުމާއި ލިބިގަތުމުގެ ހައްގުގެ ޤާނޫނުގައިވާ ގޮތުގެމަތިން ހާމަކުރަންޖެހޭ މަޢުލޫމާތު ހިފެހެއްޓުމެއްނެތި ހާމަކުރުމުގެ ރޫޙުގައި މަސައްކަތް ކުރުމެވެ.

މި ފުރުސަތުގައި މިމަސައްކަތުގައި ޝާމިލްވާ ހއ. އަތޮޅު ރަށުކައުންސިލްތަކުގެ ކައުންސިލަރުންނާއި އެ ކައުންސިލްތަކުގެ އެންމެހައި މުވައްޒަފުންނާއި، ޚާއްސަކޮށް އަތޮޅު ކައުންސިލްގެ ކައުންސިލަރުންނާއި އަތޮޅު ކައުންސިލްގެ ހީވާގި މުވައްޒަފުންނަށް އަތޮޅު ކައުންސިލްގެ ރައީސްގެ ނަންފުޅުގައި އަދި ކައުންސިލްގެ ނަމުގައި ޝުކުރު ދަންނަވަމެވެ.