ކައުންސިލަރުންނަށް އަމާޒް ކުރައްވައިގެން ބާއްވަވާ އޮރިއެންޓޭޝަން ޕްރޮގްރާމް ފެށިއްޖެ

DSCN3864

ކައުންސިލްތަކުން މި ޕްރޮގްރާމްގައި ބައިވެރިވެ ވަޑައިގަންނަވާ ބޭފުޅުން: ފޮޓޯ ހއ. އަތޮޅު ކައުންސިލް


ތިލަދުންމަތީ އުތުރުބުރީ އަތޮޅު ކައުންސިލާއި ރަށު ކައުންސިލްތަކަށް އިންތިޚާބުވެ ވަޑައިގެންނެވި ކައުންސިލަރުންނާއި، ކައުންސިލްތަކުގައި ވަޒީފާ އަދާކުރައްވާ ޒިންމާދާރު ވެރިންނަށް އަމާޒުކުރައްވައިގެން ލޯކަލް ގަވަރމަންޓް އޮތޯރިޓީގެ ފަރާތުން ބާއްވަވާ ކައުންސިލަރސް އޮރިއެންޓޭޝަން ޕްރޮގްރާމް މިއަދު ހއ. ދިއްދޫގައި ފެށިއްޖެއެވެ.

2017 އޯގަސްޓް 26 ން 28 އަށް ހިންގަވާ މި ބައްދަލުވުމުގައި ހއ. އަތޮޅުން އަށް ރަށެއްގެ ރަށުކައުންސިލުންނާއި އަތޮޅު ކައުންސިލުން ބައިވެރިވެ ވަޑައިގެންނެވިއެވެ. މި ޕްރޮގްރާމްގައި ބައިވެރިވެ ވަޑައި ނުގަންނަވަނީ ތުރާކުނު، އުލިގަން، މޮޅަދޫ، ހޯރަފުށީ، އުތީމު، ވަށަފަރު ކައުންސިލުންނެވެ.

މި ޕްރޮގްރާމް ހިންގުމުގެ ބޭނުމަކީ ލާމަރުކަޒީ އުސޫލުން ރައްޔިތުންނާ ވީހާވެސް ގާތުން ޚިދުމަތް ދިނުމުގައި ކައުންސިލްގެ ދައުރަކީ ކޮބައިކަން އަންގައި ދިނުމެވެ.

މިއަދު ހަވީރު ފެށުނު މި ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން އަތޮޅު ކައުންސިލްގެ ރައީސް އަލްފާޟިލް ޢަބްދުﷲ ޙުސައިން ވިދާޅުވީ ލާމަރުކަޒީ ޤާނޫނުގައި ކައުންސިލްތަކަށް ލާޒިލްކުރާ ކަންތައްތައް ފުރިހަމަ ކުރެވިފައިވާކަން އުފަލާއެކު ފާހަގަ ކުރައްވާކަމަށެވެ. އެގޮތުން ފޮނުވަންޖެހޭ ރިޕޯރޓްތަކާއި ޔަވްމިއްޔާތަށް ގާނޫނުގައިވާ ސުންގަޑިއަށް ފޮނުއްވާފައިވާތީ އެކަން ފާހަކޮށް ކައުންސިލްތަކަށް ނިހާޔަތަށް ޝުކުރު ދެންނެވިއެވެ. އަދި ކުރިއަށް އޮތްތަނުގައިވެސް އެކަން އެގޮތަށް ގެންގޮސްދިނުމަށް އެދިވަޑައިގެން ވާހަކަ ދެއްކެވިއެވެ.

މި ރަސްމިއްޔާތުގައި އެލް.ޖީ.އޭގެ ފަރާތުން ވާހަކަ ދައްކަވުން އެލް.ޖީ.އޭގެ ޑިރެކްޓަރ އަލްފާޟިލް މުޙައްމަދު ނަޞީރު ވިދާޅުވީ އެހެން އަހަރުތަކާ ޚިލާފަށް މިފަހަރު އޮރިއެންޓޭޝަން ޕްރޮގްރާމް ހިންގަން ރާވާފައިވަނީ ބަޖެޓްގެ ކަންތައްތައް ހުރިގޮތުން އޮންލައިންކޮށް ކަމަށެވެ. އެހެންނަމަވެސް ހއ. އަތޮޅު ކައުންސިލާއި ރަށު ކައުންސިލްތަކުގެ އިސްނެގުމާއެކު މި ޕްރޮގްރާމް މިގޮތަށް ބޭއްވުމަށް ހަމަޖެއްސީކަމަށް ވިދާޅުވިއެވެ.

މައިގަނޑު ގޮތެއްގައި މި ޕްރޮގްރާމުން އެނގިގެންދާނީ ލާމަރުކަޒު ކުރުމަކީ ކޮބައިކަމާއި ލޯކަލް ކައުންސިލްގެ ދައުރަކީ ކޮބައިކަމާއި ރަށެއްގެ ރައްޔިތުންނަށް ކައުންސިލުން ފޯރުކޮށް ދެވިދާނެ ޚިދުމަތްތަކަކީ ކޮބައިކަމާއި އެ ޚިދުމަތްތައް ފޯރުކޮށް ދިނުމުގައި މައި ސަރުކާރުން ކައުންސިލްތަކާއި މަތިކޮށްފައިވާ ޤާނޫނީ ޒިންމާތައް އަދާކުރުމުގައި ޢަމަލުކުރާނެ އުޞޫލްތައް އަންގައި ދިނުމެވެ.