އަތޮޅުގައި ތިއްބަވައިގެން ޕާސްޕޯޓާބެހޭ ޚިދުމަތް ދިނުމުގެ އެއްބަސްވުމުގައި ސޮއިކުރައްވައިފި

18765647_1356667744400044_1710411149626948792_n

ޕާސްޕޯޓް ހެއްދުމާބެހޭ ޚިދުމަތް ދިނުމުގެ  އެއްބަސްވުމުގައި ސޮއިކުރެއްވުން


އަމިއްލަ އަތޮޅުގައި ތިއްބަވައިގެން ދިވެހި ޕާސްޕޯޓް ހެއްދުމާބެހޭ ޚިދުމަތް ހއ. އަތޮޅު ރައްޔިތުންނަށް ފޯރުކޮށްދެއްވުމުގެ އެއްބަސްވުމުގައި ޑިޕާރޓްމަންޓް އޮފް އިމިގެރޭޝަން އެންޑް އެމިގްރޭޝަނާއި ހއ. އަތޮޅު ކައުންސިލާ ދެމެދު ސޮއިކުރައްވައިފިއެވެ. މިކަމަށްޓަކައި 29 މެއި 2017 ވަނަ ދުވަހު އިމިގްރޭޝަނުގައި ބޭއްވުނު ޚާއްސަ ރަސްމިއްޔާތެއްގައި އިމިގްރޭޝަންގެ ފަރާތުން ސޮއިކުރެއްވީ އެސިސްޓެންޓް ކޮންޓްރޯލަރ އަލްފާޟިލް ޚާލިދު ފަތުޙުﷲ އެވެ. އަތޮޅު ކައުންސިލްގެ ފަރާތުން ސޮއިކުރެއްވީ އަތޮޅު ކައުންސިލްގެ ރައީސް އަލްފާޟިލް މުހައްމަދު ރަޝީދެވެ.

މި އެއްބަސްވުމުގެ ފުރަތަމަ ފިޔަވަހީގެ ދަށުން ހއ. އަތޮޅު އިމިގްރޭޝަން ކަލެކްޝަން ސެންޓަރުން ޕާސްޕޯރޓަށް އެދި ހުށަހަޅާފޯމް ބަލައިގަތުމާއި ފޮޓޯނެގުމުގެ ޚިދުމަތް މިމަހުގެ 31 ން ފެށިގެން ކުރިއަށް ދާނެއެވެ. އުއްމީދުކުރެވެނީ މުސްތަގުބަލްގައި ޕާސްޕޯރޓް އަތޮޅުން ލިބޭނެ އިންތިޒާމް ހަމަޖެހިގެން ދިއުމެވެ. މި އެއްބަސްވުމުގެ ފުރަތަމަ ފިޔަވަހީގައި ހަމަޖެހިފައިވާގޮތުން ޕާސްޕޯރޓް ނަގަން ދުރުވަންޖެހޭނީ މާލެ ނުވަތަ ކުޅުދުއްފުއްޓަށެވެ.

މިޚިދުމަތް ހއ. އަތޮޅު ރައްޔިތުންނަށް ފޯރުކޮށްދެއްވުމަށް 2014 ވަނައަހަރުންފެށިގެން ހއ. އަތޮޅު ކައުންސިލުން ގެންދިޔައީ އެކި ގޮތްގޮތުން މެދު ނުކެނޑި މަސައްކަތް ކުރަމުންނެވެ. އެގޮތުން އަތޮޅު ކައުންސިލުން ޚަރަދު ކުރައްވައިގެން އަތޮޅުގޭގައި މިކަމަށް ޚާއްސަ އޮފީސް ރޫމެއްވެސް ތައްޔާރުކުރެވިފައި ވެއެވެ.

މިޚިދުމަތް ހއ. އަތޮޅުގައި ގާއިމުވެގެން ދިއުމުން ޕާސްޕޯޓް ހެއްދުމަށް އަތޮޅުން ބޭރަށް ކުރަންޖެހޭ ދަތުރުތަކަށް ކޮންމެވެސް ވަރެއްގެ ލުއިކަމެއް ލިބިގެންދާނެއެވެ. މުސްތަގުބަލްގައި އަތޮޅުން ޕާސްޕޯރޓް ލިބޭނެގޮތް ހަމަޖެހިގެން ދާނެއެވެ.