ހއ.އަތޮޅު ޤުރުއާން މުބާރާތް ފެށިއްޖެ

IMG_0126

ހއ. ކެލަގައި މިހާރު ހިނގަމުންދާ އަތޮޅު ޤުރުއާން މުބާރާތުގެ ތެރެއިން


ހއ. އަތޮޅު ޤުރުއާން މުބާރާތް 1438 މިރޭ 20:45 ގައި ހއ.ކެލާގައި ފެށިއްޖެއެވެ.  މި މުބާރާތަކީ 32 ވަނަ ޤައުމީ ޤުރުއާން ކިޔެވުމުގެ މުބާރާތުގައި ހއ. އަތޮޅު ތަމްސީލް ކުރާނެ ދަރިވަރުން ހޮވުމަށް ބާއްވާ އަތޮޅު ޤުރުއާން މުބާރާތެވެ.

ހއ. އަތޮޅުގެ 11 ރަށަކުން ޖުމްލަ 69 ކުދިން ބައިވެރިވި މި މުބާރާތުގައި ބަލައިގެން ކިޔެވުމުގެ ގޮފިން 59 ދަރިވަރުންނާއި ނުބަލާ ކިޔެވުމުގެ ގޮފިން 10 ދަރިވަރުން ބައިވެރި ވެއެވެ. މިރޭގެ ފުރަތަމަ ދަންފަޅީގައި 10 ދަރިވަރަކު ކިޔަވާނެއެވެ. މިއަދު ހެނދުނު ދަންފަޅީގައި 25 ދަރިވަރަކު ކިޔަވަން ހަމަޖެހިފައި ވެއެވެ.

އަދި މިއަދުގެ މެންދުރުފަހު ދެދަންފަޅިގައި ނުބަލައި ކިޔެވުމުގެ ގޮފިން 10 ދަރިވަރުންނާއި ބަލައިގެން ކިޔެވުމުގެ ގޮފިން 14 ދަރިވަރަކު ކިޔަވާނެއެވެ. 2 ދުވަހުގެ މުއްދަތަށް ހިނގަމުންދާ މި މުބާރާތުގެ ޝަރަފްވެރި މެހުމާނަކީ މިނިސްޓަރ އޮފް ސްޓޭޓް ފޮރ އިސްލާމިކް އެފެއަރޒް އަލްޤާރީ ޢަލީ ވަޙީދު ޢަބްދުއްރަޙްމާނެވެ.

މި މުބާރާތުގެ ފަނޑިޔާރުންނަކީ 1438 ވަނަ އަހަރު ޓެލެވިޒަން މޯލްޑިވްސް އިން ގެނެސްދެއްވި އެންމެ އަލިގަދަ ތަރީގެވެސް ފަނޑިޔާރުކަން ކުރެއްވި، އިސްލާމިކް މިނިސްޓްރީގެ ވާޢިޘް އަލްޤާރީ އަޙުމަދު މައުމޫން އާއި އިސްލާމިކް ޔުނިވަރ ސިޓީގެ އެސިސްޓެންޓް ލެކްޗަރާ އަލްޤާރީ އިބްރާހީމް ޝިފާއު އާއި އިސްލާމިކް ޔުނިވަރ ސިޓީގެ އެސޯސިއޭޓް ލެކްޗަރާ އަލްޤާރީ ފާޠިމަތު ރަޝިދާއެވެ.

މި މުބާރާތް ނިންމުމުގެ ރަސްމިއްޔާތު އޮންނާނީ 07 ޖުލައި 2017 ވަނަ ދުވަހުގެރޭ 20:45 ގައެވެ. ވޭތުވެދިޔަ އަހަރު މި މުބާރާތް ބޭއްވުނީ ހއ. އުތީމުގައެވެ. މި މުބާރާތަށް ތައްޔާރުވުމުގެ ގޮތުން އަތޮޅު ކައުންސިލްގެ ޓީމެއް ހއ. ކެލާގައި ހަރަކާތްތެރި ވަމުން ދާކަމަށް އަތޮޅު ކައުންސިލުން މަޢުލޫމާތު ދެއްވައެވެ.