ފަހިދުވެލި ޕްރޮމޯޝަންކަޕް 2016 ގެ ޗެންޕިއަންކަން ބީ.އެކްސް. ސްޕޯޓްސްއިން ހޯދައިފި

DSCN3445

ތިލަދުންމަތީ އުތުރުބުރީ އަތޮޅު ކައުންސިލުން ކުރިއަށް ގެންދިޔަ ފަހިދުވެލި ޕްރޮމޯޝަން ކަޕްގެ ފޯރިގަދަ ފައިނަލްމެޗްގައި ބީ.އެކްސް ސްޕޯޓްސް އާއި މިޑްލް ސްޕޯޓްސް ބައްދަލުކޮށްގެން 6 ލަނޑު 4 ލަނޑުން މޮޅުވެގެން ބީ.އެކްސް ސްޕޯޓްސް އިން ޗެންޕިއަންކަން ހޯދައިފިއެވެ. ފައިނަލް މެޗުގައި ބީ.އެކްސް ސްޕޯޓްސް ކްލަބަށް 3 ލަނޑު ޖަހައި ދީފައިވަނީ ދިއްދޫގައި މީހާރު އެންމެ ކުރިއަރަމުން އަންނަ ކުޅުންތެރިޔާ އެޓީމްގެ ޖާރޒީ ނަމްބަރ 13 ފަތުހުއްﷲ ޖަމީލެވެ. ބީ.އެކްސް ޓީމުގެ ފުރަތަމަ ލަނޑު ޖަހާފައިވަނީ ޖާރޒީ ނަމްބަރ 6 ހުސައިން ޝާފިއެވެ. ދެވަނަ ލަނޑު ޖަހާދީފައިވަނީ ރަށުން ބޭރުގެ ކުޅުންތެރިޔާ ޖާރޒީ ނަމްބަރ 7 ޢަބްދުﷲ އިޚްވާނެވެ. އަދި ބީއެކްސަށް ފަސްވަނަ ގޯލު ޖަހާފައިވަނީ ޖާރޒީ ނަމްބަރ 20 ޖައިލަމް ޒާހިރުއެވެ.

މިޑްލް ސްޕޯޓްސް ކްލަބުގެ ފުރަތަމަ ގޯލް ޖަހާފައިވަނީ އެޓީމުގެ ޖާރޒީ ނަމްބަރ 7 ޢަލީ މުސްތަފާއެވެ. އަދި އެޓީމަށް ދެ ގޯލް ކާމިޔާބުކޮށްދިނީ ޖާރޒީ ނަމްބަރ 16 އިބްރާހީމް ވަހީދެވެ. ތިންވަނަ ގޯލް ޖަހާފައިވަނީ ޖާރޒީ ނަމްބަރ 77 އަބޫބަކުރު ރާޝިދުއެވެ. އަބޫބަކުރަކީ މި މުބާރާތުގައި އަވަސް ކުޅުމެއް ދައްކާފައިވާ އަދި ބޯޅަ ހޯދުމުގައި ހިތްވަރާއެކު މަސައްކަތްކުރި ކުޅުންތެރިއެކެވެ. މި މުބާރާތުގެ ރަނައަޕް ޓީމަކީ އަދި ފެއަރޕްލޭ ޓީމަކީވެސް މިޑްލް ސްޕޯޓްސްއެވެ.

ފައިނަލް މެޗަށްފަހު މުޅި މުބާރާތުގެ އެކިވަނަތަކަށް ހޮވިފައިވާ ފަރާތްތަކަށް އިނާމާއި ތަށްޓާއި ޓްރޮފީ ޙަވާލުކުރެވުނެވެ. މިނަމްބަރުތައް ފުރިހަމަކޮށްދެއްވީ އަތޮޅު ކައުންސިލްގެ ރައީސް މުޙައްމަދު ރަޝީދާއި ނައިބު ރައީސް އިބްރާހީމް ރަޝީދާއި މޯލްޑިވްސް ޕޮލިސް ސަރވިސް ހއ. އަތޮޅު ކޮމާންޑަރ މުޙައްމަދު ޢަބްދުﷲ އާއި ދިއްދޫ ކައުންސިލްގެ ރައީސް އިބްރާހީމް ސިނާނެވެ.

DSCN3437
މި މުބާރާތުގެ ޗެންޕިއަން ޓީމަށް އިނާމާއި ތަށްޓާއި ޓްރޮފީ ޙަވާލުކޮށްދެއްވީ މި މެޗްގެ ޝަރަފުވެރި މެހުމާން ރައްޔިތުން މަޖްލިސްގެ ދިއްދޫ ދާއިރާގެ މެމްބަރ އަލްފާޟިލް ޢަބްދުއްލަތީފު މުހައްމަދެވެ.

DSCN3404
ފުޓްބޯޅަ މުބާރާތެއްގައި މުޅިންއަލަށް މިހާތަނަށް ތައާރަފު ކުރެވުނު ވަރަށް ޚާއްސަ އިނާމެއް ޚާއްސަ 2 ފަރާތަކަށް ދެވިގެން ދިޔައެވެ. އެއީ ފަހިދުވެލި ފުޓްބޯޅަ މުބާރާތް ފެށުނީއްސުރެ މެދުނުކެނޑި ޓީމްތަކަށް ސަޕޯޓް ކުރެއްވުމުގައި ހިނިއަންނަ މަޖާ ގޮތްގޮތަށް އެކި ރާގުރާގަށް ކުޅުންތެރިން ޝައުގުވެރިވާ ފެންވަރުގައި ސަޕޯޓްކޮށްފައިވާތީ ދެވުނު އިނާމެކެވެ. މި އިނާމު ލިބިލެއްވީ ހއ. ދިއްދޫ ދެކަނބަލުން ކަމަށްވާ ފެޒުލީނާ ޢަބްދުއްސައްތާރާއި، ޒީނާ އަށެވެ..

މި މުބާރާތް ނިމުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އަތޮޅު ކައުންސިލްގެ ރައީސް މުޙައްމަދު ރަޝީދު ވިދާޅުވީ މި މުބާރާތް އަމާންކަމާއެކު ހިތްފަސޭހަގޮތެއްގައި ކުރިއަށް ގެންދިއުމުގައި ދިއްދޫ ރައްޔިތުންގެ ފަރާތުން ދެއްވި ފުރިހަމަ އެއްބާރުލުމަށްޓަކައި އަތޮޅު ކައުންސިލްގެ ނަމުގައި ދިއްދޫ ރައްޔިތުންނަށް ޝުކުރު އަދާކުރެއްވިއެވެ.