ދިއްދޫ މީރާ ކަލެކްޝަން ސެންޓަރު ރަސްމީކޮށްހުޅުވައި ދެއްވައިފި

މީރާ


28 ސެޕްޓެމްބަރ 2017 : 08 މުޙައްރަމް 1439 : އަތަ ނަކަތުން 08


މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ ( މީރާގެ ) ދިއްދޫ ކަލެކްޝަން ސެންޓަރު ރަސްމިކޮށް މިއަދު ހުޅުވައި ދެއްވައިފިއެވެ. މި ސެންޓަރު ހުޅުވައި ދެއްވީ ކޮމިޝަނަރ އޮފް ޓެކްސޭޝަސް އަލްފާޟިލް ޔަޒީދު މުޙައްމަދާއި އަތޮޅު ކައުންސިލްގެ ނާއިބު ރައީސް އަލްފާޟިލް ޢަލީ ޝަމީމެވެ. މިސެންޓަރ ހުޅުވުމުގެ ރަސްމިއްޔާތުގައި މީރާގެ އިސް ވެރިންނާއި ދިއްދޫގައިހުރި ސަރުކާރުގެ މުވައްސަސާތަކުގެ އިސްވެރިންނާއި އަތޮޅު ކައުންސިލްގެ އިސްވެރިންގެ އިތުރުން ބައެއް ވިޔަފާރިވެރިންވެސް ބައިވެރިވިއެވެ.

މިރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ކޮމިޝަނަ އޮފް ޓެކްސޭޝަސް ދެއްކެވި ވާހަކަފުޅުގައި ކުދި ވިޔަފާރިތައް ހިންގާ ފަރާތްތަކަށް ޚާއްސަކޮށް އަތޮޅުތެރޭގައި ވިޔަފާރި ހިންގާ ފަރާތްތަކަށް ގެއްލުންވާކަމަށް ދެކެވޭވަހަކައިގައި އެއްވެސް ހަގީގަތެއް ނެތްކަމަށް ވިދާޅުވިއެވެ. މިގޮތުން ޓެކްސް ނިޒާމުގެ ތެރެއިން ކުދި ވިޔަފާރިތަކަށް ވަރަށްބޮޑެތި އިސްތިސްނާތަށް ދެވިފައިވާކަން ފާހަގަ ކުރައްވާ އެކަމުގެ ތަފްސީލް ހާމަކޮށް ދެއްވިއެވެ.

ހަމަމިއާއެކު ޓެކްސް ދައްކަންޖެހޭ ވިޔަފާރިތަކުން ގަވާއިދުން ޓެކްސް ދެއްކުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެއްކަމަށާއި އަތޮޅު ތެރޭގައި ވިޔަފާރިކުރާ ފަރާތްތަކުންވެސް ޓެކުހުގެ ގާނޫނުތަކާއި ގަވާޢިދުތަކަށް ފުރިހަމައަށް ބޯލަބަންޖެހޭކަމަށް ޔަޒީދުގެ ވާހަފުޅުގައި ވިދާޅުވިއެވެ. އަދި ހިސާބުތައް ބެލެހެއްޓިފައި ނެތުމާއި ސިސްޓަމްތައް ހަލާކުވެފައިވާކަމަށް ބުނުންފަދަ ބަހަނާތައް ދެއްކުމަކީ އެންމެ ޒިންމާދާރުކަމާއެކު ދައްކަވާ ވާހަކަތަކެއް ނޫންކަމަށާއި ވިޔަފާރިއާގުޅޭ އެހެނިހެން ކަންތައްތައް ކުރާ ފަދައިން ވިޔަފާރީގެ ހިސާބުތައްވެސް ބެލެހެއްޓެން ވާނެކަމަށް ވިދާޅުވިއެވެ.

ޔަޒީދުގެ ވާހަކަފުޅު ކުރިއަށް ގެންދަވަމުން ވިދާޅުވީ ގަސްދުގައި ޓެކުހަށް މަކަރުހަދާ ޓެކްސްދެއްކުމުން ރެކެން މަސައްކަތްކުރާ ފަރާތްތައް ހޯދައި އެފަރާތްތަކާމެދު އެކަށީގެންވާ ފިޔަވަޅު އެޅުމަކީ ގަވާޢިދުން ޓެކްސްދައްކާ ކޮންމެހެން ކުރަންޖެހޭކަމެއްކަމަށް ވިދާޅުވިއެވެ. މިގޮތަށް އަމަލު ނުކުރެވޭނަމަ ޓެކްސްދައްކާ ހުރިހާ ފަރާތްތަކާމެދު ހަމަކަމާއެކު އިންސާފު ވެރިކަން ގާއިމު ނުކުރެވޭނެކަމަށް ވިދާޅުވިއެވެ.

ކޮމިޝަނަރގެ ވާހަފުޅުގައި މުސްތަގުބަލްގައި މިސެންޓަރުން މާލޭގައި ދެވޭ ހުރިހާ ޚިދުމަތެއް ދެއްވަން ގަސްދުކުރައްވާ ކަމަށާއި އެހެންނަމަވެސް އެކަމަށްކުޑަ ދުވަސްކޮޅެއް ނަގާނެކަމަށް ވިދާޅުވެ ދިއްދޫގައި މީރާގެ އޮފީސް ޢިމާރާތެއްކޮށް އިތުރު މުވައްޒަފުންނާއެކު މާލޭންދެވޭ ހުރިހާ ޚިދުމަތެއް ލިބިގެންދާނެކަމަށް ވިދާޅުވިއެވެ.

މިރަސްމިއްޔާތުގައި އަތޮޅު ކައުންސިލްގެ ނާއިބު ރައީސް އަލްފާޟިލް ޢަލީ ޝަމީމް ދެއްކެވި ވާހަކަފުޅުގައި ދިއްދޫގައި މީރާގެ ގޮތްޕެއް ހުޅުވިގެންދިޔައީ ދެވަނަ ދައުރުގައި ތިއްބެވި އަތޮޅު ކައުންސިލަރުންގެ ކުރެއްވި މަސައްކަތުން ކަމަށާއި އެކަމަށްޓަކައި ދެވަނަ ދައުރުގެ އަތޮޅު ކައުންސިލްގެ ރައީސަށާއި ނާއިބު ރައީސަށާއި މެމްބަރުންނަށް ޝުކުރު އަދާކުރެއްވިއެވެ. އަދި މީރާގެ އޮފިސް ހިންގުމަށް ވަގުތީގޮތުން އަތޮޅު ކައުންސިލްގެ ގޯތިތެރެއިން ޖާގަދިނީވެސް އަތޮޅު ކައުންސިލަށް ބަލައިގަންނަ ދައުލަތުގެ އާމްދަނީއާބެހޭ ފައިސާ ފަސޭހަކަމާއެކު އަތޮޅު ރައްޔިތުންނަށް ދެއްކޭނެ ނިޒާމެއް ގާއިމުކުރުމުގެ މަގުސަދުގައި ކަމަށެވެ.

ނައިބު ރައީސްގެ ވާހަކަފުޅުގައި މި ރަސްމިއްޔާތަށްޓަކައި އަތޮޅު ކައުންސިލްގެ ހީވާގި މުވައްޒަފުން ކުރައްވާފައިވާ މަސައްކަތަށް ޝުކުރު އަދާކުރެއްވިއެވެ.