ތަކަންދޫގައި ކުޑަކުދިންގެ ޕާކެއް ހުޅުވައި ދެއްވައިފި

IMG_0116

ހއ. ތަކަންދޫގައި ހުޅުވުނު ކުޑަކުދިންގެ ޕާރކް


ހއ. ތަކަންދޫގައި ކުޑަކުދިންގެ ޕާރކެއް ހުޅުވައިފިއެވެ. ތަކަންދޫ ބަނދަރު ސަރަޙައްދުގައި ގާއިމުކުރެވުނު ހިތްގައިމު މި ޕާރކް ހުޅުއްވައި ދެއްވީ މިކަމަށްޓަކައި މިދިޔަ އޭޕްރީލް 30 ވަނަ ދުވަހުގެ ހަވީރު ބޭއްވި ރަސްމިއްޔާތެއްގައި ހއ. އަތޮޅު ކައުންސިލްގެ ރައީސް އަލްފާޟިލް މުޙައްމަދު ރަޝީދެވެ. ތަކަންދޫގައި ގާއިމުކުރެވުނު މި ޕާރކަކީ ތަކަންދޫ ކައުންސިލާއި ތަކަންދޫ ރައްޔިތުންގެ ޚަރަދުގައި ގާއިމުކުރެވުނު ޕާރކެކެވެ. މި ރަސްމިއްޔާތުގައި ތަކަންދޫ ދާއިރާގެ އަތޮޅު ކައުންސިލް މެމްބަރ އަލްފާޟިލް ހުސައިން ނަސީރާއި ތަކަންދޫ ކައުންސިލް މެމްބަރުންނާއި ތަކަންދޫގައި ހުންނަ ސަރުކާރު މުވައްސަސާތަކުގެ އިސްވެރިންނާއި ރައްޔިތުން ބައިވެރިވެ ލެއްވިއެވެ.

މަޢުލޫމާތު ލިބުނުގޮތުގައި މި ޕާރކުގައި އަތުރާފައިވާ ތަކެއްޗަކީ ކައުންސިލްގެ ބަޖެޓުން ޚަރަދުކޮށްގެން ގެނެސްފައިވާ ތަކެއްޗެވެ. ޕާރކު ހެދުމުގެ ޢަމަލީ މަސައްކަތް ކުރައްވާފައިވަނީ ތަކަންދޫ ކައުންސިލް މެމްބަރުންނާއި ތަކަންދޫ ރައްޔިތުން ގުޅިގެންނެވެ. ގާތްގަޑަކަށް 300،000 ( ތިންލައްކަ ރުފިޔާ ) ޚަރަދުކޮށްގެން ހުޅުވުނު މިޕާކަކީ ތަކަންދޫގައި ހުޅުވުނު މިފަދަ ފުރަތަމަ ޕާކެވެ. އަދި މީގެއިތުރުން ރަށުގެ އެކި ސަރަހައްދުގައި ޑަސްބިން ބެހެއްޓުމަށް ހިންގާ މަޝްރޫޢުގެ ދަށުން ބަނދަރު ސަރަހައްދުގައި ޑަސްބިން ބެހެއްޓުންވެސް އިފްތިތާޙު ކުރެވިގެން ގޮސްފައިވެއެވެ.