ތަފާތު ގޮންޖެހުންތަކާ އެކުގައިވެސް ކައުންސިލުން އަދާކުރަންޖެހޭ ޒިންމާތައް މިގެންދަނީ އަދާކުރަމުން

abdulla

ތިލައުތުރު އުއްތަމަ އަރުތަވެރިންގެ އިނާމު ދިނުމުގެ ޖަލްސާގައި  އަތޮޅު ކައުންސިލްގެ ރައީސް އަލްފާޟިލް ޢަބްދުﷲ ޙުސައިން ވާހަކަފުޅު ދެއްކެވިއެވެ. އެމަނިކުފާނުގެ ވާހަކަފުޅުގައި ދިވެހި ރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނުގެ ދަށުން، ކައުންސިލް ތައް ހިނގަން ފެށިތާ އަދާ ހަމައަށް މިވީ 6 އަހަރާއި 9 މަހާއި 7 ދުވަސްކަމަށާއި ފާއިތުވެ ދިޔަ ދުވަސްތަކުގައި އަތޮޅު ކައުންސިލުން މިވަނީ، ތަފާތު ގޮންޖެހުންތަކާއި އެކުގައިވެސް ޤާނުނީ ގޮތުން އަދާކުރަންޖެހޭ ޒިންމާތައް ފުރިހަމައަށް އަދާކޮށްފައިކަމަށް ވިދާޅުވިއެވެ.

އަތޮޅުގެ ރައްޔިތުންނަށް ދޭން ކައުންސިލްގެ މައްޗަށް ލާޒިމްކުރާ އެންމެހާ ޚިދުމަތްތައް ފަހިކޮށް ލިބޭނެ މަގު ތަނަވަސް ކޮށްދިނުމުގައި އަތޮޅުކައުންސިލްގެ މާލީ ތަނަވަސްކަމާއި ސަރުކާރުގެ އެހީތެރިކަމާއެކު މިގެންދަނީ ޚިދުމަތަކަށްފަހު ޚިދުމަތެއް ތަޢާރަފް ކުރަމުންކަމަށް ކައުންސިލްގެ ރައީސްގެ ވާހަފުޅުގައި ވިދާޅުވިއެވެ.

މީގެއިތުރަށްވެސް ކައުންސިލްގެ ރައީސްގެ ވާހަކަފުޅުގައި ވިދާޅުވީ ކައުންސިލް އުފެދުނު ފަހުން، އެއްމެ ބޮޑު ހޭދައެއް ކުރަމުން މިއަންނަނީ ތަޢުލީމަށްކަމަށާއި މިގޮތުން މި އަތޮޅުގެ 13 ރަށުގެ ކޮންމެ ސްކޫލެއްގެ އެންމެ މޮޅު ދަރިވަރުންނަށް ފައިސާގެ އިނާމު ކޮންމެ އަހަރަކު ދެމުންދާކަމަށް ވިދާޅުވިއެވެ. އެހެންނަމަވެސް އަތޮޅު ކައުންސިލަށް އާމްދަނީ ލިބޭނެ ވަސީލަތްތައް ނެތުމުގެ ސަބަބުން ޒުވާނުންނަށް ބޭނުންވާ އިތުރު ތަޢުލީމާ ހުނަރު އިތުރުކުރުމުގެ ފުރުސަތު، ހޯދައި ދިނުމުގައި ނުހަނުބޮޑަށް ދަތިވަމުންދާކަންވެސް ފާހަގަ ކުރެއްވިއެވެ.

ކައުންސިލްތަކަށް އާމްދަނީ ލިބޭނެގޮތްތައް ހަމަޖެހިގެން މެނުވީ ކައުންސިލުން ބޭނުންވާ ޕްރޮގްރާމްތައް އެކަށީގެންވާ ގޮތެއްގައި ނުހިންގޭނެކަމަށް އަތޮޅު ކައުންސިލްގެ ރައީސްގެ ވާހަކަފުޅުގައި އިޝާރާތް ކުރެއްވިއެވެ.