އަތޮޅު ކައުންސިލަށް އިންތިޚާބުވެ ވަޑައިގެންނެވި ކައުންސިލަރުންނަށް މަޢުލޫމާތު ދިނުން

DSCN3770

ކުރިއަށްއޮތް 3 އަހަރު ދުވަހަށް ހއ. އަތޮޅު ކައުންސިލަށް އިންތިޚާބުވެވަޑައިގެންނެވި އަތޮޅު ކައުންސިލަރުންނަށް އިންތިގާލީ މަރުޙަލާގައި މަޢުލޫމާތު ދިނުމުގެ ބައްދަލުވުމެއް ހއ. އަތޮޅު ކައުންސިލް އިދާރާގައި ބާއްވައިފިއެވެ. މި ބައްދަލުވުމުގައި އަލަށް އިންތިޚާބުވެ ވަޑައިގެންނެވި ކައުންސިލަރުންނާއި މިދައުރުގެ ބައެއް ކައުންސިލަރުން ބައިވެރިވެ ވަޑައިގެންނެވިއެވެ.

މި ބައްދަލުވުން ތަޢާރަފްކޮށްދެއްވީ އަތޮޅު ކައުންސިލްގެ މިދައުރުގެ ރައީސް އަލްފާޟިލް މުޙައްމަދު ރަޝީދެވެ. މީގެއިތުރުން އަތޮޅު ކައުންސިލްގެ ޑިރެކްޓަރ ޖެނެރަލް ޢަބްދުﷲ ޝަފީޤުވެސް ބައްދަލުވުމާބެހޭގޮތުން ވާހަކަ ދެއްކެވިއެވެ.

މިބައްދަލުވުމުގައި އަތޮޅާބެހޭ މަޢުލޫމާތު ހިމެނޭ ޕްރެޒެންޓޭޝަން ހުށަހަޅުއްވައި ދެއްވީ ޑިރެކްޓަރ ޢަބްދުﷲ ނަޢީމެވެ. އަތޮޅު ކައުންސިލަށް އަލަށް ވަޑައިގެންނެވި ބޭފުޅުންނަށް އަތޮޅާބެހޭ މަޢުލޫމާތު ހިމެނޭ ފޮތް ޙަވާލުކުރުންވެސް މި ބައްދަލުވުމުގައި އޮތެވެ.

ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނަށް ގެނެވިފައިވާ ބަދަލުގެ ސަބަބުން ކުރިއަށްއޮތް ތިންއަހަރަށް އިންތިޚާބުވެފައިވާ ކައުންސިލްގައި ( އަތޮޅު ކައުންސިލްގައި ) ތިއްބަވަނީ 5 ކައުންސިލަރުންނެވެ. އެއީ އިދާރީ ކޮންމެ ދާއިރާއަކުން ކައުންސިލަރެކެވެ. ހުސްވި ދެވަނަ ދައުރުގައި ތިއްބެވީ 10 ކައުންސިލަރުންނެވެ. އެއީ ކޮންމެ ދާއިރާއަކުން 2 ކައުންސިލަރުންނެވެ.