އަތޮޅު ކައުންސިލްގެ މުވައްޒަފުންނާ ކައުންސިލްގެ ރައީސް ބައްދަލުކުރައްވައިފި

abdulla


ތިލަދުންމަތީ އުތުރުބުރީ ރައްޔިތުންގެ ތަރައްޤީއަށާއި ރައްޔިތުންނަށް ބޭނުންވާ ޚިދުމަތްތައް އިތުރަށް ހަރުދަނާކޮށް، އަވަހަށް ޚިދުމަތް ދިނުމުގައި ސަރުކާރާ ގުޅިގެން މަސައްކަތް ކުރައްވާނެކަމަށް އަތޮޅު ކައުންސިލްގެ ރައީސް އަލްފާޟިލް ޢަބްދުﷲ ޙުސައިން ވިދާޅުވެއްޖެއެވެ. ރައީސް މިހެން ވިދާޅުވީ 04 ޖޫން 2017 ވަނަ ދުވަހު ކައުންސިލްގެ މުވައްޒަފުންނާ ބައްދަލުކުރައްވައެވެ.

އަތޮޅު ކައުންސިލްގެ މުވައްޒަފުންނާ ބައްދަލު ކުރައްވަމުން ކައުންސިލްގެ ރައީސް ދެއްކެވި ވާހަކަފުޅުގައި، ވޭތުވެދިޔަ 2 ވަނަ ދައުރުގައި އަތޮޅު ކައުންސިލުން ހާސިލްކުރަން ބޭނުންވާ ނަތީޖާ ޙާސިލްކުރެވުނީ މުވައްޒަފުން ގުޅިގެން މަސައްކަތް ކުރެއްވުމުގެސަބަބުން ކަމަށާއި އެހެންކަމުން ކައުންސިލްގެ މުވައްޒަފުން ކުރެއްވި މަސައްކަތަށް އިޚްލާސްތެރިކަމާއެކު ޝުކުރު އަދާކުރެއްވިއެވެ. އަދި މި ދައުރުގައިވެސް މުވައްޒަފުންނާ ގުޅިގެން ކައުންސިލް ހިންގުން އިތުރަށް ހަރުދަނާ ކުރެއްވުމަށް މަސައްކަތް ކުރައްވާނެކަމަށް ވިދާޅުވިއެވެ.

މި ބައްދަލުވުމުގައި އަތޮޅު ކައުންސިލަށް އަލަށް އިންތިޚާބުވެ ވަޑައިގެންނެވި ނައިބުރައީސް އަލްފާޟިލް ޢަލީ ޝަމީމުއާއި ކައުންސިލާ އަލަށް ގުޅިވަޑައިގެންނެވި ދިއްދޫ ދާއިރާގެ ކައުންސިލަރ އަލްފާޟިލް ޢަބްދުﷲ ސިރާޖާއި، ކެލާ ދާއިރާގެ ކައުންސިލަރ އަލްފާޟިލް ޢަބްދުﷲ އިންފާޒު ބައިވެރިވެ ވަޑައިގެންނެވިއެވެ.

މި ބައްދަލުވުމުގައި ވާހަކަ ދައްކަވުން ކައުންސިލްގެ ނައިބު ރައީސާއި އެހެން މެމްބަރުން ވިދާޅުވީ އެބޭފުޅުން މަސައްކަތް ކުރައްވާނީ ސިޔާސީ ފިކުރުން އެއްކިބާވެ ތިބެ ސަރުކާރާ ގުޅިގެން ރައްޔިތުންގެ ލާބައާއި މަންފާއަށް ކަމަށެވެ. އަދި ކައުންސިލްގެ ކުރިއެރުމަށާއި މުވައްޒަފުންގެ ކުރިއެރުމަށް މަސައްކަތް ކުރައްވާނެކަމަށްވެސް ވިދާޅުވިއެވެ.

މުވައްޒަފުންގެ ފަރާތުން ވާހަކަދައްކަވަމުން ކައުންސިލްގެ ޑިރެކްޓަރ ޖެނެރަލް އަލްފާޟިލް ޢަބްދުﷲ ޝަފީޤް ވިދާޅުވީ، މި ކައުންސިލްގެ މުވައްޒަފުންނަކީ ވަރަށް ހީވާގިކަމާއެކު މަސައްކަތްކުރައްވާ މުވައްޒަފުންތަކެއް ކަމަށާއި ކުރިއަށް އޮތްތަނުގައިވެސް، ކައުންސިލުން ނިންމަވާ ނިންމުންތައް ތަންފީޒު ކުރުމުގައި ސާބިތުކަމާއެކު މަސައްކަތް ކުރެއްވުމަށް މުވައްޒަފުން ތައްޔާރަށް ތިބިކަމަށެވެ. މިބައްދަލުވުމުގައި އަތޮޅު ކައުންސިލްގެ އިދާރީ މުވައްޒަފުން ބައިވެރިވެލެއްވިއެވެ.