ރޮހިންޖާ މުސްލިމުންނަށް އެހީވުމުގެ ގޮތުން ދިއްދޫގައި ފަންޑު ފޮއްޓެއް ބަހައްޓާގޮތަށް ހަމަޖައްސައިފި

21558539_1177006285733948_1867640731861207903_n

ރޮހިންޖާ މުސްލިމުންނަށް އެހީވެުމުގެ ގޮތުން ދިއްދޫގައި ހުންނަ ސަރުކާރުގެ މުވައްސަސާތަކާއެކު ބޭއްވުނު ބައްދަލުވުން ފޮޓޯ: ހއ. އަތޮޅު ކައުންސިލް


ބަރުމާގައި ދިރިއުޅެމުންދާ ރޮހިންޖާ މުސްލިމުންނަށް ލާއިންސާނީ އަދަބުތައްދީ އެމީހުން ދިރިއުޅޭ ގެތަކުގައި އަލިފާންޖަހާ މުސްލިމުން މަރަމުން ގެންދިއުމާ ގުޅިގެން މަގުމަތިވެފައިވާ އަޅުގަނޑުމެންގެ އަޚުންނާއި އުޚުތުންނަށް އެހީވުމުގެ ގޮތުން ފަންޑު ފޮއްޓެއް ބެހެއްޓުމަށް ދިއްދޫގައި ހުރި ސަރުކާރުގެ މުވައްސަސާތަކުން ނިންމައިފިއެވެ.

ހއ. އަތޮޅު ކައުންސިލާއި ދިއްދޫ ކައުންސިލްގެ އިތުރުން ދިއްދޫގައި ހުންނަ ސަރުކާރުގެ މުވައްސަސާތަކާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ އިސްވެރިންނާއި ދިއްދޫގައި ހަރަކާތްތެރިވާ ކްލަބު ޖަމްޢިއްޔާތަކުގެ އިސްވެރިންނާއެކު މިއަދު ބޭއްވުނު ބައްދަލުވުމުގައި ނިންމާފައިވަނީ ދިއްދޫގައި މިހާރު ކުޅެވެމުންދާ އަޝްހާޢީދުގެ ފުޓްބޯޅަ މުބާރާތުގެ އިންޓަވަލް ވަގުތުގައި ފަންޑުފޮށި އިފްތިތާޙު ކުރުމަށެވެ.

އެހެންކަމުން މިފަދަ ވަގުތެއްގައި އަޅުގަނޑުމެންނަށް ކޮށްދެވޭނެ ކަމަކީ ނިކަމެތި ޙާލުގައި އުޅެމުންދާ ރޮހިންޖާ މުސްލިމުންނަށް އެހީގެ އަތެއް ފޯރުކޮށް ދިނުމެވެ. މި ފުރުޞަތުގައި އެބޭފުޅަކަށް ވެދެއްވެން އޮތް މިންވަރަކުން އެހީތެރިކަން ފޯރުކޮށް ދެއްވުމަކީ ވަރަށްބޮޑު އެދުމެކެވެ.

މުސްލިމުންތަކެއް ހިތްދަތި ޙާލުގައި ކާނެބޯނެ އެއްޗެއްނެތި ކުޑަކުދިންނާއި މުސްކުޅިން ގޮވައިގެން ހިޔާވަހިކަމެއް ހޯދުމަށް ރެއާދުވާލު ފައިމަގުގައި ކުރަމުންދާ ދަތުރުގައި އަޅުގަނޑުމެން ހއ. އަތޮޅު ރައްޔިތުން ހެޔޮހިތުން ބައިވެރިވެ އެބައިމީހުންނަށް ޙަމްދަރުދީ ވުމަކީ އިންސާނަކަށް ވީތީ ކޮށްދެވޭނެ އެންމެއަގުބޮޑު އެއް ޚިދުމަތެވެ. އެހެންކަމުން މިފަދަ ޕްރޮގްރާމްތަކުގައި ހއ. އަތޮޅު ރައްޔިތުން ވެދެއްވާ އެހީތެރިކަމަށް މިކައުންސިލުން ފަށްފަށުން ޝުކުރު އަދާކުރަމެވެ.