ތިލައުތުރު އުއްތަމަ އަރުތަވެރިންގެ އިނާމު 2017 އަށް އެދި ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފި

DSC_5677

ތިލައުތުރު އުއްތަމަ އަރުތަވެރިންނަށް އިނާމް ދިނުން 2016 ގެ ޖަލްސާގެ މަންޒަރެއް. ފޮޓޯ: ހއ. އަތޮޅު ކައުންސިލް


ތިލަދުންމަތީ އުތުބުރީ އަތޮޅު ކައުންސިލުން ދެއްވަމުން ގެންދަވާ އިނާމަށް އެދޭ ފަރާތްތަކުން އެކަމަށް އެދި ފޯމް ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ. އަތޮޅު ކައުންސިލުން ޢާންމުކުރައްވާފައިވާ އިޢުލާނުގައިވާ ގޮތުން މި އިނާމަށް އެދި ހުށަހަޅުއްވަން ބޭނުންވާ ފަރާތްތަކުން 14 ސެޕްޓެމްބަރ 2017 ން 15 އޮކްޓޯބަރ 2017 ގެ ނިޔަލަށް އެބޭފުޅަކު ބޭނުންފުޅުވާ ދާއިރާއަކުން ފޯމް ހުށަހެޅުމުގެ ފުރުސަތު އެބައޮތެވެ.

ތިލަ އުތުރު އުއްތަމަ އަރުތަވެރިންގެ އިނާމު ދިނުމުގެ ސިޔާސަތުގެދަށުން ހަ ދާއިރާއަކުން އިނާމު ދިނުމަށް ހަމަޖެހިފައިވެއެވެ. މިގޮތުން އިނާމު ދެވޭ ދާއިރާތަކަކީ 

ޝަރަފުވެރިކަމުގެ އިނާމު

މަތީދަރަޖަ ހޯދާފަރާތްތަކަށް ދެވޭ ޚާއްޞަ އިނާމު

ހިތްވަރު ދިނުމުގެ އިނާމު

ކައުންސިލުންދޭ ޚާއްސަ އިނާމު

ހިންގުންތެރިކަމުގެ އިނާމު

ޚާއްސަ ޚިދުމަތުގެ އިނާމު

މިފަދަ އިނާމުތަކެއް ދިނުމުގެ ބޭނުމަކީ ޤައުމީ ފެންވަރުގައާއި އަތޮޅު ފެންވަރުގައި ފާހަގަކުރެވޭ ފަދަ ޚިދުމަތްތަކެއް އަތޮޅަށް ކޮށްދެއްވަމުން ގެންދަވާ ފަރާތްތަކުގެ އަގު ވަޒަންކުރުމާއި، ޢިލްމީގޮތުން ޤާބިލް ޖީލެއް ހއ. އަތޮޅުގައި  އުފެއްދުމާއި ޢިލްމު ހޯދުމަށް ދަރިވަރުން ކުރައްވާ މައްސައްކަތުގެ އަގުވަޒަން ކުރުމާއި ، ކުޅިވަރު ކުރިއެރުވުމާއި އަދި އިޖްތިމާޢީ ދާއިރާގައި މަސައްކަތް ކުރައްވާ ފަރާތްތަކުގެ އަގުވަޒަން ކޮށް އެ ފަރާތްތަކަށް ހިތްވަރު ދިނުމެވެ.

ތިލަދުންމަތީ އުތުރުބުރީ އަތޮޅު ކައުންސިލުން މިފަދަ އިނާމެއް ދެއްވަން ފައްޓަވާފައިވަނީ 2015 ވަނަ އަހަރުން ފެށިގެންނެވެ. މިއީ މިގޮތުން އިނާމު ދެވޭ ތިންވަނަ ފަހަރެވެ.

ތިލައުތުރު އުއްތަމަ އަރުތަވެރިންގެ އިނާމަށް އެދި ވަޑައިގަންނަވާ ފަރާތްތަކުން ފުރިހަމަ ކުރައްވަންޖެހޭ ފޯމް މި ވެބްސައިޓްގެ ޑައުންލޯޑްސް ބައިގެ ފޯމްތަކުން ލިބިވަޑައި ގަންނަވާނެއެވެ. އަދި އިނާމު ދިނުމާބެހޭ ސިޔާސަތު ބައްލަވަން ބޭނުންފުޅުވާނަމަ ޑައުންލޯޑްސް ބައިގެ އުސޫލްތަކުގެ ލިންކުން ފެނިވަޑައި ގަންނަވާނެއެވެ.،