ދެވަނަ ދައުރުގެ ކައުންސިލަރުންނަށް ޝުކުރުއަދާ ކުރައްވައިފި

12524427_991753874224768_8192254460972276077_n

ދެވަނަ ދައުރުގައި ކައުންސިލުން ބާއްވާފައިވާ ޖަލްސާއެއް


ތިލަދުންމަތީ އުތުރުބުރީ އަތޮޅުކައުންސިލްގެ ދެވަނަ ދައުރު ނިންމަވައި މަޤާމުން ވަކިވަޑައިގެންނެވި ކައުންސިލަރުންނަށް ތިންވަނަ ދައުރުގެ ރައީސް އަލްފާޟިލް ޢަބްދުﷲ ޙުސައިން ޝުކުރު އަދާކުރައްވައިފިއެވެ. އަތޮޅު ކައުންސިލްގެ މުވައްޒަފުންނާ ބައްދަލުކުރެއްވުމަށް 04 ޖޫން 2017 ވަނަ ދުވަހު ބޭއްވުނު ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން އަތޮޅު ކައުންސިލްގެ ރައީސް އަލްފާޟިލް ޢަބްދުﷲ ޙުސައިން ވިދާޅުވީ ދެވަނަ ދައުރުގައި އަތޮޅު ކައުންސިލް މެމްބަރުން އަތޮޅަށް ކުރައްވާފައިވާ ޚިދުމަތަކީ ވަރަށް އަގުހުރި ޚިދުމަތްތަކެއް ކަމަށެވެ. އަދި އެބޭފުޅަކާ ޙަވާލުކުރެއްވި ކޮންމެ މަސައްކަތެއް ކުރައްވާފައިވަނީ ނުހަނު އިޚްލާސްތެރިކަމާއެކުގައެވެ. އެހެންކަމުން ތިންވަނަ ދައުރުގެ ރައީސެއްގެ ހައިސިއްޔަތުން އެފަރާތްތަކަށް އިޚްލާސްތެރިކަމާއެކު ޝުކުރުގެ ބަސްތައް ތަކުރާރުކުރެއްވިއެވެ.

ކައުންސިލްގެ ރައީސް ވިދާޅުވީ އަތޮޅު ކައުންސިލްގެ ދެވަނަ ދައުރުގައި މަސައްކަތް ކުރެއްވި ކައުންސިލަރުންގެ ތެރޭގައި ސިޔާސީ އެކިފިކުރުގެ ބޭފުޅުން ތިއްބެއްވި ނަމަވެސް މައިގަނޑު އަމާޒަކަށް ހެއްދެވީ އެއިރެއްގައި އޮންނަ ސަރުކާރަކާ ގުޅިގެން އަތޮޅުގެ ތަރައްޤީއަށް މަސައްކަތް ކުރެވޭތޯއެވެ. އެހެންކަމުން ކައުންސިލް މެމްބަރުން އެކަން ގެންދަވާފައިވަނީ ވަރަށް ފުރިމައަށްކަން ފާހަގަ ކުރެއްވިއެވެ.

އަދި މީގެއިތުރުން އަތޮޅު ކައުންސިލަރުންގެ ދެވަނަ ދައުރުގައި ކައުންސިލުން ކުރަން ކަނޑައަޅާފައިވާ މައިގަނޑު ހުރިހާކަމެއްވަނީ ނިންމިފައެވެ. އެންމެފަހުން ހަމަޖެހިގެން މިދިޔައީ އަތޮޅުގައި ތިއްބަވައިގެން އަތޮޅު ރައްޔިތުންނަށް ޕާސްޕޯޓް ހެއްދޭނެ ނިޒާމެއް ހަމަޖެހިގެން ދިއުމެވެ.. އެއީވެސް ވަރަށް ގިނަ ގޮންޖެހުންތަކާއެކު ކައުންސިލް މެމްބަރުން ކުރެއްވި މަސައްކަތުގެ ނަތީޖާއެވެ.

ތިންވަނަ ދައުރަކީވެސް އިރާދަކުރެއްވިއްޔާ އަތޮޅަށް އަދި ކައުންސިލްގެ ކުރިއެރުމަށް އިތުރު މަސައްކަތްކުރާނެ ދައުރަކަށް ވެގެންދާނެކެމަށް އުއްމީދުކުރައްވާ ކަމަށް ކައުންސިލްގެ ރައީސް ވިދާޅުވިއެވެ.