އިމާމުންނާއި ޚަޠީބުން ތާޒާކުރުމަށް ބޭއްވުނު މަސައްކަތު ބައްދަލުވުން 6 ނިމިއްޖެ

Hasn

މިނިސްޓްރީ އޮފް އިސްލާމިކް އެފެއަރޒާއި ތިލަދުންމަތީ އުތުރުބުރީ އަތޮޅު ކައުންސިލްގެ ގުޅިގެން މިމަހުގެ 24 ން 26 އަށް ހިންގުނު އިމާމުންނާއި ޚަޠީބުން ތާޒާކުރުމުގެ މަސައްކަތު ބައްދަލުވުން 6 ނިންމާ ބައިވެރިންނަށް ހަނދާނީ ލިއުން ދެއްވައިފިއެވެ.

މިކަމަށްޓަކައި ބޭއްވުނު ޖަލްސާ ޝަރަފްވެރިކޮށްދެއްވީ ތިލަދުންމަތީ އުތުރުބުރީ އަތޮޅު ކައުންސިލްގެ ރައީސް އަލްފާޟިލް ޢަބްދުﷲ ޙުސައިންއެވެ. މިރަސްމިއްޔާތުގައި އިސްލާމިކް މިނިސްޓްރީގެ މިނިސްޓަރގެ ނައިބް އައްޝައިޚް އިބްރާހީމް އަޙުމަދާއި އަލްއުސްތާޛު ޢަބްދުލް ޣަފޫރު އަޙުމަދު ބައިވެރިވެ ވަޑައިގެންނެވިއެވެ. މީގެއިތުރުން އެމިނިސްޓްރީގެ އިސްބައެއް ވެރިންނާއި ދިއްދޫގައި ހުރި ސަރުކާރު އޮފީސްތަކުގެ އިސްވެރިން ބައިވެރިވެ ވަޑައިގެންނެވިއެވެ.

މިޖަލްސާގައި ވާހަކަފުޅު ދައްކަވަމުން އިސްލާމިކް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރ އައްޝައިޚް އިބްރާހީމް އަޙުމަދު ވިދާޅުވީ އިމާމުންނަކީ އިސްލާމްދީންގެ މަތިވެރި އަޅުކަމެއް އަދާކުރައްވާ ބޭފުޅުންކަމަށާއި އެބޭފުޅުންގެ ސްލޫކާއި އަޚްލާޤް ހުންނަންވާނީ މާތްވެގެންވާ އިސްލާމްދީނުގައި އަންގަވާފައިވާ ގޮތުގެމަތިން ކަމަށާއި މިގޮތުގެމަތިން ރައްޔިތުންނަށް ނަމޫނާއަކަށް ވާންޖެހޭ ބައެއްކަމަށެވެ. އަދި އިސްލާމްދީން ބާރު އަޅަނީ މީސްތަކުންގެ މެދުގައި މަސްލަހަތު ހިފެހެއްޓުމަށް ކަމަށާއި އެހެންކަމުން ރައްޔިތުންނާއެކު އިމާމްވެ ނަމާދު ކުރައްވާއިރު މަސްލަހަތު ނުގެއްލޭގޮތަށް ޢަމަލުކުރެއްވުމަށްވެސް އިމާމުންގެ ކިބައިން އެދިވަޑައިގަތެވެ.

މިޖަލްސާގައި އަތޮޅު ކައުންސިލްގެ ރައީސް އަލްފާޟިލް ޢަބްދުﷲ ހުސައިންވެސް ވާހަކަފުޅު ދެއްކެވިއެވެ. ރައީސްގެ ވާހަކަފުޅުގައި މި ބައްދަލުވުމުން ލިބުނު މަޢުލޫމާތުގެ ބޭނުން ހެޔޮގޮތުގައި ހިއްޕަވައިގެން އެގޮތުގެމަތިން އިމާމުންގެ ޢަމަލުތައް ބެހެއްޓުމަށް އެދިވަޑައިގެންނެވިއެވެ.

މި ބައްދަލުވުން ކުރިއަށް ގެންދިއުމުގައި އަތޮޅު ކައުންސިލުން އަދާކުރެއްވި ދައުރުގެ ފުރިހަމަކަމުން އެކަމުގެ އަގުވަޒަންކޮށް އިސްލާމިކް މިނިސްޓްރީގެ ފަރާތުން އަތޮޅު ކައުންސިލަށް ހަނދާނީ ފިލާދެއްވިއެވެ. މިފިލާއާ ޙަވާލުވެލެއްވީ އަތޮޅު ކައުންސިލްގެ ރައީސް އަލްފާޟިލް ޢަބްދުﷲ ޙުސައިންއެވެ.