އިޝާރާތުން ވާހަކަ ދައްކަން ދަސްކޮށްދޭ ކޯހެއް ހއ. އަތޮޅުގައި ހިންގައިފި

zenee2

ހއ. އަތޮޅުގައި ތިބި އަޑުއިވުމާއި ވާހަކަދެއްކުމުން މަޙުރޫމްވެފައިވާ ކުދިންނާ މުއާމަލާތް ކުރުމުގެ ހުނަރު ދަސްކޮށް ދިނުމުގެގޮތުން ސައިން ލޭންގްއޭޖް ކޯހެއް ( އިޝާރާތުން ވާހަކަ ދެއްކުން ) ދިއްދޫގައި ހިންގައިފިއެވެ. އަތޮޅުގެ ހުރިހާ ރަށަކަށް ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިގެން 2017 ޑިސެމްބަރ މަހުގެ 16 ން 22 އަށް ހިންގި މިކޯހުގައި 71 މީހުން ބައިވެރިވެ ތަމްރީން ފުރިހަމަކޮށްފައި ވެއެވެ. މީގެއިތުރުން މިކޯހުގެ ބައިވެރިންގެ ތެރޭގައި އަޑުއިވުމާއި ވާހަކަ ދެއްކުމުން މަޙުރޫމް ވެފައިވާ 5 ކުއްޖަކު ބައިވެރިވެ ހަތަރުކުދިން ކޯސްފުރިހަމަ ކޮށްފައިވެއެވެ.

މިކޯހުގެ ނިމުން ފާހަގަކުރުމުގެ ގޮތުން 24 ޑިސެމްބަރ 2017 ވަނަ ދުވަހުގެރޭ ބޭއްވުނު ޖަލްސާ ޝަރަފްވެރިކޮށްދެއްވީ މިނިސްޓަރ އޮފް ޖެންޑަރ އެންޑް ފެމެލީ އަލްފާޟިލާ ޒެނީޝާ ޝަހީދުޒަކީއެވެ. މި ޖަލްސާގައި ޖެންޑަރ މިނިސްޓަރގެ އިތުރުން އެމިނިސްޓްރީގެ ޕާރމަނަންޓް ސެކްރެޓަރީ އަލްފާޟިލާ އާމިނަތު ޝިފާނާއާއި ނުކުޅެދުންތެރިކަން ހުންނަކުދިންގެ ހައްގުގައި މަސައްކަތް ކުރެއްވުމަށް ސަރުކާރުން ކަނޑައަޅުއްވާފައިވާ އެމްބެސެޑަރ އަލްފާޟިލާ ޒިހުނަތު ހަސަނާއި މަރިޔަމް ފަޒްނީ ބައިވެރިވެ ވަޑައިގެންނެވިއެވެ.

އަތޮޅުކައުންސިލްގެ 3 ވަނަ ދައުރުގެ 24 ވަނަ ޢާންމު ބައްދަލުވުމުން ނިންމައިގެން މިކޯސް ހއ. އަތޮޅުގައި ހިންގަން ހަމަޖެއްސެވީ މިހާރު ދިއްދޫގައި ހިނގަމުންދާ މަލްޓިމީޑިއާ ކޯހުގެ ލެކްޗަރާއިން ދެއްވި ޚިޔާލާ ގުޅިގެންނެވެ. ޖެންޑަރ މިނިސްޓްރީގެ އެހީތެރިކަމާއެކު ހއ. އަތޮޅު ކައުންސިލާއި ދިއްދޫ ކައުންސިލް ގުޅިގެން ހިންގުނު މިކޯހުގައި ކިޔަވައި ދެއްވީ ނުކުޅެދުންތެރިކަން ހުންނަ ކުދިންގެ ޙައްގުގައި މަސައްކަތްކުރެއްވުމަށް ރާއްޖޭން ކަނޑައަޅުއްވާފައިވާ ގުޑްވިލް އެންބެސެޑަރ އަލްފާޟިލާ މަރިޔަމް ފަޒްނީއެވެ.