މަޢުލޫމާތު ހާމަކުރުމުގެ ރަންވަނަ ހއ. އަތޮޅު ކައުންސިލްގެ އިދާރާއަށް ލިބިއްޖެ

IMG_0140


01 އޮކްޓޯބަރ 2017 : 11 މުޙައްރަމް 1439 : އަތަ ނަކަތުން 11


މަޢުލޫމާތު ހޯދުމާއި ލިބިގަތުމުގެ ހައްގުގެ ގާނޫނާ އެއްގޮތްވާ ގޮތުގެމަތިން ދައުލަތުގެ އިދާރާތަކުން އަމިއްލައަށް އިސްނަގައިގެން މަޢުލޫމާތު ހާމަކުރާ ފަރާތްތަކަށް ހިތްވަރު ދެއްވުމުގެ ގޮތުން އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުން ދެއްވާ މަޢުލޫމާތު ހާމަކުރުމުގެ 2017 ވަނަ އަހަރުގެ ރަންވަނަ ހއ. އަތޮޅު ކައުންސިލްގެ އިދާރާއަށް ލިބިއްޖެއެވެ. މިއީ ދައުލަތުގެ ހުރިހާ މުވައްސަސާތަކަށް ހުޅުވައިލައިގެން އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުން ދެއްވާ އެވޯޑެކެވެ. މި އެވޯޑް ހއ. އަތޮޅު ކައުންސިލްގެ އިދާރާއަށް ލިބުނީ ލޯކަލް ކައުންސިލްތަކުގެ ބައިން މުޅި ރާއްޖެއިން އެއްވަނަ ކައުންސިލަކަށް ހޮވިގެންނެވެ.

އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުން މިކަމަށްޓަކައި 28 ސެޕްޓެމްބަރ 2017 ވަނަ ދުވަހުގެރޭ ބޭއްވުނު ޙަފުލާގައި ތައްޓާއި ސަނަދު ޙަވާލުކޮށްދެއްވީ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަލްފާޟިލް ޢަބްދުﷲ މަސީޙުއެވެ. މި އިދާރާއިން އިނާމާ ޙަވާލުވެ ވަޑައިގެންނެވީ އަތޮޅު ކައުންސިލްގެ މެމްބަރ އަލްފާޟިލް ޢަބްދުﷲ އިންފާޒެވެ.

ހއ. އަތޮޅު ކައުންސިލަށް މިއެވޯޑް ލިބުނީ ވެބްސައިޓް މެދުވެރިކޮށް ވީހާވެސް ހާމަކަން ބޮޑު ގޮތެއްގައި ރައްޔިތުންނަށް ބޭނުންވާ މަޢުލޫމާތު އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުން ކަނޑައަޅާފައިވާ މިންގަނޑާ އެއްގޮތަށް ހާމަކޮށްގެންނެވެ.

ހއ. އަތޮޅު ކައުންސިލްގެ އިދާރާގެ ވެބްސައިޓަކީ އަތޮޅާބެހޭ ވަރަށްގިނަ ޢާންމު މަޢުލޫމާތުތަކާއި އަތޮޅުގެ ތާރީޚާއި ޘަގާފަތާއި ކައުންސިލުން ރައްޔިތުންނަށް ދެމުންގެންދާ ޚިދުމަތްތަކާއި އަދި ކައުންސިލުން ކުރަމުންދާ ވިޔަފާރިތަކާއި މިނޫނަސް އެތައް މަޢުލޫމާތުތަކެއް ލިބެންހުންނަ ވެބްސައިޓެކެވެ.

މި ކައުންސިލްގެ މަޤްޞަދަކީ ޤާނޫނާ އެއްގޮތްވާ ގޮތުގެމަތިން ތެދު މަޢުލޫމާތު ހާމަކުރުމާއި، ރައްޔިތުންނަށް ޖަވާބުދާރީ ވުމުގައި ވީހާވެސް ދެފުށް ފެންނަގޮތަށް، މަޢުލޫމާތު ހާމަކުރާ ނަމޫނާ އޮފީހަކަށް ވެގެން ދިއުމެވެ.